ހުޅުމާލެ 3ވަނަ ފިޔަވަހި ބިން ހިއްކުމުގެ މަސައްކަތުގެ ތެރެއިން ފުރަތަމަ މަރުހަލާގައި ހިއްކުމަށް ހަމަޖެހިފައިވާ 10 ހެކްޓަރު އަންނަ ހުކުރުދުވަހާ ހަމައަށް ހިއްކާ ނިމޭނެ ކަމަށް ހައުސިންގ ޑިވެލޮމަންޓް ކޯޕަރޭޝަން އެޗްޑީސީން ހާމަކުރައްވައިފިއެވެ.
އެޗްޑީސީން ވިދާޅުވީ ތިންވަނަ ފިޔަވަހީގެ ދަށުން ފުރަތަމަ ހިއްކާ ސަރަހައްދުގެ 70 އިންސައްތަ މިހާރު ހިއްކާ ނިމިފައިވާ ކަމަށެވެ. އަދި މިމަރުހަލާގެ މަސައްކަތް ހުކުރު ދުވަހަށް އެއްކޮށް ނިންމާލެވޭނެ ކަމަށްވެސް އެޗްޑީސީން ވިދާޅުވެއެވެ. ބިން ހިއްކުމުގެ މަޝްރޫޢުގެ ދަށުން ހުޅުމާލެ ފަޅުން 63 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. ބިން ހިއްކުމުގެ މަސައްކަތް ކުރަމުން އަންނަނީ ސްރީލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް، ސީއެމްސީންނެވެ.
އެޗްޑީސީން ވިދާޅުވީ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް ގެންދަނީ މަރުހަލާތަކަކަށް ބަހާލައިގެންކަމަށެވެ. އެގޮތުން ފުރަތަމަ މަރުހަލާގައި ހިއްކުމަށް ހަމަޖެހިފައިވަނީ 10 ހެކްޓަރުގެ ބިމެވެ. މުޅި މިމަޝްރޫޢުގެ މަސައްކަތް ހައެއްކަ ހަފުތާތެރޭގައި ނިންމާލުމަށް މަސައްކަތް ކުރަމުން އަންނަކަމަށް އެޗްޑިސީންވަނީ ވިދާޅުވެފައެވެ.
ހުޅުމާލެ 03 ވަނަ ފިޔަވަހި ހިއްކުމުގެ މަސައްކަތް ކުރިއަށްދާއިރު މިހާތަނަށް އޭރިއާ A ގެ 70% ވަނީ ހިއްކާ ނިމިފައެވެ. އަދި ހުކުރު ދުވަހާ ހަމައަށް 100% ހިއްކާ ނިމޭނެ ކަމަށް ލަފާ ކުރެވެއެވެ. pic.twitter.com/sKeQ88dntl
— Urbanco (@hdcmaldives) October 10, 2023
އެޗްޑީސީން މިހާރުވަނީ ތިންވަނަ ފިޔަވަހީގެ ދެވަނަ މަރުހަލާގެ ބިން ހިއްކަން ފެށުމަށްޓަކައި އެސަރަހައްދުގައި ހުރި އުޅަނދު ފަހަރު ނެގުމަށް އަންގަވާފައެވެ. އަދި އުޅަނދުތައް ނަގަންޖެހޭ ސަރަހައްދާ ނަގާ އުޅަނދުތައް ބޭއްވެނެ ސަރަހައްދު އެނގޭނެހެން ފާހަގަކޮށްފައިވާ ޗާޓެއް އެޗްޑީސީންވަނީ އާއްމުކުރައްވާފައެވެ.
ހުޅުމާލެ 3 ވަނަ ފިޔަވަހީގެ ފަޅުތެރޭގައި ހުރި އުޅަނދުތައް ނެގުމާއިގުޅޭ. pic.twitter.com/GAvdcrWbWq
— Urbanco (@hdcmaldives) October 10, 2023
ހުޅުމާލެ ތިންވަނަ ފިޔަވައްސަށް ހިއްކަމުންދަނީ ހުޅުމާލޭގައި މިހާރު ސަފާރީތަކާއި އަމިއްލަ މީހުން އުޅަނދުތައް އަޅަން ބޭނުންކުރަމުންދާ ފަޅުގެ ސަރަޙައްދެވެ. އެއީ ކްލަބްމެޑް ރިސޯޓަށް ބޭނުންކުރި ސަރަޙައްދުން ފެށިގެން، ހުޅުމާލޭގައި ހިންގަމުން އަންނަ މޭރީ ބްރައުން ރެސްޓޯރަންޓް ކުރިމަތިން އޮންނަ ފަޅުގެ ސަރަޙައްދާ ހަމައަށެވެ.
ހުޅުމާލޭގައި މިހާރު ތަރައްޤީ ކުރެވެމުންދާ ފިޔަވަހިތަކެކޭ އެއްފަދައިން ތިންވަނަ ފިޔަވަހީގައިވެސް ގިނަ ޚިދުމަތްތަކާއި ވަސީލަތްތައް ތަރައްޤީ ކުރުމަށް ހަމަޖެހިފައިވާ ކަމަށް އެޗްޑީސީން ވިދާޅުވެއެވެ. އެގޮތުން މިފިޔަވަހިވެސް ތަރައްޤީކުރާނީ މަގުތަކާއި ބްރިޖްގެ އިތުރުން ޕާކްތަކާއި ކުޅިވަރާއި މުނިފޫހިފިލުވުމުގެ ހަރަކާތްތަކަށްވެސް ގިނަ ފުރުސަތުތައް ފަހިވާނެގޮތަށް ކަމަށް އެޗްޑީސީންވަނީ ވިދާޅުވެފައެވެ.
ހުޅުމާލެއިން އަލަށް ހިއްކާ މި ބިމުގައިގައި ގެދޮރުވެރިކަމުގެ ބޭނުންތަކާއި، އިންޑްސްޓްރިއަލް ބޭނުންތަކާއި، މެރީނާގެ ބޭނުމަށް ބިން ބޭނުންކުރާނެ ކަމަށް އެޗްޑީސީން ވިދާޅުވެއެވެ. އެގޮތުން އަލަށް ހިއްކާ ސަރަައްދުން މާލޭ ރައްޔިތުންނަށް ޚާއްޞަކޮށްގެން ގޯތި ދިނުމަށްވަނީ ނިންމަވާފައެވެ.
ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން މާލެ ސަރަޙައްދުން ބަންޑާރަގޯތި ދޫކުރުމަށް ހިންގާ ބިންވެރިޔާ ސްކީމުން ގޯއްޗަށް ހުޅުވާލި ފުރުސަތުގައި ޝަރުޠު ހަމަވި 19639 މީހުންނަށް ގޯތި ލިބުނެވެ. އެއީ 9001 ގޯއްޗެވެ. މީގެ ތެރެއިން 1351 ގޯތި ހުޅުމާލެއިން ދޫކުރުމަށް ވަނީ ނިންމަވާފައެވެ. މިސްކީމުން ހުޅުމާލެއާއި ގުޅީފަޅުން ގޯތި ލިބުނު ފަރާތްތަކަށް ގޯތިދޫކުރަންވެސްވަނީ ފަށާފައެވެ.