ޚަބަރު

ދައުލަތުން ދީފައިވާ އެސްއެމްއީ ލޯނުތައް މަޢާފު ކޮށްދޭނަން: ޤާސިމް


  • ވެރިކަމުގެ ފުރަތަމަ ދުވަހުން ފެށިގެން ދައުލަތުން ދީފައިވާ އެސްއެމްއީ ލޯނު މަޢާފު ކޮށްދޭނަން

  • ޢާންމު ވަޢުދުތަކުގެ ތެރޭގައި ކޮންމެ ރަށެއްގެ ބަނދަރު މަތީ މިސްކިތެއް ބިނާ ކުރުން

  • އަދި ބަނދަރުމަތީ ފާޚާނާ ބަރިއެއް އެޅުމާއި، އެ ރަށަކަށް އެންމެ ބޭނުންވާ 5 ކަމެއް ކޮށްދިނުން

  • ވޯޓު ލާ އިރު، މާޒީގައި ރައްޔިތުންނަށް ޚިދުމަތް ކޮށްދެއްވީ ކާކުކަން ވިސްނަވައިގެން ވޯޓު ދެއްވާ

ކުދި އަދި މެދު ފަންތީގެ ވިޔަފާރި ހެދުމަށް، ދައުލަތުން ދީފައިވާ އެސްއެމްއީ ލޯނު، މަޢާފު ކޮށްދެއްވާނެކަމަށް ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ޖުމްހޫރީ ޕާޓީގެ ފަރާތުން ވާދަކުރައްވާ ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

އއ. މަތިވެރީގައި ބޭއްވި ޖުމްހޫރީ ޕާޓީގެ ކެމްޕޭނު ޖަލްސާގައި ވާހަކަދައްކަވަމުން، އެ ޕާޓީގެ ލީޑަރ އަދި ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާހިމް ވިދާޅުވީ، ރަށްރަށުގެ އިތުރުން، މާލޭގައި ވިޔަފާރި ފެށުމަށް ދައުލަތުން ދީފައިވާ އެސްއެމްއީ ލޯނު ރަސުލްޖުމްހޫރިއްޔާކަމުގެ މަޤާމާއި ހަވާލުވާ އެންމެ ފުރަތަމަ ދުވަހުން ފެށިގެން، މަޢާފު ކޮށްދެއްވާނެކަމަށެވެ. މި ލޯނު ދީފައިވަނީ ސަރުކާރުން ވަކި ޕޮލިޓިކަލް އެޖެންޑާއެއް ޙާސިލްކުރުމަށްކަމަށް ޤާސިމް ވަނީ ތުހުމަތުކުރައްވާފައެވެ.

އެހެންކަމުން ހުރިހާ ވިޔަފާރިވެރިންނަށްވެސް އިންސާފު ލިބޭނެ ގޮތް މަގުފަހި ކޮށްދިނުމަށްޓަކައި، ބިލިއަނުން ލޯނު ނަގާފާވީނަމަވެސް، އެ ލޯނެއް މަޢާފުކޮށްދެއްވާނެކަމަށް ޤާސިމް ވިދާޅުވިއެވެ.

"ތިބޭފުޅުން އަޅުގަނޑު ހޮވައްވައިފިނަމަ، ސަރުކާރުން ދީފައި ހުރި، ހުރިހާ އެސްއެމްއީ ލޯނެއް މަޢާފް ކޮށްދޭނަން. ރަށުގައި ނަމަވެސް، ނުވަތަ މާލޭގައި ނަމަވެސް، ވިޔަފާރި ފެށުމަށް ނަގާފައިވާ ލޯނު މަޢާފު ކޮށްދޭނަން. ބިލިއަނުން ނަގާފައި ހުރި ނަމަވެސް، ޒީރޯއަށް ބަދަލު ކޮށްދޭނަން." ޤާސިމް ވިދާޅުވިއެވެ.

ޤާސިމް އަންނަނީ ކޮންމެ ރަށަކަށްވެސް ޢާންމު ވަޢުދުތަކެއް ވަމުންނެވެ. އެގޮތުން ކޮންމެ ރަށެއްގެވެސް ބަނދަރުމަތީ މިސްކިތެއް ބިނާ ކޮށްދިނުމާއި، ދަތުރުވެރިންނަށް ފާޚާނަ ބަރިއެއް އަޅާ ދިނުމުގެ އިތުރުން، ކޮންމެ ރަށެއްގައިވެސް ރައްޔިތުން އެންމެ ބޮޑަށް އެދޭ، 5 ކަމެއް ކޮށްދިނުން ހިމެނެއެވެ.

މީގެ އިތުރުން ވޯޓުލާއިރު، ރައްޔިތުން ރަނގަޅަށް ވިސާނާގެން ފާހަގަ ޖެއްސެވުމަށް ޤާސިމް އަންނަނީ ތަކުރާރުކޮށް ހަނދާންކޮށްދެމުންނެވެ. އެގޮތުން، މާޒީގައި ރައްޔިތުންގެ ހެވާއި ލާބަޔަށްޓަކައި ޤައުމަށް ޚިދުމަތް ކޮށްދެއްވީ ކޮންކޮން ބޭފުޅެއްކަން ވިސްނަވައިގެން، ވޯޓު ދެއްވުމަށް ޤާސިމް ގޮވާއްލެވިއެވެ.