ފުލުހުންގެ ޕޮލްކޯ ފްލެޓްތައް ޙަވާލުކުރުމުގެ އެންމެ ފަހު މަރުޙަލާގެ މަސައްކަތްތައް ކުރަމުންދާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.
ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫޢުގެ ދަށުން ފުލުހުންނަށް ޚާއްސަކޮށް ތަރައްޤީކުރާ ޕޮލްކޯ ޕްލެޓްތައް ނުނިމިވަނީ ދިގުލައިގެން ގޮސްފައެވެ. ގިނަ މައްސަލަތަކެއް ފެންމަތިވި މިފްލެޓްތަކުގެ މަސައްކަތް މި ސަރުކާރުން އަމީން ކޮންސްޓްރަކްޝަނާއި ޙަވާލުކުރައްވައިގެންވަނީ ނިންމާލާފައެވެ.
ފްލެޓްތައް ޙަވާލުކުރުމާއި ގުޅޭގޮތުން ޕީއެސްއެމްނިއުސްއަށް މަޢުލޫމާތުދެއްވަމުން ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ މިހާރު މަސައްކަތް ނިމި ފްލެޓްތައް ޙަވާލުކުރުމަށް ކުރަންޖެހޭ އެންމެ ފަހުގެ މަސައްކަތްތައް ކުރަމުން އަންނަކަމަށެވެ. އެގޮތުން ފުލުހުންގެ ފްލެޓްތަކުގެ އަގުތަކަށް ހެޔޮ ބަދަލެއް ގެނެސްދެއްވާނެކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ޢިއުލާންކުރައްވާފައިވާތީ އެބަދަލާއެކު އެގްރިމަންޓްތައް އެކުލަވާލާ ފުލުހުންނަށް ފްލެޓް ޙަވާލުކުރުމަށް އެއްބަސްވުމުގައި ސޮއިކުރުމަށް ތައްޔާރުވަމުންދާކަމަށް ފުލުހުންގެ މުވައްސަސާއިން މަޢުލޫމާތުދެއެވެ.
ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫޢުގެ ދަށުން ފުލުހުންނަށް ތަރައްޤީކޮށްދިނުމަށް ހަމަޖެހިފައިވަނީ 361 ފްލެޓެވެ. މިފްލެޓްތަކުގެ މަސައްކަތް ފެށީ 2013 ވަނަ އަހަރުގައެވެ. ވޭތުވެދިޔަ 10 އަހަރު ތެރޭގައި މިމަސައްކަތް ނުނިމު ލަސްވެފައި އޮތުމަކީ ފުލުހުންނާއި ފުލުހުންގެ ޢާއިލާތަކުގެ ބޮޑު ކަންބޮޑުވުމެކެވެ.
ޕޮލްކޯ ފްލެޓް ލިބުނު ފަރާތްތަކުގެ ލިސްޓް ޢާއްމުކޮށް ބޮޑެތި ޢަދަދުތަކުން އެފަރާތްތަކުންވަނީ ފްލެޓަށް ފައިސާ ދައްކާފައެވެ. އެފަރާތްތަކުގެ ޝަކުވާ ތަކާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާވަނީ ފުލުހުންގެ 90 ވަނަ އަހަރީ ދުވަހުގެ ޖަލްސާގައި ފްލެޓްތަކުގެ އަގަށް ހެޔޮ ބަދަލެއް ގެނެސްދެއްވާނެކަމަށް ވިދާޅުވެފައެވެ. އަދި ގްރޭސް ޕީރިއަޑް މިއަހަރުގެ އޯގަސްޓް މަހުން ފެށިގެން 12 މަސްދުވަހަށް ހަމަޖެއްސެވުމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައެވެ.
މި މަޝްރޫޢާއެކު އެމްއެންޑީއެފްގެ ފްލެޓްތަކުގެ މަސައްކަތްވެސް މިހާރުވަނީ ނިމިފައެވެ. އެފްލެޓްތައް މިހާރުވަނީ ފްލެޓް ލިބުނު ފަރާތްތަކަށް ޙަވާލުކޮށްފައެވެ. މި މަޝްރޫއުގެ ދަށުން ސިފައިންގެ ސިފްކޯ ހިޔާގެ 330 ފްލެޓް ވަނީ ތަރައްޤީކޮށްފައެވެ. ޕޮލްކޯ އަދި ސިފްކޯ ހިޔާގަވެސް ހިމެނެނީ ސޯޝަލް ހައުސިންގ އަށްވުރެ ފެންވަރު ރަނގަޅު 3 ކޮޓަރީގެ އެޕާޓްމަންޓްތަކެވެ. މިއިން ކޮންމެ ޔުނިޓެއްގައި 1100 އަކަފޫޓްގެ ޖާގަހުރެއެވެ.