ޚަބަރު

ޕީޖީ އޮފީހުގެ ސްޓްރެޓިޖިކް ޕްލޭން އިފްތިތާޙް ކޮށްފި


ޕްރޮސެކިއުޓަރ ޖެނަރަލްގެ އޮފީހުގެ ކުރިއަށް އޮތް 4 އަހަރުގެ ސްޓްރެޓިޖިކް ޕްލޭން އިފްތިތާޙުކޮށްދެއްވައިފިއެވެ.

މިކަމަށްޓަކައި ރޭ ބަނޑޮސް އައިލެންޑް ރިޒޯޓްގައި ބޭއްވެވި ރަސްމިއްޔާތުގައި މި ސްޓްރެޓީޖިކް ޕްލޭން އިފްތިތާޙުކޮށްދެއްވީ، އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ސަޢީދެވެ.

2008 ވަނަ އަހަރު ޕްރޮސިކިއުޓަރ ޖެނަރަލްގެ އޮފީސް އުފެއްދެވިފަހުން، އެކުލަވާލެވުނު ފުރަތަމަ ސްޓްރެޓީޖިކް ޕްލޭން ރޭ އިފްތިތާޙުކޮށްދެއްވުމަށްފަހު ވާހަކަފުޅުދައްކަވަމުން، ޕްރޮސިކުއުޓަރ ޖެނަރަލް އަލްއުސްތާޛާ ޢާއިޝަތު ބިޝާމް ވިދާޅުވީ، މި ޕްލޭން އެކުލަވާލައްވާފައިވަނީ، ޕީ.ޖީ އޮފީހުން ޙާޞިލްކުރައްވަން ބޭނުންވާ ލަނޑުދަނޑިތަކާއި، އެލަނޑުދަނޑިތަކަށް ވާޞިލުވުމަށް ބޭނުންވާ ޙަރަކާތްތަކާއި، ކަންކަމުގެ މައްޗަށް ކަމަށެވެ. އަދި  މިޕްލޭން އެކުލަވާލާފައިވަނީ ޕީ.ޖީ އޮފީހުގެ މަސައްކަތްތައް ހަރުދަނާކުރުމަށް ބޭނުންވާ ޤާނޫނީ އޮނިކަނޑުތަކާއި، އުޞޫލުތަކާއި، ވަޞީލަތްތަކަށް އިސްކަން ދެއްވައިގެން ކަމަށާއި، ކުރިއަށް އޮތް 4 އަހަރު ދުވަހައް އަމާޒުކުރައްވައި އެކުލަވާލައްވާފައިވާ މި ސްޓްރެޓީޖިކް ޕްލޭން ރޭވުންތެރިކަމާއެކު، ތަންފީޒުކުރައްވައި، ކަނޑައަޅާފައިވާ އަމާޒަށް އެމުއައްސަސާއަށް، ވާޞިލްވެވޭނެކަމުގެ ޔަޤީންކަން އެބަ އޮތްކަމަށް ޕީ.ޖީ ބިޝާމް ވަނީ ވިދާޅުވިއެވެ.

ބިޝާމް ވިދާޅުވީ، މި ޕްލޭންގެ މަޤުޞަދު ޙާޞިލުކުރެއްވުމަށް މުވައްޒަފުންގެ އެއްބާރުލުމާއި، ޕީ.ޖީ އޮފީހުގެ މަސައްކަތްތަކާއި ގުޅުން ހުރި އިތުރު މުއައްސަސާތަކުގެ އެއްބާރުލުން ބޭނުންފުޅުވާ ކަމުގައެވެ.

ރޭގެ ރަސްމިއްޔާތުގައި ޕްރޮސިކިއުޓަރ ޖެނަރަލްގެ އޮފީހުގެ އާ ލޯގޯއާއި، ކުލަޔާއި، ދިދައިގެ އިތުރުން، އެއޮފީހުގެ ދިދަވެސް ވަނީ އިފްތިތާޙުކުރައްވާފައެވެ.