ޚަބަރު

ތިލަމާލެ ބްރިޖު މަޝްރޫޢުގައި ހުރި މައްސަލަތައް ޙައްލުކޮށް، މަޝްރޫޢު ނިންމާނަން: ޑރ. މުޢިއްޒު


  • ޢަމަލީ މަސައްކަތް ފެށީ 2022 އޯގަސްޓުގައި

  • ނިންމުމަށް އަމާޒުކޮށްފައިވަނީ 2024އަށް

  • އެދެވޭ ސްޕީޑުގައި ކުރިއަށް ނުދާތީ ހުރި މައްސަލަތައް ހޯދާނެކަމަށް

  • މަޝްރޫޢު ނުހުއްޓި ބާރަށް ކުރިއަށް ގެންދަވާނެކަމަށް

  • ގިރާވަރުފަޅާއި ހަމައަށް ގެންދިއުމަށް ބައެއް ބަދަލުތައް ގެންނަވާނެކަމަށް

ތިލަމާލޭ ބްރިޖް މަޝްރޫޢު ހުއްޓާނުލައްވާނެކަމަށާއި، އަމާޒަކީ މިމަޝްރޫޢުގެ މަސައްކަތް ބާރަށް ކުރިއަށްގެންދަވާ ނިންމާލެއްވުންކަމަށް އިންތިޚާބީ ރައީސް، ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ގްރޭޓަރ މާލޭ ސަރަޙައްދަށް އިޤްތިޞާދީގޮތުން އަދި ޢުމްރާނީގޮތުންވެސް ބޮޑު ބަދަލެއް ގެނުވާނެ ތިލަމާލެ ބްރިޖު މަޝްރޫޢުގެ މަސައްކަތްކުރަނީ އިންޑީއާގެ އެފްކޮންސް ކުންފުންޏާއި ހަވާލުކޮށްގެންނެވެ. މި މަޝްރޫޢުއަށް 7 ބިލިއަން ރުފިޔާ ޚަރަދުކުރެއެވެ.

ބްރިޖު މަޝްރޫޢުއާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން އިންތިޚާބީ ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވަނީ އެ މަޝްރޫޢުއާއި ގުޅޭގޮތުން އިންތިޤާލީ މަރުޙަލާގައި މަޢުލޫމާތު އެއްކުރައްވަމުންދާކަން ހާމަކުރައްވާފައެވެ. އަދި ބްރިޖް މަޝްރޫޢު ނުނިމި ލަސްވަމުންދާ ސަބަބު ބައްލަވައި އެމަޝްރޫޢުގެ މަސައްކަތް އަވަސްކުރެއްވުމަކީ އަމާޒެއްކަމުގައި ޑރ.މުޢިއްޒު ވިދާޅުވިއެވެ. އެންމެ އެދެވޭ ސްޕީޑުގައި އެ މަޝްރޫޢު ނުހިނގާ ސަބަބު ބައްލަވާނެކަމަށާއި، އެގޮތުން އެ މަޝްރޫޢު ނުހިނގުމުގައި އޮތީ އެގްރިމަންޓުގެ މައްސަލައެއްތޯ ނުވަތަ ކޮންސަލްޓަންޓުގެ މައްސަލައެއްތޯ ނުވަތަ ފައިސާއާއި ގުޅުންހުރި މައްސަލައެއްތޯ ބައްލަވާ އެކަމަށް ހައްލު ގެންނަވާނެކަމަށް އިންތިޚާބީ ރައީސް ވިދާޅުވިއެވެ.

"ބްރިޖް މަޝްރޫޢު ހުއްޓާނުލާ ހިނގާނެ. އެމަޝްރޫޢު ބާރަށް ނުހިނގާ މައްސަލަ ބަލާ އެކަމެއް ޙައްލުކުރަންޖެހޭ. އެއީ އެގްރީމަންޓް މައްސަލައެއްތޯ، ކޮންޓްރެކްޓަރ ނުވަތަ ކޮންސަލްޓަންޓް މައްސަލަތޯ. ގައިމު ސަރުކާރު މައްސަލައެއް އޮތްކަން އިނގޭ. ޤާބިލްކަން ނެތީމަ ނުހިނގާއޮތީ. ކަމާބެހޭ މިނިސްޓްރީގައި އޮތީ އެއްޓީމެއް ސިވިލް ސަރވިސް ތެރޭގައި، އަޅުގަނޑުމެން ސިނަމާލެ ބްރިޖް ހެދިއިރު އޮތް ޓީމު ގާތްގަނޑަކަށް މިއޮތި." ޑރ.މުޢިއްޒު ވިދާޅުވިއެވެ.

ބްރިޖު މަޝްރޫޢުއަށް އިތުރު ބައިތަށް ހިމަނަންޖެހޭކަމަށާއި، އެގޮތުން މިހާރު އެ މަޝްރޫޢު އޮތީ ގިރާވަރު ފަޅާހަމައަށް ގުޅުވާލާގޮތަށް ނޫންކަމަށެވެ. ނަމަވެސް ގިރާވަރުފަޅު ހިއްކައި ގޯތި ދޫކުރާއިރު، ބްރިޖު އެ ސަރަހައްދަށް ގުޅުވާލުންފަދަ ބައެއް ބަދަލުތައް ގެންނަންޖެހޭކަމަށްވެސް މުޢިއްޒު ވިދާޅުވިއެވެ. އަދި ބްރިޖު މަޝްރޫޢު ހިންގުމުގައި ހުރި މައްސަލަތައް ހައްލުކުރުމަށް އިންޑިއާ ސަރުކާރާއި ވާހަކަދައްކައި ހައްލު ހޯއްދެވެނޭކަމަށްވެސް އިންތިޚާބީ ރައީސް ވިދާޅުވިއެވެ.

"މާލެ ސަރަޙައްދުގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދޭން ކުރިއަށްގެންދާ އެއްމަޝްރޫޢު، ގިރާވަރު ފަޅު ހިއްކައިގެން ކުރިއަށްދާއިރު ބްރިޖް އެހިސާބަކަށް ނެތް އަޅާގޮތަކަށް. މިހާތަނަށް ލިބިފައި ހުރި މަޢުލޫމާތުތަކުން ފެންނަންއޮތީ ތިލަފުއްޓާހަމައަށް ބްރިޖްއަޅާގޮތަށް. އެހެންވީމަ އެބައި އިތުރުކުރަންޖެހޭ." ޑރ.މުޢިއްޒު ވިދާޅުވިއެވެ.

ގްރޭޓަރ މާލެ ކަނެކްޓިވިޓީ ބްރިޖްގެ އަމަލީ މަސައްކަތް ފަށާފައިވަނީ 2022 ވަނަ އަހަރުގެ އޯގަސްޓްމަހުގެ ތެރޭގައެވެ. މި މަޝްރޫއަކީ މާލެ ސަރަޙައްދުގައި އުމްރާނީ ގޮތުން ކުރިއަށްގެންދެވޭ އެންމެ ބޮޑު ބިޔަ މަޝްރޫޢުއެވެ. މި މަޝްރޫޢު ނިންމުމަށް މިސަރުކާރުން ޢަމާޒުކޮށްފައިވަނީ 2024ވަނަ އަހަރަށެވެ. ދިގުމިނުގައި 6.7 ކިލޯ މީޓަރުގެ ބްރިޖެއް ޤާއިމުކުރުމަށް މި މަޝްރޫޢުގައި ވަނީ ހިމަނުއްވާފައެވެ.