ޚަބަރު

ހުޅުމާލެއިން އަލަށް ހިއްކާ ސަރަޙައްދުން އުޅަނދުތައް ނެގުމުގެ މަސައްކަތް އެޗްޑީސީން ފަށައިފި


  • ހުޅުމާލެއިން 62.6 ހެކްޓަރުގެ ބިން ހިއްކާނެ

  • އެޗްޑީސީން މިހާރު މިވަނީ އެ ސަރަޙައްދު ފަޅު ހުސްކުރަން ފަށާފައި

  • މި މަސައްކަތް ގެންދަނީ 3 ބަޔަކަށް ބަހާލައިގެން

ހުޅުމާލޭގައި އަލަށް ހިއްކުމަށް ހަމަޖެހިފައިވާ ސަރަހައްދުގެ މަސައްކަތްތައް ފެށުމަށް، އެސަރަޙައްދުގައި އަޅާފައިވާ އުޅަނދުތައް ނަގާ، ސަރަޙައްދު ހުސްކުރުމުގެ މަސައްކަތް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީން ފަށައިފިއެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ވިދާޅުވީ، އެ މަސައްކަތް ކުރިއަށްގެންދަނީ ތިންބަޔަކަށް ބަހާލައިގެންކަމަށެވެ.

އެގޮތުން ފުރަތަމަ މަސައްކަތް ފަށާނީ ސައިޓް-އޭ ގައި ހިމެނޭ 10 ހެކްޓަރު ހިއްކުމުގެ މަސައްކަތް ކަމަށެވެ. ފުރަތަމަ އުޅަނދުތައް ނެގުމުގެ މަސައްކަތް މިހާރު ފަށާފައިވަނީވެސް އެ ސަރަޙައްދުގައެވެ.

ދެން ހިމެނޭ ސައިޓް-ބީގެ 29 ހެކްޓަރާއި، ސައިޓް-ސީ ގެ 24 ހެކްޓަރު ހިމެނޭ ސަރަހައްދުގައި އަމިއްލަ ފަރާތްތަކުން އަޅާފައިވާ އުޅަނދުތައްވެސް ވީހާވެސް އަވަހަށް ނެގުމަށް އެޗްޑީސީން ވަނީ އެދިފައެވެ.

އެޗްޑީސީން ވަނީ ނަގާ އުޅަނދުތައް ހުޅުމާލެ ބޭރުގައާއި، އަދި ކުޑަގިރި ފަޅާއި ދިޔަނެރު ފަޅުގައިވެސް އެޅޭނެ އިންތިޒާމް މިހާރު ހަމަޖައްސާފައެވެ. ކުޑަގިރި ފަޅާއި ދިޔަނެރު ފަޅުގައި އުޅަނދުތައް އެޅޭނީ އެޗްޑީސީގައި ރަޖިސްޓްރީކޮށްގެންނެވެ.

ހުޅުމާލެ ހިއްކަނީ، މިހާރު ސަފާރީތަކާއި އަމިއްލަ މީހުން އުޅަނދުތައް އަޅަން ބޭނުންކުރަމުންދާ ފަޅުގެ ސަރަޙައްދެވެ. އެއީ ކްލަބްމެޑް ރިސޯޓަށް ބޭނުންކުރި ސަރަޙައްދުން ފެށިގެން، ހުޅުމާލޭގައި ހިންގަމުން އަންނަ މޭރީބްރައުން ރެސްޓޯރަންޓް ކުރިމަތިން އޮންނަ ފަޅުގެ ސަރަޙައްދާ ހަމައަށެވެ.

ހުޅުމާލެ ފަޅުން ޖުމްލަ 62.6 ހެކްޓަރުގެ ބިން ހިއްކައެވެ. މި މަސައްކަތް ހަވާލުކޮށްފައިވަނީ ލަންކާގެ ކުންފުނި، ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (ސީއެމްސީ)އާއެވެ.

ހުޅުމާލެއިން ހިއްކާ ބިމަކީ ބޯހިޔާވަހިކަމަށް ބިން ދޫކުރުމަށާއި، އިޤްތިސާދީ ބޭނުންތަކަށް ހިއްކާ ސަރަހައްދެކެވެ.