ޚަބަރު

ޝަހީދުންގެ ހަށިގަނޑުތަކާއެކު ހޮސްޕިޓަލްތައް ފުރެނީ، ކަފުނެއް ނެތް


  • ސިއްހީ ޚިދުމަތަށް ބޭނުންވާ ތަކެތި ލިބެން ހުންނަ ފިހާރަތައް ދަނީ މަދުވަމުން

  • ހޮސްޕިޓަލްތަކުން ދަނީ ތަކެތި ހޯދުމަށް އާދޭސްކުރަމުން

  • ހޮސްޕިޓަލުތަކުގެ ޖާގަ ކުޑަވެ މީހުން ބޭރުގައި ބައިތިއްބަށް މަޖުބޫރު ވެފައި

ފަލަސްތީނުގެ ނިކަމެތި ރައްޔިތުންނާއި ދެކޮޅަށް އިސްރާއީލުގެ ހައްދުފަހަނައަޅާފައިވާ ޔަހޫދީ ސިފައިން ހިންގަމުންދާ ލާއިންސާނީ ޖަރިމާތަކާއެކު، ފަލަސްތީނުން ފެނިގެންދަނީ ހިތްދަތިކަމާއި، ނަމާންކަމާއި ބިރުވެރި މަންޒަރުތަކެކެވެ. ރުއިމާއި ކެކުޅުމުގެ އަޑުތަކެކެވެ. ކެއުންބުއިމާއި، އެންމެ އަސާސީ ޙައްޤުތަކުން މަޙްރޫމުވެ، އިންސާނީ އެހީއަށް އިންތިހާއަށް ބޭނުންވެފައިވާ މަންޒަރެވެ.

މިމަހުގެ 7 ވަނަ ދުވަހުން ފެށިގެން އިސްރާއިލުން ފަލަސްޠީނުގެ ޣައްޒާއަށް ދެމުންދާ ޢުދުވާނީ ހަމަލާތަކުގެ ސަބަބުން އެތައް ހާސް ބަޔަކު ޝަހީދުވަމުންދާއިރު އެމީހުން ކަފުން ކުރަން ބޭނުންވާ ތަކެތި ހުސްވަމުންދާކަމުގެ ކަންބޮޑުވުން ޞިއްޙީ ޚިދުމަތްތެރިން ދަނީ ފާޅުކުރަމުންނެވެ.

ޣައްޒާގެ މެދުތެރޭގައި ހުންނަ އަލްއަޤްޞާ ޝަހީދުންގެ ހޮސްޕިޓަލަށް އެކަނި މިވަގުތު ބަލާލިސް ފެނިގެންދަނީ އިންސާނުންގެ ހިތްތަކަށް ކެތްކުރަން ދަތި އުނދަގޫ މަންޒަރުތަކެކެވެ. ހޮސްޕިޓަލުގެ ތެރޭގައި ޑޮކްޓަރުން ރެއާއި ދުވާލު ވަރުބަލިކަމެއް ނެތި ހަނގުރާމަ ކުރަނީ ޒަޚަމްވި މީހުން ގެނެސް، އެންމެ މީހެއްގެ ފުރާނަމަ ނަމަވެސް ސަލާމަތްކުރެވޭތޯއެވެ. އެހެނަސް އެ މީހުންނަށް ބޭނުންވާ ބޭހާއި ސާމާނު ލިބެން ހުންނަ ފިހާރަތައް ދުވަހުން ދުވަހަށް ދަނީ މަދުވަމުންނެވެ. މި ސަބަބާހުރެ ރަނގަޅު ސިއްހީ ޚިދުމަތެއް ނުލިބި އެތައް ބަޔަކު ދަނީ ލިބިފައިވާ ޒަޚަމްތަކަށް ފަރުވާއެއް ނުލިބި ދުނިޔެ ދޫކުރަމުންނެވެ.

ޝަހީދުވެފައިވާ މީހުންގެ ހަށިތައް އެއްކޮށްފައި ހުންނަނީ ހޮސްޕިޓަލުގެ ބޭރު ގޯތިތެރޭގައެވެ. ފެނިގެންދަނީ އާއިލާއާއި ގާތްތިމާގެ މީހުން ދުނިޔެ ދޫކުރި މީހުންގެ މައްޗަށް ކަރުނުން ފުރިފައިވާ ލޯތަކާއެކު ދުޢާ ކުރާ މަންޒަރުތަކެވެ. ޝަހީދުވި މީހުންގެ ގާތްތިމާގެ މީހުން ގިސްލާ ރޮމުން ތަޅުން މައްޗަށް ވެއްޓެމުން ދެއެވެ.

