ތ. ވޭމަންޑޫ އަދި ލ.މާވަށު ސްކޫލަށް އަލަށް އިތުކުރާ ޢިމާރާތުގެ ނުނިމިހުރި މަސައްކަތްކުރުމަށް ދެކުންފުންޏަކާ ހަވާލުކޮށްފިއެވެ.
މިގޮތުން ވޭމަންޑޫ ސްކޫލްގެ 3 ބުރީގެ ޢިމާރާތުގެ ނުނިމިހުރި މަސައްކަތް ޙަވާލުކުރީ ޓިކް ޓެކް އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑާއެވެ. 13.3 މިލިއަން ރުފިޔާގެ މި މަޝްރޫޢުގެ މަސައްކަތް ނިންމުމަށް ޙަވާލުކުރީ 365 ދުވަސް ތެރޭގައި ނިންމާގޮތަށެވެ. މި މަސައްކަތުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން ސޮއި ކުރެއްވީ ސީނިއަރ ޕޮލިސީ ޑިރެކްޓަރ ނައުޝާދު އިބްރާހީމެވެ. އަދި ޓިކް ޓެކް އިންވެސްޓްމެންޓްގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ޗީފް ފައިނޭންޝިއަލް އޮފިސަރ އިސްމާއިލް ޒަހުރާން ޒުބައިރެވެ.
ލ. މާވަށު ސްކޫލްގެ 9 ކްލާސްރޫމް ޢިމާރާތުގެ ނުނިމިހުރި މަސައްކަތް ޙަވާލުކުރީ އިވޯސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ. 8.81 މިލިއަން ރުފިޔާގެ ި މަސައްކަތް އެކުންފުޏާވެސް ހަވާލުކުރީ 365 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ. މި މަސައްކަތުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން ސޮއި ކުރެއްވީ ސީނިއަރ ޕޮލިސީ ޑިރެކްޓަރ ނައުޝާދު އިބްރާހީމެވެ. އަދި އިވޯސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ޖެނެރަލް މެނޭޖަރ ހުސައިން ވަހީދެވެ.
ސަރުކާރުން އަންނަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ސްކޫލްތަކަށް ޖާގަ އިތުރުކޮށް، ވަސީލަތްތައް ހަމަކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން މިހާތަނަށް 1700 އަށްވުރެ ގިނަ ކްލާސްރޫމް ސްކޫލްތަކުގައި ޤާއިމްކުރުމުގެ މަސައްކަތް ކުރައްވާފައިވާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ. އަދި 92 މަލްޓިޕާޕޮސް ހޯލާއި، ލެބޯޓްރީއާއި، ލައިބްރަރީތަކާއި، ސްޓާފްރޫމްތަކާއި، އޮފީސް ޢިމާރާތްފަދަ ޢިމާރާތްތައް ހިމެނޭހެން އެހެނިހެން 563 ޢިމާރާތްތަކުގެ މަސައްކަތްތައްވެސް ކުރައްވާފައިވާކަމަށް އެ މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.