ޚަބަރު

މުންޑޫ/ކަޅައިދޫން ގަމަށް ބަދަލުވި ކޮންމެ އާއިލާއަކަށް 50،000ރ ދޭން ރައީސް ނިންމަވައިފި


  • 2004ގެ ސުނާމީގައި ވަނީ މުންޑޫ/ކަޅައިދޫއަށް ގެއްލުންވެފައި

  • 2015ގައި ވަނީ އެރަށު މީހުން ގަމަށް ބަދަލުކޮށްފަ

  • ނަމަވެސް ރަށުން ބަދަލުކުރުން ދޭންޖެހޭ އިނާޢަތް ދީފައި ނުވާކަމަށް

  • ރައީސް ނިންމެވީ ކޮންމެ ގެއަކަށް 50،000ރ ދިނުމަށް

ސުނާމީ ކާރިސާއާއި ގުޅިގެން، ލ. މުންޑޫ އަދި ކަޅައިދޫއިން ލ. ގަމަށް ބަދަލުވި ކޮންމެ ފަންސާސްހާސް ރުފިޔާގެ އިނާޔަތެއް ދެއްވުމަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ނިންމަވައިފިއެވެ.

ހައްދުންމަތީ ގަމު ކައުންސިލުން ވިދާޅުވީ، އެކިއެކި ސަބަބުތަކާ ގުޅިގެން ސަރުކާރުން އެއްރަށުން އަނެއް ރަށަށް ބަދަލުކުރާ މީހުނަށް ދެމުންގެންދާ ފައިސާގެ އެހީ، 2004 ސުނާމީ ކާރިސާއާ ގުޅިގެން ލ. މުންޑޫ އަދި ކަޅައިދޫއިން ލ. ގަމަށް ބަދަލުވި ޢާއިލާތަކަށް ހަމަޖެހިފައިނުވާކަމުގެ ޝަކުވާތައް، އެ ޢާއިލާތަކުން ސަރުކާރަށް ހުށަހަޅަމުން ގެންދާކަމަށެވެ. އެހެންކަމުން އެ ރަށްރަށުން ގަމަށް ބަދަލުވި ކޮންމެ ގެއަކަށް ފަންސާސްހާސް ރުފިޔާގެ އިނާޔަތެއް ދެއްވުމަށް، ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާކަމަށް ގަމު ކައުންސިލުން ވިދާޅުވިއެވެ.

އެހެންކަމުން ސުނާމީ ކާރިސާއާ ގުޅިގެން މުންޑޫ އަދި ކަޅައިދޫއިން، ގަމަށް ބަދަލުވި ކޮންމެ ގެއަކަށް ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވައިފައި އިނާޔަތަށް އެދި، ހުށައެޅުމަށް މިހާރު ހުޅުވާލާފައިވާކަމަށް ގަމު ކައުންސިލުން ވިދާޅުވިއެވެ. މި އިނާޔަތަށް އެދި ހުށަހަޅާނީ އެ ގެއެއްގެ ނުވަތަ މުންޑޫ/ކަޅައިދޫގައި ހުރި ގޭގެ ވެރިފަރާތުންކަމަށްވެސް ވެރިފަރާތްކަމަށާއި، ވެރިފަރާތް ދުނިޔޭގައި ނެތްނަމަ ނުވަތަ އެކަމަށް ނުކުޅެދިއްޖެނަމަ، ވާރިޘުންގެ ތެރެއިން ކޮންމެވެސް އެއްފަރާތަކުންކަމަށްވެސް ކައުންސިލުން ވިދާޅުވިއެވެ.

މި އިނާއަތަށް އެދި ހުށައެޅުމުގެ މި ފުރުޞަތު ހުޅުވާލާފައިވަނީ މި ފެށޭ އޮކްޓޯބަރ މަހުގެ 5އިން 21 އަށް ކަމަށްވެސް ގަމު ކައުންސިލުން ވިދާޅުވިއެވެ.

2004 ވަނަ އަހަރުގެ ސުނާމީގައި މުންޑޫ އަދި ކަލައިދޫއަށް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފައެވެ. މިއާއެކު 2015 ވަނަ އަހަރު މުންޑޫ އަދި ކަޅައިދޫގެ ރައްޔިތުން ސަރުކާރުން ވަނީ ގަމަށް ބަދަލުކޮށްފައެވެ.