ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްޤީކޮށްފައިވާ ވިނަރެސްގެ ފްލެޓްތަކުގެ އިންޓްރެސްޓް ރޭޓް 6 އިންސައްތައަށް ކުޑަކޮށްފިއެވެ.
ހައުސިންގ ޑިވެލޮޕްމަންޓް ކޯރޕަރޭޝަން، އެޗް.ޑީ.ސީއިން ބުނީ މިގޮތަށް އިންޓްރެސްޓް ރޭޓް ކުޑަކޮށްފައިވަނީ ދިގު މުއްދަތަކަށް ބަހާލައިގެން ކުލިދައްކާ ފަރާތްތަކަށްކަމަށެވެ.
ވިނަރެސް ފްލެޓްތަކަށް ކުރިން ކަނޑައަޅާފައިއޮތީ 9 އިންސައްތައިގެ އިންޓްރެސްޓް ރޭޓެކެވެ. އެހެންނަމަވެސް ރިޔާސީ އިންތިޚާބުގެ ކެމްޕޭންގެ ތެރޭގައި ވިނަރެސްގެ ޑައުންޕޭމަންޓާއި ކުލީގެ އަގު ބޮޑުވުމުގެ ކަންބޮޑުވުން ފްލެޓް ލިބުނު ފަރާތްތަކުންވަނީ ރައީސުލްޖުމްހޫރިއްޔާއާއި ހިއްސާކުރައްވާފައެވެ. މިއާއެކު ރައީސް ޞާލިޙުވަނީ ވިނަރެސް ކުލީގެ އަގަށް ހެޔޮ ބަދަލެއް ގެންނަވާނެކަމަށް ވިދާޅުވެފައެވެ.
އެޗް.ޑީ.ސީއިން މިހާރުވަނީ ކުލީގެ އަގަށް ގެނެވުނު ބަދަލު ހާމަކޮށްފައެވެ. އެޗް.ޑީ.ސީން ބުނީ ދިގު މުއްދަތަކަށް ވިނަރެސް ފްލެޓްތަކުގެ ކުލި ދެއްކުމަށް ކުރިން ކަނޑައަޅާފައިވާ 9 އިންސައްތަ މިހާރު 6 އިންސައްތައަށް ކުޑަކޮށްފައިވާކަމަށެވެ. އަދި މިބަދަލު ގެނެވުނީ ހަމައެކަނި ދިގު މުއްދަތަކަށް ބަހާލައިގެން ކުލި ދައްކާ ފަރާތްތަކަށް އެކަނި ކަމަށްވެސް އެ ކޯރޕަރޭޝަނުން ބުނެއެވެ.
ވިނަރެސް ފްލެޓްތަކުގެ އަގު އުޅެނީ 2.52 މިލިއަން ރުފިޔާއާއި 2.59 މިލިއަން ރުފިޔާއާ ދެމެދުގައެވެ. މި ފްލެޓްތަކަށް ދެ ގޮތަކަށް ފައިސާ ދެއްކޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ. އެއީ އެއްފަހަރާ ފައިސާ ދައްކައިގެން ފްލެޓް ގަތުން ނުވަތަ 20-25 އަހަރަށް ބަހާލައިގެން މަހުން މަހަށް ފައިސާ ދައްކާ ނިންމާގޮތަށެވެ.
ވިނަރެސް ފްލެޓްގެ ގޮތުގައި 1344 ފެލެޓެއް ވަނީ އިމާރާތްކޮށްފައެވެ. 2 ކެޓަގަރީއަކުން ވިނަރެސް ފްލެޓް ލިބޭ މީހުންގެ ނަންތައް މިއަހަރުގެ ފެބްރުއަރީ މަހު ވަނީ ތަރުތީބުކޮށްފައެވެ. އެގޮތުން މާލޭ ރަށްވެހިންގެ ޚާއްސަ ކެޓަގަރީން 1058 މީހުންނަށް އަދި މާލޭގައި ދިރިއުޅޭތާ 15 އަހަރަށްވުރެ ދިގު މުއްދަތެއް ވެފައިވާ މީހުންގެ ކެޓަގަރީއިން 257 މީހުންވެސް މި ލިސްޓުގައި ހިމެނެއެވެ.
މިފަރާތްތަކާއެކު އެގްރިމަންޓްގައި ސޮއިކުރަން އޯގަސްޓްމަހު ފަށާފައިވާއިރު މިހާތަނަށް 288 މީހަކާއެކު އެގްރިމަންޓްގައިވަނީ ސޮއިކޮށްފައެވެ. އަދި ވިނަރެސް ފްލެޓްތައް ލިބުނު ފަރާތްތަކާއެކު މިހިނގާ އޮކްޓޯބަރު މަސް ނިމުމުގެ ކުރިން އެއްބަސްވުން އެކުލަވާލާ ނިންމާލާނެކަމަށް ފްލެޓް ލިބުނު ފަރާތްތަކަށް އަންގާފައިވާކަމަށް ފްލެޓް ލިބުނު ފަރާތްތަކުން ބުނެއެވެ.
4 ކޮންސެޕްޓަކަށް ޑިޒައިންކޮށްފައިވާ ވިނަރެސްގެ ހުރިހާ އެޕާޓްމެންޓަކީވެސް 3 ކޮޓަރީގެ ތަންތަނެވެ. އެގޮތުން އިނާ ވިއުއާއި އައުޓަރ ވިއުއާއި، މެރީނާ ވިއުއާއި ސްޓޭންޑަރޑް ވިއު އެޕާޓްމަންޓް ހިމެނެއެވެ. މިހުރިހާ އެޕާޓްމަންޓްތަކެއްވެސް ޙަވާލުކުރަނީ ފިނިޝިންގގެ މަސައްކަތްތައް ނިންމާފައެވެ.