ޚަބަރު

ކުރީ ސަރުކާރުގައި ލިޔުން ދީ ބޯހިޔާވަހިކަން ނުލިބުނު 2000 އެއްހާ މީހުން ޝަކުވާ ހުށައަޅައިފި


  • ލިޔުން ލިބި، ބޯހިޔާވަހިކަން ނުލިބުނު މީހުން ލިޔެކިޔުން ހުށައެޅުމަށް އޮތީ ހުޅުވާލާފައި

  • މިގޮތަށް 11000 އަށްވުރެ ގިނަ މީހުންނަށް ލިޔުން ދިންކަން ބެލެވޭ

  • މިހާތަނަށް 2000 އަށްވުރެ ގިނަ ޝަކުވާ މިނިސްޓްރީއަށް ހުށަހެޅުން

2018 ވަނަ އަހަރު އޭރުގެ ސަރުކާރުން ލިޔުން ދޫކޮށް، ބޯހިޔާވަހިކަން ނުލިބުނު މީހުންގެ ތެރެއިން މިހާތަނަށް 2000 އަށްވުރެ ގިނަ މީހުން ޝަކުވާ ހުށައަޅާފައިވާކަމަށް މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ ހައުސިން އެންޑް އިންފްރާސްޓްރަކްޗަރގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީން ވިދާޅުވެއްޖެއެވެ.

މިގޮތަށް ފްލެޓް ނުވަތަ ގޯތި ދޭނެކަމަށްބުނެ ލިޔުން ދޫކޮށް، ބޯހިޔާވަހިކަން ނުލިބުނު މީހުން އެކަން ހުށައެޅުމަށް މިނިސްޓްރީއިން ހުޅުވާލީ މިދިޔަ އޮގަސްޓްމަހުގެ ފަހު ހަފްތާގައެވެ.

2018 ވަނަ އަހަރު އޭރުގެ ސަރުކާރުން ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުން ގޯތި ނުވަތަ ފްލެޓް ލިބޭކަމަށް ގިނަ އަދަދެއްގެ ބަޔަކަށް ލިޔުން ދޫކޮށްފައިވާކަމަށް ހައުސިން މިނިސްޓްރީއިން ވިދާޅުވެއެވެ. ފުށިދިއްގަރުފަޅު ހިމެނޭހެން އެކި މަޝްރޫޢުތަކުގައި 11000 އަށްވުރެ ގިނަ މިހުންނަށް ސަރުކާރުން ލިޔުން ދޫކުރިކަމަށް ބެލެވޭކަމަށް ޕްލޭނިން މިނިސްްޓްރީިއިން ވިދާޅުވެއެވެ. އިޖްތިމާޢީ ބޯހިޔާވަހިކަމުގެ މަޝްރޫގެ ދަށުން މީހުން ދިރިއުޅޭވަރަށް ނިމި، ބޭނުންކުރަން ފަށާފައިވަނީ ހިޔާ 7000 ޔުނިޓެވެ.

ޕްލޭނިންގ މިނިސޓްރީގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީން ވިދާޅުވީ، ޝަކުވާ ހުށައެޅުމަށް ހުޅުވާލުމުން ކޮންމެ ދުވަހަކުވެސް ގިނަ ބަޔަކު، ލިޔުންތައް ހުށައަޅަމުން ދާކަމަށެވެ. މިގޮތަށް ހުޅުވާލީ، އެފަރަކާތްތަކަށް އިތުރު ގޮތެއް ހޯދައިދިނުމުގައި ސަރުކާރުން ދެން ޢަމަލުކުރެވޭނެ ގޮތެއް ހޯދުމަށްކަމަށް އަކްރަމް ވިދާޅުވިއެވެ.

"ލިޔުންތައް ހުށައަޅާއިރު އެބަ އިނގޭ، ވިއްކާފަވެސް އެބަހުރި ބިމާއި ފްލެޓް. އޭގެތެރޭގައި ރެކޯޑެއް ނެތް ހަގީގަތް ނޭންގޭ އެތަށް ބޯހިޔާވަހިކަމެއް ހިމެނޭ. މިހާތަނަށް 2000 އަށްވުރެ ގިނަ ލިޔުން ލިބިއްޖެ މިނިސްޓްރީއަށް." އަކްރަމް ވިދާޅުވިވއެވެ.

ޕްލޭނިން މިނިސްޓްރީގެ ސީނިއަރ އެގްޒެކެޓިވް ޑިރެކްޓަރ މުޙައްމަދު އާރިފް ވިދާޅުވީ، މީގެ ގިނަ ލިޔުންތަކާއި އެއްބަސްވުންތަކަކީ މިނިސްޓްރީިގައި އޭގެ ރެކޯޑްތައްވެސް ނެތް ލިޔެކިޔުންކަމަށެވެ. އޭރު އެކަން ކޮށްފައިވަނީވެސް، އެކަށީގެންވާގޮތަށް އެ މަޢޫލޫމާތު ބެލެހެއްޓޭނެ ގޮތެއްވެސް ނުހޯދާކަމަށް އާރިފް ވިދާޅުވިއެވެ.

"މިނިސްޓްރީގެ މާބޮޑު ބެލެހެއްޓުމެއް ނެތި، އެކި ތަންތަނުން ލިޔުންތައް ދޫކުރަމުން ދިޔަ. 11000 އަށްވުރެ ގިނަ މީގެ ލިޔުން އުޅޭނެކަމަށް ބެލެވޭ. ސިޓީއާއެކު ގިނަ ލިޔެކިޔުންތަކެއް އެބަ ލިބެމުންދޭ." އާރިފް ވިދާޅުވިއެވެ.

އާރިފް ވިދާޅުވީ މިހާރު ސަރުކާރުން ދޫކުރަމުންދާ ފްލެޓާއި ގޯތީގެ ލިޔުންތަކަކީ، އޭގެ ރެކޯޑްތައް ބެލެހެއްޓި އަދި ޤާނޫނީ ހަމަތަކުގެ މަތިން ދޫކުރަމުންދާ ލިޔުންތައްކަމަށެވެ. ސަރުކާރު ބަދަލުވިއަސް މި ލިޔެކިޔުންތައް އުވާލެވިގެން ނުވާނެކަމަށް އާރިފް ވިދާޅުވިއެވެ.

މިިގޮތަށް ކުރީގެ ސަރުކާރުތަކުން ލިޔުން ބާތިލުކުރުގެ ސަބަބުން ބައެއް މީހުން މައްސަލަ ކޯޓަށްވެސް ހުށައަޅާފައިވެއެވެ. އަދި ސަރުކާރުން ބަދަލުވެސް ދީފައިވެއެވެ.