ސަރުކާރުގެ "ގެދޮރުވެރިޔާ: ސްކީމްގެ ދަށުން ފްލެޓް ލިބޭ މީހުންގެ ތެރެއިން ދާއިމީ ލިސްޓަށް ޝަރުތު ހަމަވާ ހުރިހާ މީހުންނަށް، ގެދޮރުވެރިޔާ ޕޯޓަލްގެ ތެރެއިން އެކަން މިހާރު އަންގާފައިވާކަމަށް މިނިސްްޓްރީ އޮފް ނެޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗަރއިން ވިދާޅުވެއްޖެއެވެ.
ހައުސިންގ މިނިސްޓްރީއިން ވިދާޅުވީ އެ ފަރާތްތަކަށް ފްލެޓް ލިބޭކަން އަންގާފައިވަނީ، ވަގުތީ ލިސްޓުގައި ޝަރުތު ހަމަވެ، އަދި ވަގުތީ ލިސްޓަށް ޝަކުވާ ހުށައެޅުމަށް ހުޅުވާލި ފުރުޞަތުގައި ހުށައެޅި ޝަކުވާއަށް ބެލުމަށްފަހުކަމަށެވެ. މިނިސްޓްރީން ވިދާޅުވީ ހުށައެޅި ޝަކުވާތަކަށް ބެލުމަށްފަހު، ދާއިމީ ލިސްޓަށް ޝަރުތު ހަމަވާ މީހުންނަށް، ފްލެޓް ލިބޭކަން ގެދޮރުވެރިޔާ ޕޯޓަލް މެދުވެރިކޮށް މިހާރު ފެންނަން ހުންނާނެކަމަށެވެ. އަދި ޝަރުތު ހަމަނުވާ ފަރާތްތަކަށްވެސް ޝަތުރު ހަމަނުވާ ސަބަބު ބަޔާންކޮށް ޕޯޓަލް މެދުވެރިކޮށް ޖަވާބު ފޮނުވާފައިވާކަމަށްވެސް މިނިސްޓްރިއިން ވިދާޅުވެއެވެ.
ޝަތުރު ހަމަނުވި މީހުންގެ އިތުރު ޝަކުވާއެއް އޮތްނަމަ، 7 ދުވަހުގެ މުއްދަތުގެ ތެރޭގައި ޝަކުވާ ހުށައެޅުމަށް ހައުސިން މިނިސްޓްރީއިން ވަނީ ފުރުސަތު ދީފައެވެ. މި ޝަކުވާވެސް ޕޯޓަލް މެދުވެރިކޮށް ހުށައެޅޭނެކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.
ގެދޮރުވެރިޔާ ސްކީމްގެދަށުން ސަރުކާރުން ފުރަތަމަ ހުޅުވާލީ 4000 ފްލެޓަށެވެ.
"ގެދޮރުވެރިޔާ" ސްކީމުގެ ދަށުން ފުލެޓަށް އެދި ޖުމްލަ 20،697 މީހުން ފޯމު ހުށަހަޅާފައިވެއެވެ. އޭގެ ތެރޭގައި 3 ކޮޓަރީގެ އެޕާޓްމަންޓަށް 14،489 މީހުން އަދި 2 ކޮޓަރީގެ އެޕާޓްމަންޓަށް 6،208 މީހުން ފޯމް ހުށައެޅިއެވެ. ފްލެޓް ލިބޭ މީހުންގެ ވަގުތީ ލިސްޓް ސަރުކާރުން އިޢުލާންކުރެއްވީ އޮގަސްޓްމަހުގެ 8ވަނަ ދުވަހުއެވެ. 15،000 އަށްވުރެ ގިނަ މީހުން ޝަރުތުހަމަވާކަމަށް ވަގުތީ ލިސްޓުގައި ވަނީ ކަނޑައަޅާފައެވެ. ނަމަވެސް ޝަކުވާތަކަށް ބަލާ މި ލިސްޓަށް ބަދަލު އަންނާނެކަމަށް މިނިސްޓްރިއިން އޮތީ ވިދާޅުވެފައެވެ.
ވަގުތީ ލިސްޓަށް ހުށައެޅި ޝަކުވާތަކަށްބަލާ، ފްލެޓް ކަށަވަރުވާ މީހުން މިހާރު ޕޯޓަލް މެދުވެރިކޮށް އިނގޭނެއެވެ. އެހެންކަމުން އެމީހެއްގެ އަމިއްލަ ލޮގިން މެދުވެރިކޮށް، ފްލެޓް ލިބޭކަން ނުވަތަ ނޫންކަން މިހާރު ޕޯޓަލްއިން ބެލޭނެއެވެ.
ސަރުކާރުން މިހާރު ވަނީ އިތުރު 6000 ފްލެޓަށްވެސް ކުރިމަތިލުމަށް ހުޅުވާލާފައެވެ.
ފްލެޓާށް ކުރިމަތިލުމުގެ ފުރުޞަތަކީ، މާލޭ ރައްޔިތުންގެ އިތުރުން، މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ ރައްޔިތުންނަށްވެސް ކުރިމަތިލެވޭގޮތަށް ހުޅުވާލި ފުރުޞަތެކެވެ.