މިއީ ބިރުވެރިކަމާއި ނާމާންކަން އިންތިހާއަށް ގޮސްފައިވާ ހާލަތަކަށްވެފައި، ސިކުނޑި ޤަބޫލުކުރަން ދައްޗެވެ. އެހެންނަމަވެސް ހިތާމައަކީ މިއީ މިހާރު ފަލަސްތީނުގެ ޣައްޒާގެ މުސްލިމުންގެ ކޮންމެ ދުވަހެއްގެ ޙާލަތުކަމެވެ. ޝަހީދުންގެ އަދަދުތައް އިތުރުވަމުންދާއިރު، އެމީހުން ހިނަވާ ވަޅުލާން ކަފުންކުރާނެ ސާމާނެއް ނެތެވެ.

އާދިއްތަ ދުވަހުގެ ހެނދުނު ޒަޚަމްވެފައިވާ މީހުންނާއިގެން ފުރިފައިވާ ގިނަ އުޅަނދުތަކެއް އަލްއަޤްޞާ ޝަހީދުންގެ ހޮސްޕިޓަލަށް ދިޔައެވެ.

"އަޅުގަނޑުމެން މިތާގައި މިތިބެނީ ފަތިސް ވަގުތުން ފެށިގެން. މުޅި ހޮސްޕިޓަލުންގެ ގޯތިތެރެ ފުރިފައިވަނީ ހަށިގަނޑުތަކުން. ފުރިފައިވާ އައިސަލަމާރިތަކުގައި ހުރީ ހަށިތައް. ހޮސްޕިޓަލް އިމާރާތުގެ އެތެރެއާއި ބޭރުގައިވެސް ފުރާނަނެތް ހަށިތައް." ހޮސްޕިޓަލުގެ މުވައްޒަފަކު އަސަރާއެކު ބުންޏެވެ.

"އަހަރެމެން އަތުގައި ހަށިގަނޑުތަކަށް އެކަށީގެންވާ ކަފުނެއް. ނެތް އަދަދުތައް ބޮޑުކަމުން. ހުރިހާ ހަށިގަނޑުތަކެއް އަންނަނީ ބައިބަޔަށް، ގުޅިފައި ނުވާ ގޮތައް އަދި އެތިކޮޅުކޮޅަށް، ހަށިގަނޑުތަކުގެ ސިފަ ގެއްލި، ފުނޑުފުނޑުވެފައި ހުރުމުން އެމީހުންނަކީ ކޮންބައެއް ކަމެއްވެސް ދެނގަނެވޭކަން ނެތް." މީޑިއާއާއި ވާހަކަދައްކަމުން އެ ސްޓާފު ބުންޏެވެ.

އަލްއަޤްޞާ ޝަހީދުންގެ ހޮސްޕިޓަލުގެ ސްޓާފެއް ބުނިގޮތުގައި، އޭނާ އެޙާލަތު ސިފަކުރަނީ ކެތްކުރަން އުނދަގޫ ޙާލަތެއްގެ ގޮތުގައި ކަމަށާއި، މިއީ ކުރިން ދުވަހަކުވެސް ނުފެންނަށް މަންޒަރުތަކެއް ކަމަށެވެ. އިސްރާއިލުން ދެމުންދާ ޙަމަލާތަކުގައި ޝަހީދުވެފައިވާ މީހުންނަށް ލިބިފައިވާ ގެއްލުންތައް ހިތަށް ގެންނަންވެސް އުނދަގޫކަމަށާއި، ބިރުގަނެ ރޮވޭގޮތްވާކަމަށް އޭނާ ބުންޏެވެ.

މިދިޔަ ހޮނިހިރު ދުވަހު މިޞްރުން ޣައްޒާއަށް އެހީގެ ގޮތުގައި ފުރަތަމަ 20 ޓްރަކު ވަދެވުނު ފަހުން ވެސް މުޅި ޣައްޒާގެ ހޮސްޕިޓަލްތަކުން ވަނީ ތަކެތި ހޯދުމަށް ކެތްމަދުވެފައެވެ. އެހާ ގިނަ އަދަދެއްގެ ބަޔަކު ޒަޚަމްވެ ޝަހީދުވަމުންދާއިރު ގިނަ ޢަދަދެއްގެ ޞިއްޙީ ވަޞީލަތްތަކާއި ތަކެތި ބޭނުންވެއެވެ. ބައެއް ކާބޯތަކެއްޗާއި، ޞިއްޙީ ސާމާނު ޣައްޒާއަށް އެތެރެވި ނަމަވެސް ހަމަނުޖެހުން ފެށުނު ފަހުން ޣައްޒާއަށް އެއްވެސް ތެލެއް ވަދެފައެއް ނުވެއެވެ.