ޚަބަރު

މަތީ ތަޢުލީމް ހާސިލްކުރާ ދަރިވަރުންނަށް ހިލޭ ދަތުރުކުރެވޭނެގޮތް ހަމަޖައްސައިފި


  • ގުރޭޑް 12އިން މައްޗައް މަތީ ތައުލީމު ހާސިލު ކުރަމުންދާ ދަރިވަރުންނަށް ބަސް އަދި ފެރީގައި ހިލޭ ދަތުރު ކުރެވޭނެ

  • ކޮލެޖެ ނުވަތަ ޔުނިވާރސިޓީއިން ދަރިވަރުންނަށް ދޫކޮށްފައިވާ ސްޓޫޑެންޓް ކާޑު ބޭނުންކުރަށްވައިގެން 1 ސެޕްޓެމްބަރ 2023 އިން ފެށިގެން ހިލޭ ދަތުރު ކުރެވޭނެ

އެމްޓީސީސީން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފޯރުކޮށްދެމުންދާ ބަހުގެ ޚިދުމަތާއި، މާލެ ސަރަހައްދުގައި ފޯރުކޮށްދެމުންދާ ފެރީ ޚިދުމަތުން، މަތީ ތަޢުލީމް ހާސިލްކުރަމުންދާ ދަރިވަރުންނަށް ހިލޭ ދަތުރުކުރެވޭނެގޮތް ެކުންފުނިން ހަމަޖައްސައިފިއެވެ.

އެމްޓީސީސީން ބުނީ ކޮލެޖެ ނުވަތަ ޔުނިވާރސިޓީއިން ދަރިވަރުންނަށް ދޫކޮށްފައިވާ ސްޓޫޑެންޓް ކާޑު ބޭނުންކޮށްގެން މިއަދުން ފެށިގެން އެ ކުންފުނީގެ އާންމު ދަތުރުފަތުރުގެ ޚިދުމަތްތަކުގައި ހިލޭ ދަރިވަރުންނަށް ދަތުރުކުރެވޭނެކަމަށެވެ. އެމްޓީސީސީން ދާދިފަހުން ވަނީ މާލެ ސަރަހައްދުގައި ދެމުން ގެންދާ ބަހުގެ ޚިދުމަތުގެ ތެރެއިން މާލެ އާއި ހުޅުމާލެ ގުޅުވާލަދޭ ބަސް ދަތުރުތައް 24 ގަޑިއިރަށް ބަދަލުކޮށްފައެވެ.

އެމްޓީސީސީން ފޯރުކޮށްދެމުންދާ ހުރިހާ އާންމު ދަތުރުފަތުރުގެ ޚިދުމަތެއްގައިވެސް މިހާރުވެސް 65 އަހަރުން މަތީގެ މީހުންނަށާއި، 3 އަހަރުން ދަށުގެ ކުޑަކުދިންނަށް ހިލޭ ދަތުރުކުރެވޭ އިންތިޒާމް ވަނީ ހަމަ ޖައްސާފައެވެ. ހަމައެހެންމެ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް، ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން (އެންސްޕާ) އިން ދޫކޮށްފައިވާ ކާޑު މެދުވެރިކޮށް ހިލޭ ދަތުރުކުރެވެއެވެ. އަދި ޔުނިފޯރމް އަދި އެކްޓިވިޓީ ޔުނިފޯރމްގައި ތިބޭ ސްކޫލް ދަރިވަރުންނަށްވެސް ހިލޭ ދަތުރުކުރެވޭނެ އިންތިޒާމް އެމްޓީސީސިއިން މީގެ ކުރިން ވަނީ ހަމަ ޖައްސާފައެވެ.

އެމްޓީސީސީއިން ބުނީ މި ގޮތައް ދަތުރުތައް ބަދަލުކުރުމުގެ މައިގަނޑު މަޤްޞަދަކީ އެކަށީގެންވާ އަގެއްގައި ލުއިފަސޭހަކަމާއެކު ކަނޑާއި އެއްގަމުގެ ދަތުރުފަތުރުގެ ޚިދުމަތެއް ރައްޔިތުންނަށް ފޯރުކޮށްދިނުންކަމަށެއެވެ.

އެމްޓީސީސީއަކީ ރާއްޖޭގައި އާންމު ދަތުރުފަތުރު ކުރުމަށް ހާއްސަ ކުންފުންޏެވެ. އެ ކުންފުނިން މާލެ ސަރަހައްދުގެ އިތުރުން ލާމު އަތޮޅާއި އައްޑޫ ސިޓީގެ އިތުރުން ފުވައްމުލަކު ސިޓީގައި ބަހުގެ ހިދުމަތް ފޯރުކޮށްދެމުންދެ އެވެ. އޭގެއިތުރުން ވިލިމާލެއާއި ހުޅުމާލޭގައި މީހުން ވަޒަންވެރިވެ ދިރިއުޅެން ފެށީއްސުރެ އެތަންތަނަށް ފެރީގެ ހިދުމަތް ދެމުން އަންނަނީ އެމްޓީސީސީންނެވެ.