ސިޔާސީ

ދާޚިލީ ކަންކަން ނިންމަން ކޮންމެފަހަރަކު ބޭރުގެ އެހީ ބޭނުމެއްނޫން


ރާއްޖޭގެ އިޤްތިޞާދަށާއި، ރައްޔިތުންގެ ދިރިއުޅުމަށް އަންނަ ބަދަލުތަކާއެކު ރައީސް ޔާމީނާއި، އެމަނިކުފާނުގެ އަރިހުގައި މަސައްކަތްކުރައްވާ ބޭފުޅުން ބޭނުންފުޅުވަނީ، ރާއްޖޭގެ ދާޚިލީ ކަންކަމާއި، މަދަނީ ކަންކަން ނިންމެވުމަށް ކޮންމެ ފަހަރަކު ބޭރުގެ ފަރާތްތަކުގެ އެހީތެރިކަން ބޭނުންނުވާކަން މުޅިދުނިޔެއަށް ދައްކަވައިދެއްވަންކަމަށް ރައީސުލްޖުމުހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

މާމިނގިލީގެ ފެނުގެ ނިޒާމު އިފްތިތާޙުކޮށްދެއްވުމަށް އެރަށުގައި ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ރައީސް ޔާމީން ވިދާޅުވީ، ރާއްޖެއަށް އަންނަމުން މިދާ ބަދަލުތަކާއެކު ބޭނުންފުޅުވަނީ ދިވެހިންގެ ކަންކަން ރައްޔިތުންނަށް ޤަބޫލުކުރެވޭ ގޮތަށް އިންސާފުވެރިކަމާއެކު ކޮށްދެވިދާނެކަންވެސް ދުނިޔެއަށް ދައްކަވައިދެއްވުމަށް ކަމަށެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ރައީސް ޔާމީން ވިދާޅުވީ، އެމަނިކުފާނުގެ ސަރުކާރުން، އެއްވެސް މީހެއްގެ އިންސާނީ ޙައްޤަކަށް އަރާވަޑައިނުގަންނަވާނެކަމަށެވެ. އެގޮތުން ސަރުކާރަށް މިވީ މުއްދަތުގެ ތެރޭގައި އެއްވެސް މީހަކު ކޯޓު އަމުރެއް ނެތި ޝަރީޢަތުގެ މަޖިލީހުގެ ބޭރުން ހައްޔަރުކުރައްވާފައި ނުވާނެކަމަށާއި، ކުރިއަށް އޮތް ތާނގައިވެސް އެފަދަ ކަމެއް ސަރުކަރުން ނުކުރައްވާނެކަމަށެވެ.

މި ރަސްމިޔާތުގައި ވަހަކަފުޅުދައްކަވަމުން ރައީސް ޔަމީން ވަނީ، ސަރުކާރުން އިސްނަންގަވައިގެން ސިޔާސީ ޕާޓީތަކާއެކު މިހާރު ކުރިއަށް ގެންދަވާ މަޝްވަރާތަކަށް އިދިކޮޅު ފަރާތްތަކުން އައުމަށް ކުރައްވާ އިލްތިމާސް ތަކުރާރުކުރައްވާފައެވެ. އެގޮތުން މަޝްވަރާތަކަށް ސަރުކާރުން ގޮވާލެއްވީ އެއްވެސް ކަމަކަށް ޝަރުޠުކުރައްވާފައި ނޫންކަމަށްވާއިރު، މަޝްވަރާގެ މޭޒަށް ވަޑައިގެން، އެންމެން އެއްބަސްވާ ގޮތަކަށް ކަންކަން ނިނެމެވުމަށް ރައީސްޔާމީން މިއަދުވެސް ވަނީ އިލްތިމާސް ކުރައްވާފައެވެ.