ޚަބަރު

ޑރ.މުޢިއްޒު ރައީސްކަމަށް އިންތިޚާބުވެވަޑައިގަތުމަކީ ޢިމާރާތްކުރުމުގެ ސިނާޢަތަށް ލިބުނު ބާރެއް: ޖަނާޙު


  • ދާއިރާގެ މަޢުލޫމާތު ލިބިވަޑައިގެން މަތީތަޢުލީމު ޙާސިލުކުރައްވާފައިވާ ބޭފުޅަކު އައުމުން ދާއިރާ ކުރިއަރާނެ

  • ޢިމާރާތްކުރުމުގެ ދާއިރާއަށް ބޮޑެތި ގޮންޖެހުންތަކެއްވަނީ ކުރިމަތިވފައި

  • ދާއިރާ އޮތީ އަވަސް ޙައްލުތަކެއް ނުލިބިއްޖެނަމަ ފޫނުބެއްދޭނެވަރުގެ ގެއްލުންވެދާނެ ފަދަ ޙާލެއްގައި

ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމަށް ޑރ.މުޢިއްޒު އިންތިޚާބުވެވަޑައިގަތުމަކީ ޢިމާރާތްކުރުމުގެ ސިނާޢަތަށް ލިބިގެންދިޔަ ވަރަށް ބޮޑު ބާރެއްކަމުގައި މަސީގެ ރައީސް އަދި މަޝްހޫރު ވިޔަފާރިވެރިޔާ މުޙައްމަދު އަލީ ޖަނާޙު ވިދާޅުވެއްޖެއެވެ.

ޑރ.މުޢިއްޒު އިންތިޚާބު ކާމިޔާބު ކުރެއްވުމާއި ގުޅިގެން ރާއްޖޭގެ ވިޔަފާރިވެރިންގެ ފަރާތުން މަރުޙަބާ ދެންނެވުމަށް ބޭއްވި ބައްދަލުކުރެއްވުމުގައި ވާހަކަދައްކަވަމުން މަސީ އަދި އެމްޕްލޯޔަރސް އެސޯސިއޭޝަންގެ ރައީސް މުޙައްމަދު އަލީ ޖަނާޙު ވިދާޅުވީ، ދާއިރާގެ ތަޖުރިބާއާއި މަތީ ތަޢުލީމު ލިބިވަޑައިގެން ހުންނެވި ބޭފުޅަކު ރައީސުލްޖުމްހޫރިއްޔާގެ މަޤާމަށް ވަޑައިގަތުމަށް ޢިމާރާތްކުރުމުގެ ދާއިރާއަށް ލިބިގެންދިޔަ ވަރަށް ބޮޑު ބާރެއްކަމަށެވެ. އަދި ވަރަށް ބޮޑަށް އަރިއަޅާލާފައިވާ ރާއްޖޭގެ ޢިމާރާތްކުރުމުގެ ދާއިރާއަށް ފަހި ދުވަސްތަކެއް އަންނާނެކަމަށް އުއްމީދުކުރައްވާކަމަށް ވިދާޅުވިއެވެ.

ޑރ. މުޢިއްޒު ގެންގުޅުއްވާ ޕްރޯ މޯލްޑިވްސް ސިޔާސަތުގެ ދަށުން ރާއްޖޭގެ ވިޔަފާރިތަކަކީވެސް ޕްރޯ މޯލްޑިވްސް ބިޒްނަސްތަކަކަށް ހައްދަވައިދެއްވުމުގައި ހެތީތެރިކަމާއި އެއްބާރުލެއްވުން ދެއްވުމަށް ޖަނާޙްވަނީ އިންތިޚާބީ ރައީސްގެ އަރިހުގައި އެދިވަޑައިގަންނަވާފައެވެ.

"ކޮންސްޓްރަކްޝަން ދާއިރާއަށް ވަރަށް ބޮޑެތި ގޮންޖެހުންތައް އެބަހުރި. މިހާރު އޮތް ޙާލަތަކީ މިކަމަށް ޙައްލެއް ނުހޯދާ ދިގުމުއްދަތަކަށް ތިބެވޭނެ ޙާލަތެއްވެސް ނޫން. މަނިކުފާނު ހުވާކުރައްވާ ދުވަހުން ފެށިގެންވެސް އަޅުގަނޑުމެނާއި މަޝްވަރާކުރައްވައިގެން ޙައްލުތަކެއް ހޯއްދަވަންޖެހިފައި ހުރި ކަންތައްތަކެއް މިއީ." ޖަނާޙް ވިދާޅުވިއެވެ.

ރާއްޖޭގެ އިޤްތިޞާދާށް ކުރިމަތިވެފައިވާ ނުރައްކާތެރިކަން ވިޔަފާރިވެރިންވަނީ ހިއްސާކުރައްވާފައެވެ.

ރާއްޖެއިން ބޭރުން އެތައް ގޮންޖެހުންތަކެ ކުރިމަތިވަމުންދާއިރު އެތެރެއިންވެސް އެތައް މައްސަލަތަކެއް ދިވެހި ކުންފުނިތަކަށް ކުރިމަތިވަމުންދާކަން ވިޔަފާރިވެރިންވަނީ ފާހަގަކުރައްވާފައެވެ. އެކި ސިނާޢަތްތަކާއި ގުޅޭގޮތުން ޤާނޫނުތަކާއި ގަވާއިދުތައް ހައްދަވާއިރު އެކަންކަމުގެ ތަޖުރިބާކާރުން ނުވަތަ އެދާއިރާތަކުގެ ބޭފުޅުންނާއި މަޝްވަރާނުކުރައްވާކަމުގެ ކަންބޮޑުވުން ވިޔަފާރިވެރިންވަނީ ފާޅުކުރައްވާފައެވެ. އޭގެ ނަތީޖާ ސީދާގޮތުން ރާއްޖޭގެ އިޤްތިޞާދަށް ކުރާކަން ވިޔަފާރިވެރިންވަނީ ފާހަގަކުރައްވާފައެވެ.

އެކަމުގައި ސަރުކާރުގެ ބޭރުން ޕްރައިވެޓް ސެކްޓަރވެސް ޝާމިލުވާ ފަދަ އިދާރާއެއް އުފައްދަވާ އެއީ މިފަދަ ކަންކަމުގައި އެކި ދާއިރާތަކަށް ބޭނުންވާ ފަންނީ ލަފާ އެރުވޭނެ ފަދަ ބަޔަކު ތިބުމަކީ މުހިއްމުކަމެއްކަން ވިޔަފާރިވެރިންވަނީ ފާހަގަކުރައްވާފައެވެ. އަދި މިކަންކަމުގައި އިންތިޚާބީ ރައީސްއަށް ވިޔަފާރިވެރިންގެ ފުރިހަމަ އެއްބާރުލެއްވުން ދެއްވާ ހުރި މައްސަލަތައް ޙައްލުކުރުމުގައި ގުޅިގެން މަސައްކަތްކުރެއްވުމުގެ ޝައުގުވެރިކަން އެފަރާތްތަކުންވަނީ ފާޅުކުރައްވާފައެވެ.