ޚަބަރު

އެމްއޭސީއެލް މުވައްޒަފުންގެ މުސާރައިގެ %50 ޑޮލަރުން ދޭގޮތަށް ހަމަޖައްސައިފި


  • އެމްއޭސީއެލްގެ މުވައްޒަފުންގެ މުސާރައިގެ %50 ޑޮލަރުންދޭގޮތަށް ހަމަޖައްސައިފި

  • މިއުސޫލުގެ ދަށުން މިމަހުން ފެށިގެން މުސާރަ ދިނުމަށްވަނީ ނިންމާފައި

  • މިގޮތަށް އެންމެ ފުރަތަމަ ދޭންފެށީ ޖީއެމްއާރުން ކުންފުނި ހިންގިއިރު

  • މިކަން ހުއްޓާލާފައިވަނީ ކޯވިޑާއެކު

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ އެމްއޭސީއެލް މުވައްޒަފުންގެ މުސާރައިގެ 50 އިންސައްތަ ޑޮލަރުންދޭ ގޮތަށް އަލުން ހަމަޖައްސައިފިއެވެ. މިކަން ކުންފުނީގެ މުވައްޒަފުންނަށްވެސްވަނީ އަންގާފައެވެ.

އެމްއޭސީއެލްގެ މުވައްޒަފުންނަށް މީގެކުރިންވެސް މުސާރައިގެ 50 އިންސައްތަ ދެމުން އައީ ޑޮލަރުންނެވެ. މިގޮތަށް މުސާރަ ދޭންފެށީ އެއަރޕޯޓްގެ ހިންގުން ޖީއެމްއާރްގެ ދަށުގައި އޮތްއިރު ކަމަށް އެމްއޭސީއެލްއިން ބުނެއެވެ. އެހެންނަމަވެސް ކޯވިޑް-19އާއި ގުޅިގެން އައި އިޤްތިޞާދީ ޙާލަތުން އަރައިގަތުމަށް ކުރި މަސައްކަތާއެކު މިއުސޫލުގެ ދަށުން މުސާރަދިނުން އޮތީ މަޑުޖައްސާލާފައެވެ.

އެމްއޭސީއެލްއިން ބުނީ އަނެއްކާވެސް މިހިނގާ ސެޕްޓެމްބަރު މަހުން ފެށިގެން އެކުންފުނީގެ މުވައްޒަފުންގެ މުސާރައިގެ 50 އިންސައްތަ ދެމުންދާނީ ޑޮލަރުންކަމަށް މެނޭޖްމަންޓުން އަންގާފައިވާކަމަށެވެ.

އެމްއޭސީއެލްއަކީ 3500އަށްވުރެ ގިނަ މުވައްޒަފުން މަސައްކަތްކުރަމުން އަންނަ ކުންފުންޏެކެވެ. ރާއްޖޭގެ އިޤްތިޞާދުގައި މުހިއްމު ދައުރެއް އަދާކުރާ އެމްއޭސީއެލްއިން ކުންފުނީގެ މުވައްޒަފުންގެ ލާބައާއި މަންފާއަށް އަބަދުވެސް އިސްކަންދޭނެ ކަމަށް އެކުންފުނިން ބުނެއެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން މިވަގުތު ރާއްޖޭގައި އެންމެ ބޮޑު ބޯނަސްއެއް މުވައްޒަފުންނަށްދޭ ކުންފުންޏަކީވެސް އެމްއޭސީއެލްކަން ފާހަގަކޮށްލެވެއެވެ. މިގޮތުން ބޯނަސްގެ ގޮތުގައި އެކުންފުނިންވަނީ މިދިޔަ ދެއަހަރުވެސް 25000 ރުފިޔާ މުވައްޒަފުންނަށް ދީފައެވެ.