ޚަބަރު

ނައިފަރުގައި ފެންބޮޑުވުމާއި ގުޅިގެން ފެން ހިންދުމުގެ މަސައްކަތް ފަށައިފި


  • ޅ.ނައިފަރުގައި ފެންހިންދުމުގެ މަސައްކަތް އެމްއެންޑީއެފުންދަނީ ކުރަމުން

  • ކުރިއަށް އޮތް 2 ދުވަހުވެސް މެދުރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކަށް މޫސުން ގޯސްވާނެ

ރާއްޖޭގެ އެކިހިސާބުތަކަށް ކުރަމުންދާ މޫސުމީ ވިއްސާރައިގައި ޅ.ނައިފަރަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމާއި ގުޅިގެން އެރަސުގައި ފެން ހިންދުމުގެ މަސައްކަތް އެމްއެންޑީއެފުން ފަށައިފިއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ނައިފަރުގެ ކައުންސިލްގެ ރައީސް މުހައްމަދު ރަޝީދު ވިދާޅުވީ ވިއްސާރައިގައި ފެންބޮޑުވެ ތިން ގެއަކަށް ފެންވަދެފައިވާކަމަށެވެ. އެހެންނަމަވެސް، އެއްވެސް ގެއަކަށް ގެއްލުމެއް ލިބިފައިނުވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ރަށުތެރޭގައި ފެންބޮޑުވުމާ ގުޅިގެން ޕަންޕު ޖަހައިގެން ފެން ހިންދުމުގެ މަސައްކަތް، އެމްއެންޑީއެފުން މިހާރު ކުރަމުން އަންނަ ކަމަށް މުހައްމަދު ރަޝީދު ވިދާޅުވިއެވެ.

ނައިފަރުގެ އިތުރުން އއ.ރަސްދޫ އާއި ހދ.ނެއްލައިދުއަށްވެސް ބޯކޮށް ވާރޭވެހި ވަނީ ފެންބޮޑުވެފައެވެ. އަދި ބައެއް ގެތަކަށް ކޮންމެސް ވަރެއްގެ ފެންވަދެ ގެއްލުން ވެފައިވާ ކަމަށް މަޢުލޫމާތުލިބިއެވެ.

މިހާރު ރާއްޖެއަށް ކުރަމުން އަންނަ މޫސުމީ ވިއްސާރައިގައި ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް ހއ.އަތޮޅުން ފެށިގެން ފ.އަތޮޅާ ހަމައަށް ހިމެނޭ ސަރަހައްދަށް މޫސުމާބެހޭ އިދާރާއިންވަނީ ވައިޓް އެލަރޓްވެސް ނެރެފައެވެ. މިސަރަހައްދަށް އެލަރޓް ނެރެފައިވަނީ މިރޭ 7 ޖެހުމާ ހަމައަށެވެ.

މޫސުމާބެހޭ އިދާރާއިން ކުރިއަށް 24 ގަޑިއިރަށް މޫސުން ލަފާކޮށްފައިވާ ގޮތަށްބަލާއިރު ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރާނެ އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރުން އެކަށީގެންވެއެވެ. ދެކުނާއި ހުޅަނގުދެކުނުން ގަޑިއަކު 08 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށްވެސް އެއިދާރާއިން ވިދާޅުވެއެވެ.
ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށާއި ރާޅުގެ އުސްމިން ހުންނާނީ 3 ފޫޓާއި، 6 ފޫޓާ ދެމެދުގައި ކަމަށް މޫސުމާބެހޭ އިދާރާއިން ހާމަކުރެއެވެ.

މިވިއްސާރައިގައި ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެތީ ހުރިހާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން އިލްތިމާސްކުރައްވައެވެ.


ޅ. ނައިފަރުގެ އިތުރުން، އއ. ރަސްދޫ އާއި ހދ. ނެއްލާއިދޫއަށް ވެސް ވަނީ މިކުރާ ވިއްސާރައިގައި ފެންބޮޑުވެ، ގެތަކަށް ކޮންމެސް ވަރެއްގެ ގެއްލުންތަކެއް ވެފައެވެ.