ޚަބަރު

ޤައުމީ އެމްބިއުލާންސްގެ ޚިދުމަތް ރަސްމީކޮށް ފަށައިފި


  • މިޚިދުމަތް ފުރަތަމަ ދޭނީ މާލެ ސަރަޙައްދުގައި

  • ޚިދުމަތް ދިނުމުގައި މާލެ ސަރަޙައްދުގައި ސިއްޙީ ފަރުވާ ދޭ ތަންތަނުން ބައިވެރިވޭ

  • ކުރިއަށް އޮތްތަނުގައި އަތޮޅުތެރެއަށް ފުޅާކުރުމަށްދަނީ މަސައްކަތްކުރަމުން

ޤައުމީ އެމްބިއުލާންސްގެ ޚިދުމަތް ރަސްމީކޮށް ފަށައިފިއެވެ. މިޚިދުމަތް އެންމެ ފުރަތަމަ ފަށާފައިވަނީ މާލެ ސަރަޙައްދުގައެވެ.

ސިއްޙީ ނިޒާމު އިތުރަށް ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ޤައުމީ އެމްބިއުލާންސް ޚިދުމަތް ފެށުމަށް ޖުމްހޫރީ މައިދާނުގައި ބޭއްވި ރަސްމިއްޔާތެއްގައި މިޚިދުމަތް ފައްޓަވާދެއްވީ މިނިސްޓަރ އޮފް ހެލްތު އަޙްމަދު ނަސީމެވެ. މިޚިދުމަތް ފައްޓަވާ ދެއްވާ ވާހަކަފުޅުދައްކަވަމުން ހެލްތު މިނިސްޓަރ ވިދާޅުވީ، ސިއްޙީ ނިޒާމު ފުރިހަމަ ނިޒާކަމަށް ހެދުމަށް މިއީ މުހިއްމު ޚިދުމަތެއްކަމަށެވެ. އަދި މާޒީގައި ހިނގާފައިވާ ޙާދިސާތައް ތަކުރާރުވިޔަނުދީ ރައްޔިތުންގެ ދުޅަހެޔޮކަން ކަށަވަރުކުރުމަށް މިއީ ކޮންމެހެން ޤާއިމުކުރަންޖެހޭ ޚިދުމަތެއްކަމުގައި ހެލްތު މިނިސްޓަރ ވިދާޅުވިއެވެ.

"ރަނގަޅު ފެންވަރުގެ ޚިދުމަތްދޭނެ ޒަމާނީ ކޯލް ސެންޓަރެއް އަޅުގަނޑުމެންނަށް ޤާއިމުކުރެވިއްޖެ. މިސެންޓަރު ޤާއިމުކުރުމުގައި އެތަނުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަން ދެމެހެއްޓުމަށް އަހަންމިއްޔަތުކަންދީފައިވޭ. އަދި މިތަނުގައި ބޭނުންކުރާ ސިސްޓަމްތަކާއި ސޮފްޓްވެއަރ ތަކަކީ ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކުގައިވެސް މިކަމަށް ޤާއިމުކޮށްފައިވާ ޒަމާނީ ވަޞީލަތްތަކެއް." ހެލްތު މިނިސްޓަރ ވިދާޅުވިއެވެ.

ޤައުމީ އެމްބިއުލާންސްގެ ޚިދުމަތް ދިނުމަށްވަނީ 24 ގަޑިއިރުގެ ކޯލް ސެންޓަރެއް ޤާއިމުކޮށްފައެވެ. މާލެ ސަރަޙައްދުގައި ޚިދުމަތްދިނުމަށް މިސަރަޙައްދުގެ ހުރިހާ ސިއްޙީ ފަރުވާ ދޭތަންތަން ގުޅިގެން މަސައްކަތް ކުރުމަށްވަނީ ހަމަޖެހިފައެވެ. މިޚިދުމަތާއެކު އެއް ނަންބަރެއް މެދުވެރިކޮށް އެމްބިއުލާންސްގެ ޚިދުމަތް ލިބިގެންދާނެއެވެ.

ސިއްޙީ ކުއްލި ޙާލަތެއްގައި 100 އަށް ގުޅުމުން ޕެރަމެޑިކާއެކު އެކްސިޑެންޓު ހިނގާފައިވާ ތަނަށް ނުވަތަ ބަލި މީހާ އޮތް ސަރަޙައްދަށް ގޮސް ހޮސްޕިޓަލަށް ގެންދިޔުމުގެ ކުރިން ބަލިމީހާ ސްޓޭބަލައިޒްކުރުމަށް މަސައްކަތް ކުރާނެއެވެ. އަދި ބަލިމީހާ އޮތް ސަރަޙައްދަކާއި އެންމެ ގާތުގައި ހުރި ހޮސްޕިޓަލަށް އެމްބިއުލާންސްދާއިރު ބަލި މީހާގެ މަޢުލޫމާތު ލިބިފައިވާ ޓީމެއް ޕޭޝަންޓަށް އެޓެންޑްވުމަށް ތައްޔާރަށް އޮންނާނެކަމަށް ހެލްތު މިނިސްޓްރީން ވިދާޅުވެއެވެ.

މާލެ ސަރަޙައްދުގައި މިޚިދުމަތް ފެށިނަމަވެސް، ކުރިއަށް އޮތްތަނުގައި އަތޮޅު ތެރޭގެ ސިއްޙީ ޚިދުމަތްދޭ ތަންތަނުންވެސް މިޚިދުމަތް ލިބޭނެހެން ޚިދުމަތް ފުޅާކުރެއްވުމަށް ނިންމަވާފައިވާކަމަށް ހެލްތު މިނިސްޓްރީން ވިދާޅުވެއެވެ. އަދި ސީ އެމްބިއުލާންސާއި އެއަރ އެމްބިއުލާންސްގެ ޚިދުމަތްވެސް މިނަންބަރު މެދުވެރިކޮށް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަކީ އަމާޒެއްކަމަށް އެމިނިސްޓްރީން ވިދާޅުވެއެވެ.

މިޚިދުމަތް ރަސްމީކޮށް މިއަދު ފެށިނަމަވެސް ކޯވިޑްގެ ދުވަސްވަރު 2020 ވަނަ އަހަރު ސަރުކާރުންވަނީ އޭރުގެ ޙާލަތަށް ބައްލަވާ މިޚިދުމަތް އޭރުގެ ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގެ ދަށުން ކޯވިޑް-19ގެ ބަލި މީހުންނަށް ޚާއްސަކޮށްގެން ދެއްވާފައެވެ. މިގޮތުން މިމަސައްކަތްކުރުމަށް ޚާއްސަ ޕެރަމަޑިކް ޓީމްތަކާއި ކޯލް ސެންޓަރުގައި ޙަރަކާތްތެރިވާނެ މުވައްޒަފުންވަނީ ތަމްރީނުކޮށްފައެވެ.