ކުރިއަށް އޮތް 4 ދުވަހުވެސް އުތުރާއި މެދު ރާއްޖެތެރެއަށް ވިއްސާރަކުރާނެކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ލަފާކުރައްވައިފިއެވެ.
އެ ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އެކަށީގެންވާކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެކަމަށް ލަފާކުރެވޭކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވިއެވެ. އެއިދާރާއިން ވަނީ ށ. އަތޮޅުން ފެށިގެން ވ. އަތޮޅަށް ހުދު ސަމާލު ނެރެފައެވެ.
Heavy rain and thunderstorms with gust winds are expected. pic.twitter.com/TbZKe97KM2
— Maldives Meteorology (@MetMaldives) October 2, 2023
މޫސުމާއި ގުޅޭ ޤައުމީ އިދާރާއިން ވިދާޅުވީ މިހާރު ރާއްޖެއަށް ކުރަމުން މިދަނީ ހުޅަނގު މޫސުމުގެ ވިއްސާރަ ކަމަށެވެ.
ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށާއި، ވިލާގަނޑުގައި 40 މޭލަށް ވައި ބާރު ވާނެ ކަމަށް ލަފާކުރެވޭތީ ކަނޑު ދަތުރުކުރާ ފަރާތްތަކު ސަމާލްވުމަށް ވަނީ އިލްތިމާސްކުރައްވާފައެވެ. އަދި ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެކަމަށާއި، ރާޅުގެ އުސްމިން ހުންނާނީ 3 ފޫޓާއި 6 ފޫޓާއި ދެމެދުކަމަށްވެސް އެ އިދާރާއިން ވިދާޅުވެއެވެ. އަދި ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭތީ އުތުރުގެ އަތޮޅުތަކުގެ ރައްޔިތުން މޫސުމަށް ސަމާލުވުމަށްވެސް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވަނީ އިލްތިމާސްކުރައްވާފައެވެ.
ރޭގެ އިރާކޮޅުން ފެށިގެން މާލެއަށް ބޯކޮށް ވާރޭވެހުމާއި ގުޅިގެން ފެންބޮޑުވެ، އެމްއެންޑީއެފް ފަޔަރ އެންޑް ފެސްކިއުން ވަނީ ފެން ހިންދުމުގެ މަސައްކަތްކޮށްފައެވެ. އެގޮތުން އައިޖީއެމްއެޗް ކައިރިން ދެ ސަރަހައްދެއްގައި ޕަންޕު ޖައްސައިގެން ފެންހިއްކުމުގެ މަސައްކަތްކޮށްފައިވެއެވެ.
މޫސުމާއި ބެހޭ ޤައުމީީ އިދާރާއިން ވިދާޅުވެފައިވަނީ ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ރޭގެ 2 ގަޑިއިރު ތެރޭގައި 53.7 މިލިމީޓަރުގެ ވާރޭ މާލެއަށް ވެހިފައިވާކަމަށް ރެކޯޑްކޮށްފައިވާކަމަށެވެ.