ޚަބަރު

އަމީނީމަގުގެ މަސައްކަތް މަޑުޖައްސާލީ މަގުތަކަށް ބާރުބޮޑުވާނެތީ އިލެކްޝަނުން އެދިގެން: އާރުޑީސީ


  • އަމީނީ މަގު މަޝްރޫޢުގެ ފަހު 2 ސެގްމަންޓްގެ މަސައްކަތް އިންތިޚާބަށްފަހު ފަށަން ތައްޔާރުވެއްޖެ

  • އެދެސެގްމަންޓްގެ މަސައްކަތް މަހެއްހާ ދުވަހުގެ ތެރޭގައި ނިމޭނެކަމަށް އާރްޑްސީން ބުނޭ

  • މަސައްކަތް ފަސްކުރީ އަމީނީ މަގު ބަންދުކުރުމުން ބާރު ބޮޑުވާނެތީ އިލެކްޝަންގެވެސް އެދުމާއެކު

އަމީނީމަގަކީ ބާރު ބޮޑު މަގަކަށްވުމުން، ރިޔާސީ އިންތިޚާބުގެ ކަންކަން ނިމެންދެން އަމީނީ މަގު ހެދުމުގެ މަސައްކަތް ފަސްކޮށްދިނުމަށް އިލެކްޝަނުްސް ކޮމިޝަނުން އެދިފައިވާކަމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އާރްޑީސީން ބުނެފިއެވެ.

ތާރު އަޅައިގެން ޒަމާނީ ފެންވަރަަށް އަމީނީމަގު ތަރައްޤީކުރުމަށް ކުރިއަށްގެންދާ މަސައްކަތުގެ ދަށުން މިހާތަނަށް ވަނީ 13 ސެގްމަންޓުގެ ތެރެއިން 11 ސެގްމަންޓެއްގެ މަސައްކަތް އެއްކޮށް ނިންމާލާފައެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އާރްޑީސީގެ މެނޭޖިންގ ޑިރެކްޓަރ މޫސާ ޢަލި މަނިކު ވިދާޅުވީ އަމީނީ މަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ކުރިއަށްގެންދާ މަޝްރޫޢުގެ ދަށުން ނުނިމިއޮތް 2 ސެގްމަންޓުގެ މަސައްކަތް މިމަހު ފެށުމަށް ކުރިން ތާވަލުކޮށްފައިވާކަމަށެވެ. ނަމަވެސް ރިޔާސީ އިންތިހާބުގެ ކަންކަން މިހާރު ކުރިއަށްދާތީ، މަގުތަކަށް ބާރުބޮޑުވުމުގެ ފުރުސަތު އޮތުމުން އިންތިޚާބުގެ ކަންކަން ނިމެންދެން މަގު ހެދުމުގެ މަސައްކަތް މަޑު ޖައްސާލުމަށް އިލެކްޝަންސް ކޮމިޝަނުން އެދިފައިވާކަމަށް މޫސާ އަލީ މަނިކު ވިދާޅުވިއެވެ.

އާރުޑީސީގެ މެނޭޖިންގ ޑިރެކްޓަރ ވިދާޅުވީ ރިޔާސީ އިންތިޚާބުގެ މަސައްކަތްތައް ނިމުމާއެކު އަމީނީ މަގުގެ ނުނިމި އޮތް ދެ ސެގްމަންޓް ހެދުމުގެ މަސައްކަތް ފަށާނެކަމަށެެވެ.

އަމީނީ މަގުގެ މަސައްކަތް ކުރަނީ ޔޫޓިލިޓީ ޚިދުމަތްދޭ އެކި ކުންފުނިތަކާއި ގުޅިގެންކަމަށްވުމުން އާރުޑީސީން މަސައްކަތް ތާވަލުކުރަމުންދަނީ އެހެން ކުންފުނިތަކުގެ މަސައްކަތަށްވެސް ބުރޫ ނާރާނެގޮތަށްކަމަށް އެ ކުންފުނިން ބުނެއެވެ.

އާުރުޑީސީން ބުނީ ފަހު ދެ ސެގްމަންޓުގެ މަސައްކަތް ފެށުމަށް އެހެން ކުންފުނިތަކާއެކު ބާއްވަންޖެހޭ މަޝްވަރާތައް ނިމި، މަސައްކަތް ފެށުމަށް ތައްޔާރުވެފައިވާކަމަށެވެ. އަދި ރިޔާސީ އިންތިޚާބަށްފަހު އެ މަސައްކަތް ފަށާނެކަމަށާއި، އަދި މަހެއްހާ ދުވަހުގެ ތެރޭގައި ފަހު ދެ ސެގްމަންޓްގެ މަސައްކަތް އެއްކޮށް ނިންމާލެވޭނޭކަމަށްވެސް އާރުޑީސީން ބުނެއެވެ.

ސަރުކާރުން 84.4 މިލިއަން ރުފިޔާ ޚަރަދުކުރައްވައިގެން ކުރިއަށްގެންދާ އަމީނީ މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން 1.79 ކިލޯމީޓަރުގެ ސަރަހައްދެއް ތާރު އަޅައިގެން ޒަމާނީ ފެންވަރަށް ތަރައްޤީކުރާނެއެވެ. މި މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރުމަހުގެ 12 ވަނަ ދުވަހުއެވެ.