މި އަހަރުގެ މިހާތަނަށް ދައުލަތުގެ ބަޖެޓުން ސަބްސިޑީއަށް 3 ބިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފިއެވެ.
މަޖިލީހުން މިއަހަރަށް ފާސްކުރި ބަޖެޓުގައިވަނީ ގްރާންޓް، ކޮންޓްރިބިއުޝަން އަދި ސަބްސިޑީގެގޮތުގައި 6.6 ބިލިއަން ރުފިޔާ ހިމަނާފައެވެ. އެހެންނަމަވެސް އަހަރުގެ މިހާތަނަށް 7.1 ބިލިއަން ރުފިޔާ ގްރާންޓް، ކޮންޓްރިބިއުޝަން އަދި ސަބްސިޑީގެގޮތުގައި ވަނީ ޚަރަދުކޮށްފައެވެ.
ފިނޭންސް މިނިސްޓްރީން އާއްމުކޮށްފައިވާ އެންމެ ފަހުގެ ވީކްލީ ފިސްކަލް ރިޕޯޓުގައިވާގޮތުން މިދިޔަމަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް ގްރާންޓް، ކޮންޓްރިބިއުޝަން އަދި ސަބްސިޑީގެގޮތުގައި 7.1 ބިލިއަން ރުފިޔާ ޙަރަދުކޮށްފައިވާއިރު، މީގެތެރެއިން އެންމެ ބޮޑު ޚަރަދެއް ހިނގާފައިވަނީ ސަބްސިޑީއަށެވެ.
ބަޖެޓުގައި ހިމަނާފައިވަނީ މިއަހަރަށް ސަބްސިޑީގެގޮތުގައި 2.2 ބިލިއަން ރުފިޔާއެވެ. އެހެންނަމަވެސް އަހަރުގެ މިހާތަނަށް ވަނީ ސަބްސިޑީއަށް 3 ބިލިއަން ރުފިޔާ ޚަރަދުވެފައެވެ. ސަބްސިޑީތަކަށް ޚަރަދުކޮށްފައިވާ ގޮތުގެ ތަފްޞީލުތަކެއް ވީކްލީ ފިސްކަލް ރިޕޯޓުގައި ހިމަނާފައެއް ނުވެއެވެ.
ދެން އެންމެ ބޮޑު ހޭދައެއް ހިނގާފައިވަނީ އާސަންދައަށެވެ. އަހަރުގެ މިހާތަނަށް އާސަންދައަށް ކުރި ޚަރަދުވަނީ 1.5 ބިލިއަންއަށް އަރާފައެވެ. މިއީ މިއަހަރަށް ބަޖެޓުކުރި އަދަދަށްވުރެ 46.6 އިންސައްތަ އިތުރު އަދަދެކެވެ. ބަޖެޓުގައި އާސަންދައަށް ހިނގާނެ ކަމަށް ލަފާކޮށް ހިމަނާފައިވަނީ 1 ބިލިއަން ރުފިޔާއެވެ.
ކައުންސިލްތަކަށް ދޭ ގްރާންޓުތަކަށް ބަޖެޓުގައި 1.8 ބިލިއަން ރުފިޔާ ހިމާނާފައިވެއެވެ. އަދި އަހަރުގެ މިހާތަނަށް މިކަމަށްވަނީ 1.4 ބިލިއަން ރުފިޔާ ހޭދަކޮށްފައެވެ.
ދެން މިބައިގައި ހިމެނެނީ އިތުރު ގްރާންޓުތަކާއި ކޮންޓްރިބިއުޝަންތަކެވެ. ބަޖެޓުގައި މިކަމަށް ހިނގާނެ ކަމަށް ލަފާކޮށް ހިމަނާފައިވަނީ 1.4 ބިލިއަން ރުފިޔާއެވެ. އަދި އަހަރުގެ މިހާތަނަށް ގްރާންޓުތަކާއި ކޮންޓްރިބިއުޝަންގެ ގޮތުގައި 1.1 ބިލިއަން ރުފިޔާވަނީ ހޭދަކޮށްފައެވެ.
އަހަރުގެ މިހާތަނަށް ސަބްސިޑީއަށް 3 ބިލިއަން ރުފިޔާ ޚަރަދުވެފައިވާއިރު، ދައުލަތުގެ ބަޖެޓުން ސަބްސިޑީގެގޮތުގައި ކުރެވޭ ހޭދައިގެ ތެރެއިން އެންމެ ބޮޑު ޚަރަދެއް ހިނގަނީ ފިއުލް ސަބްސިޑީ، ކަރަންޓް ސަބްސިޑީ އަދި ކާބޯތަކެތީގެ އަގު ހެޔޮކުރުމަށްޓަކައި ދެވޭ ސަބްސިޑީތަކަށެވެ.
ސަބްސިޑީތަކުގެ ތެރެއިންވެސް ބަޖެޓުން އެންމެ ބޮޑު ޚަރަދެއް ހިނގަނީ ފިއުލް ސަބްސިޑީއަށެވެ.
ފިއުލް ސަބްސިޑީއަކީ ކަރަންޓް އުފައްދާ ކުންފުނިތަކަށް ވިއްކާ ތެލުގެ އަގު ވަކި އަގެއްގައި ކޮންޓްރޯލްކޮށްފައިވުމުގެ ސަބަބުން ރާއްޖެއަށް އެތެރެ ކުރާ ތެލުގެ ކޮސްޓާއި ކަރަންޓު އުފައްދާ ކުންފުނިތަކަށް ވިއްކާ އަގުގެ ފަރަގު އެސްޓީއޯއަށް ފޯރުކޮށްދިނުމަށް ހިނގާ ސަބްސިޑީއެކެވެ.