ކ. ގާފަރު ޞިއްޙީ މަރުކަޒުގެ އައު ޢިމާރާތުގެ މަސައްކަތް ކުރުމަށް މިނިސްޓްރީ އޮފް ހެލްތުގެ ފަރާތުން ބަޔަކާއި ޙަވާލުކޮށްފިއެވެ. މި މަޝްރޫޢު ޙަވާލުކޮށްފައިވަނީ އިވޯރޝަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ.
ޖަގައިގެ ދަތިކަމާއި ޚިދުމަތްދިނުމަށް ބޮޑެތި ދަތިތަކެއް ކުރިމަތިވެފައިވާ ކ. ގާފަރު ސިއްޙީ މަރުކަޒުގެ މަސައްކަތް އިވޯރޝަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ޙަވާލުކޮށްފައިވަނީ 24 މިލިއަނަށްވުރެ ގިނަ ރުފިޔާއަށެވެ. މީގެ ދަށުން ސިއްޙީ މަރުކަޒަށް މިހާރުން މިހާރަށް ބޭނުންވަ ޚިދުމަތްތައް ދެވޭނެ ވަޞީލަތް ޤާއިމުކުރުމަށްވަނީ ހަމަޖެހިފައެވެ. މި އެއްބަސްވުމުގެ ދަށުން އަހަރެއްގެ ތެރޭގައި މަސައްކަތް ނިންމާ ޙަވާލުކުރަންޖެހެއެވެ.
ކ.ގާފަރު ޞިއްޙީ މަރުކަޒުގެ އައު އިމާރާތުގެ މަސައްކަތް ކުރުމަށް އިވޯރޝަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި އެކު ސޮއިކުރުން pic.twitter.com/sDjz4Mfd9Z
— Ministry of Health (@MoHmv) September 25, 2023
ސިއްޙީ މަރުކަޒުގެ ޙާލަތާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ގާފަރު ސިއްޙީ މަރުކަޒު ހިންގެވުމާ ޙަވާލުވެ ހުންނެވި ޢަލީ ހާޝިމް ވިދާޅުވީ، ސިއްޙީ މަރުކަޒުގެ ޙާލަތު ހުރީ ވަރަށް ދަށުގައިކަމަށެވެ. އެރަށުގައި ހުންނަނީ ރައްޔިތުން ޚަރަދުކޮށްގެން އެންމެ ކުރީ ޒަމާނުގައި ތަރައްޤީކޮށްފައިވާ ސިއްޙީ މަރުކަޒެއްކަމަށް ހާޝިމް ވިދާޅުވިއެވެ.
އާބާދީ ބޮޑުވުމާއި ކައިރީގައި ގިނަ ރިސޯޓުތައް ހުރުމާއެކު ރަށުން ލިބޭ ސިއްޙީ ޚިދުމަތުގެ ފެންވަރު އެކަށީގެންވާ ގޮތުގައި ނުލިބުމަކީ މިވަގުތު އޮތް ބޮޑު ދައްޗެއްކަމަށް ހާޝިމް ވިދާޅުވިއެވެ.
ގާފަރުގައި މިވަގުތު ހުރީ 16 ގަޑިއިރަށް ހިންގާ ސިއްޙީ މަރުކަޒެކެވެ. އެތަނުގައި މަސައްކަތް ކުރަނީ އެންމެ ޑޮކްޓަރެއްކަމަށާއި ލެބޯޓްރީގެ ޚިދުމަތް ލިބެން ނުހުންނަކަމަށް އެރަށު ސިއްޙީ މަރުކަޒުން ފާހަގަކުރެއްވިއެވެ. އަދި އިތުރު އިންތިޒާމެއް ހަމަޖެހިފައި ނޯންނާތީ، ކޮންމެހެން ހަދަންޖެހޭ ޓެސްޓުތަކުގެ ސާމްޕަލް ނެގުމަށްފަހު އަމިއްލަ ފަރާތެއްގެ އެހީތެރިކަމާއެކު މާލެ ފޮނުވައިގެން ޓެސްޓު ހަދަމުންދާކަން ސިއްޙީ މަރުކަޒުން ފާހަގަކުރިއެވެ.
ކ. ގާފަރަކީ އާބާދީގައި 1500 އެއްހާ މީހުން ދިރިއުޅޭ ރަށެކެވެ. އެރަށުގައި ސިއްޙީ ޚިދުމަތް އޮތް ޙާލަތުން އެކަމުގެ ކަންބޮޑުވުން ސަރުކާރާއި ހިއްސާކޮށް އެ މައްސަލައަށް އެދެވޭ ޙައްލެއް ގެންނަވާނެކަމުގެ ޔަޤީންކަން ސަރުކާރުން ދެއްވާފައިވާކަމަށްވެސް އެރަށު ޞިއްޙި މަރުކަޒުން ވިދާޅުވިއެވެ.