ޚަބަރު

ސެކިއުރިޓީ އޮޕަރޭޝަންގައި ރަށްރަށަށްދާ އެއްވެސް ފުލުހެއްގެ ވޯޓުލުމުގެ ޙައްޤު ނުގެއްލޭނެ


  • އެކި ރަށްރަށަށް ދާ ފުލުހުން ވަނީ، ކުރީ ބައިގައި ރީ-ރަޖިސްޓްރީ ކުރެވިފައި

  • މިއިން އެއްވެސް ފުލުހެއްގެ ވޯޓުލުމުގެ ޙައްޤު ނުގެއްލޭނެ

ރިޔާސީ އިންތިހާބާ ގުޅިގެން ފުލުހުން ކުރިއަށް ގެންދާ ސެކިއުރިޓީ އޮޕަރޭޝަންގައި، އެކި ރަށްރަށަށްދާ ފުލުހުންގެ ތެރެއިން އެއްވެސް ފުލުހެއްގެ ވޯޓޫލުމުގެ ޙައްގު ނުގެއްލޭނެ ކަމުގެ ޔަޤީންކަން ފުލުހުންގެ ޚިދުމަތުން ދެއްވައިފިއެވެ.

ފުލުހުންގެ އިދާރާއިން މިކަން ހާމަކުރައްވާފައިވަނީ ސެކިއުރިޓީ އޮޕަރޭޝަންގައި، އެކި ރަށްރަށަށް ޑިޕްލޯއި ކޮށްފައިވާ ފުލުހުންނަށް ވޯޓުލުމުގެ ހައްގު ގެއްލިދާނެކަމަށް ބުނެ ސިޔާސީ ބައެއް ޕާޓީތަކުން ތުހުމަތު ކުރަމުންދިއުމާ ގުޅިގެންނެވެ.

ފުލުހުންގެ ޚިދުމަތުން ވިދާޅުވީ އިންތިޚާބާއި ގުޅިގެން، ފުލުހުންގެ ފަރާތުން ހިންގާ ސެކިއުރިޓީ އޮޕަރޭޝަންތަކުގައި އެކި ރަށްރަށަށް ފުލުހުން ޑިޕްލޯއީ ކުރުމުގެ ސަބަބުން އެ ފުލުހުންނަށް ވޯޓު ލުމުގެ ޙައްޤުން މަޙުރޫމުވާކަމަށް ބައެއް ފަރާތްތަކުން ދައްކާ ވާހަކައަކީ އެއްވެސް ޙަޤީގަތެއް ނެތް ވާހަކަތަކެއް ކަމަށެވެ. އަދި ރިޔާސީ އިންތިޚާބާއި ގުޅިގެން ފުލުހުން ހިންގާ އޮޕަރޭޝަން ތަކުގައި ވަކި ވަކި ރަށްރަށަށް ދާ ފުލުހުން، ދާންޖެހޭ ތަންތަން ކުރިއާލާ ކަނޑައެޅި އެތަންތަނަށްދާ ފުލުހުން ރީރަޖިސްޓްރީ ކުރެވި ފުރިހަމަ އިންތިޒާމެއްގެ ތެރެއިން ކުރިއަށް ގެންދާ އޮޕަރޭޝަނެއް ކަމަށެވެ. އެހެންކަމުން މިއޮޕަރޭޝަންގައި ޑިޕްލޯއިކޮށްފައިވާ އެއްވެސް ފުލުހެއްގެ ވޯޓްލުމުގެ ޙައްގު ނުގެއްލޭނެ ކަމުގެ ޔަޤީންކަން ފުލުހުންގެ ޚިދުމަތުންވަނީ އަރުވާފައެވެ.

ރިޔާސީ އިންތިޚާބާއި ގުޅިގެން ފުލުހުންގެ ފަރާތުން ކުރިއަށް ގެންދާ "އޮޕަރޭޝަން ބްލޫ ވޭވް"ގެ ދަށުން ހުރިހާ އަތޮޅެއްގައިވެސް އިންތިޚާބާއި ގުޅޭ އެކި ކަންކަމުގެ ސަލާމާތީ ކަންކަން ކަށަވަރު ކުރުމަށް ފުލުހުން ހަރަކާތްތެރި ވަމުން ގެންދަވާނެއެވެ.