ޚަބަރު

އެއަރޕޯޓުގައި ސިލިންޑަރު ގޮވުމުގެ ޙާދިސާގެ ތަޙްޤީޤު އަންނަ ހަފްތާގައި ނިމޭނެ


  • މިކަމުގެ ތަޙުގީގު ރީޖަނަލް އެއަރޕޯޓްސްއިން އަންނަނީ ސިވިލްއެވިއޭޝަނާއި ގުޅިގެން ކުރަމުން

  • އަންނަ ހަފްތާގެ ތެރޭގައި ރިޕޯޓު ލިބޭނެކަމަށް ބެލެވޭ

  • ތަހުގީގަށްފަހު މިހާރު ބޭނުންކުރާ ސިސްޓަމް އެޕްރޫވްޑް އެއްޗަކަށް ހަދާނެ

ކުޅުދުއްފުށީ ސިޓީ އެއަރޕޯޓުގައި ސިލިންޑަރު ގޮވުމުގެ ޙާދިސާގެ ތަޙުޤީޤު އަންނަ ހަފްތާގެ ތެރޭގައި ނިމޭނެކަމަށް ލަފާކުރެވޭކަމަށް ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީން ހާމަކޮށްފިއެވެ.

މި ޙާދިސާގެ ތަޙުޤީޤެއް އެކުންފުންނިން އަންނަނީ ސިވިލް އެވިއޭޝަނާއި ގުޅިގެން ހިންގަމުންނެވެ.

މިދިޔަ ބުރާސްފަތި ދުވަހު ކުޅުދުއްފުށީ އެއަރޕޯޓުގައި ސިލިންޑަރު ގޮވާފައިވަނީ އަލިފާން ނިއްވުމާއި، ގުޅޭގޮތުން ޑްރިލްއެއް ހަދަމުންދަނިކޮށެވެ. ޢާއްމުކޮށް ރާއްޖޭގެ ހުރިހާ އެއަރޕޯޓެއްގައިވެސް މި ޑްރިލްތައް ހަދަމުންދާކަމަށް ރީޖަނަލް އެއަރޕޯޓްސްއިން ފާހަގަކުރެއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އެކުންފުނިން ބުނީ ރާއްޖޭގެ ހުރިހާ އެއަރޕޯޓެއްގައި ހިންގާ އަލިފާން ނިއްވުމުގެ ހޮޓް ފަޔަރ ޑްރިލްތަކުގައި ބޭނުންކުރަނީ ރާއްޖޭގައި އުފައްދާ ޕްރެޝަރ ޕެޑްތަކެއްކަމަށެވެ. އޭގައި ރޯކުރުމަށްފަހު ޕްރެޝަރުގައި އަލިފާން ދިނުމަށްފަހު މުވައްޒަފަކު އެއަށް އެޓެންޑްވާކަމަށް އެކުންފުނިން ބުނެއެވެ. ސިލިންޑަރު ގޮވި ޙާދިސާ ހިނގާފައިވަނީ މިގޮތަށް އެޓެންޑުވުމުގެ ތެރޭގައިކަމަށް ބެލެވެއެވެ.

މީގެ ކުރިން އެއްވެސް މައްސަލައެއް މެދުވެރިވެފައި ނުވިނަމަވެސް ބުރާފަސްތި ދުވަހުގެ ޙާދިސާއާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބެލުމަށް ސިވިލް އެވިއޭޝަން އޮތޯރިޓީއާއި ގުޅިގެން ތަޙުޤީޤެއް ކުރަމުންދާކަމަށް އެކުންފުނިން ބުނެއެވެ. މި ތަޙުޤީޤު ރިޕޯޓް އަންނަ ހަފްތާގެ ތެރޭގައި ނިމޭނެކަމަށް ލަފާކުރެވޭކަމަށް ރީޖަނަލް އެއަރޕޯޓްސްއިން ބުނެއެވެ.

މިހާރު ބޭނުންކުރަމުންދާ ޕްރެޝަރ ޕެޑް އިތުރަށް ބޭނުންކުރުމަށް ސިވިލް އެވިއޭޝަނުން ހުއްދަދީ ފެކްޓްރީ ފެންވަރަށް އެޕްރޫވްކުރުމަށް މަސައްކަތްކުރާނެކަމަށް އެކުންފުނިން ބުނެއެވެ.

މި ޙާދިސާގައި 4 މީހަކަށް އަނިޔާވެ އެގެތެރެއިން އެކެއްގެ ޙާލު ސީރިއަސްއެވެ. ޙާލު ބޮޑުވި މީހާ ފަރުވާއަށް މާލެ ގެނައުމަށްފަހު އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށް ގެންދިޔުމަށް ޢާއިލާއިންވަނީ ނިންމާފައެވެ. މިޙާދިސާގައި އޭނާގެ އަތަށް ބޮޑެތި އަނިޔާތަކެއްވެފައިވާކަމަށް މަޢުލޫމާތު ލިބެއެވެ.

އަނިޔާވި އަނެއް 3 މީހުންނަށް ކުޅުދުއްފުށީ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހުވަނީ ދޫކޮށްލާފައެވެ. މި 4 މީހުންނަކީވެސް ކުޅުދުއްފުށީ އެއަރޕޯޓުގައި މަސައްކަތް ކުރާ މުވައްޒަފުންނެވެ.