ޚަބަރު

ކަމަދޫގައި ފެނާއި ނަރުދަމާގެ ޚިދުމަތް ފަށައިފި


  • 56.66 މިލިއަން ދިވެހި ރުފިޔާގެ މަޝްރޫޢެއް

  • ހިދުމަތް އިފްތިތާހުކުރުމަށް ހާއްސަ ރަސްމިއްޔާތެއް ވަނީ ބާއްވާފައި

އެމް.ޑަބްލިޔު.އެސް.ސީއިން ބ.ކަމަދޫގައި ކުރިއަށް ގެންދިޔަ ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ މަޝްރޫއުގެ މަސައްކަތްތައް ނިންމާ ޚިދުމަތް ފަށައިފިއެވެ.

މި މަޝްރޫޢުއަކީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމް.ޑަބްލިޔު.އެސް.ސީ އާއި ހަވާލުކޮށްގެން ކުރިޔަށްގެންދިޔަ މަޝްރޫޢުއެކެވެ.

ބ.ކަމަދޫގެ ފެނާއި ނަރުދަމާ ނިޒާމް އިފްތިތާޙް ކޮށްދެއްވީ އެރަށުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެމްޑަބްލިއުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ ޙަސަން ޝާޙް އެވެ. މިރަސްމިއްޔާތުގައި ބ.ކަމަދޫ ކައުންސިލްއާއި ރައްޔިތުންނާއި އަދި އެމްޑަބްލިއުއެސްސީގެ އިސްވެރިން ބައިވެރިވިއެވެ.

ކަމަދޫ ފެނުގެ ނިޒާމް ޤާއިމް ކުރުމުގެ މަސައްކަތުގެ ދަށުން، ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިންގ ޤާއިމްކޮށް، ފެން ހޮޅީގެ މައިނެޓްވޯރކް އަޅައި އަދި ގޭގެޔަށް ފެނުގެ ކަނެކްޝަން ވަނީ ގުޅާފައެވެ. މީގެއިތުރުން، ފެން އުފެއްދުމަށްޓަކައި ފެން ޕްލާންޓް ބަހައްޓައި، ބޯހޯލް ތޮރުފައި އަދި ރިޖެކްޓް ލައިންވެސް ވަނީ އަޅާފައެވެ. އަދި ފެން ރައްކާކުރުމަށްޓަކައި ފެން ތާނގީވެސް ވަނީ ބަހައްޓާފައެވެ.

ކަމަދޫގައި ނަރުދަމާ ނިޒާމް ޤާއިމް ކުރުމުގެ މަސައްކަތުގެ ދަށުން، ނަރުދަމާގެ މައިނެޓްވޯކްއާއި ޕަމްޕިންގ ލައިން އަޅައި، ނަރުދަމާގެ އިދާރީ ބިލްޑިންގ ޢިމާރާތްކޮށް، ޕަމްޕިންގ ސްޓޭޝަން ޤާއިމްކޮށް އަދި ސީ އައުޓްފޯލް ވަނީ އަޅާފައެވެ. އަދި ގޭގެގައި ޖަންކްޝަން ބަހައްޓައި، ނަރުދަމާގެ ކަނެކްޝަން ވަނީ ގުޅާފައެވެ. މީގެ އިތުރުން، މިމަޝްރޫޢުގެ ދަށުން ނަރުދަމާ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ވެހިކަލް އަދި ފެން ތަޙްލީލު ކުރުމަށް ބޭނުންވާ ސާމާނު ވަނީ ފޯރުކޮށްދިނުމަށް ހަމަޖެހިފައެވެ.

މިމަޝްރޫޢުގެ ޖުމްލަ އަގަކީ 56.66 މިލިއަން ދިވެހި ރުފިޔާއެވެ. މިމަޝްރޫޢުގެ ސަބަބުން ކަމަދޫގެ ރައްޔިތުންނަށް ސާފު ބޯފެނާއި ރައްކާތެރި ނަރުދަމާ ނިޒާމެއް ޔަގީންވެގެންދާނެއެވެ.