ސިޔާސީ

ޕީޕިއެމް މަހާސިންތާ މިރޭ ފަށަނީ


ޕީ.ޕީ.އެމްގެ ކެމްޕެއިން ލީޑަރުން ތައްޔާރުކުރުމުގެ މަހާސިންތާއަކީ މިހާތަނަށް ސިޔާސީ ޕާޓީއަކުން ޢިލްމީ ޤާބިލު ބަޔަކު ތައްޔާރުކުރަން ކުރައްވާ އެންމެ ފުރިހަމަ މަސައްކަތްކަމަށް ކެމްޕެއިން ލީޑަރުން ތައްޔާރުކުރުމުގެ މަހާސިންތާގެ ސްޕޯކްސް ޕާސަން އިބްރާހީމް މުއާޒް ޢަލީ ވިދާޅުވެއްޖެއެވެ.

މިރެއިން ފެށިގެން މިމަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދަވާ މިމަހާސިންތާއާ ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމަތު ދެއްވަމުން އިބްރާހީމް މުޢާޒް ޢަލީ ވިދާޅުވީ، މިރޭ ފެށިގެންދާ މަހާސިންތާގެ ބައިވެރިންނާއި ޕީ.ޕީ.އެމްގެ މުސްތަޝާރު ރައީސް ޢަބްދުﷲ ޔާމީން މުޚާތަބުކުރައްވާނެކަމަށެވެ.

މާލޭގައި ދިރިއުޅޭ ޕީ.ޕީ.އެމްގެ މެންބަރުންނަށް ޚާއްޞަކޮށްގެން ބާއްވާ މިމަހާސިންތާގެ ހުރިހާ މަސައްކަތްތަކެއްގެވެސް މޭސްތިރިއަކީ ރައީސުލްޖުމުހޫރިއްޔާގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމްކަން ފާހަގަކުރައްވަމުން މުޢާޒް ވިދާޅުވީ، މީގެ ކުރިން 2 މަހާސިންތާ ބޭއްވި ފައިވާއިރު، ތިންވަނަ މަހާސިންތާ ލަސްވެގެންދިޔައީ ރިޔާސީ ލޯންޗްކޮޅުގައި ހިނގި ޙާދިސާއާ ގުޅިގެން ރައީސްގެ އަނބިކަނބަލުންގެ ޞިއްޙީ ޙާލަތު ހުރިގޮތުންކަމަށެވެ. އެހެންނަމަވެސް މިފަހަރުވެސް މަހާސިންތާގެ ހުރިހާ ކަމެއްގައި އިސްކޮށް އުޅުއްވަނީ ފާތިމަތު އިބްރާހީމްކަމަށެވެ.