މާލެ ސިޓީގެ މޭޔަރުކަމަށް ކުރީގެ ބަންޑާރަ ނާއިބު އާއިޝަތު އާޒިމާ ޝަކޫރު ވާދަކުރައްވަން ނިންމަވައިފިއެވެ.
އާޒިމާ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، އަންނަ ޖެނުއަރީ މަހު އޮންނަ މާލެ ސިޓީގެ މޭޔަރުކަމުގެ މަޤާމަށް ޕީޕީއެމް/ޕީއެންސީގެ ޓިކެޓުގައި ވާދަކުރެއްވުމަށް ގަސްދުކުރައްވާކަމަށެވެ. ޢާޒިމާ ވިދާޅުވީ އެ މަޤާމަށް ވާދަކުރައްވަން ނިންމެވީ، މާލެ ސަރަަޙައްދު ހަގީގީ މާނާގައި ތަރައްޤީކުރުމަށްޓަކައި އަދިވެސް ބޮޑެތި މަސައްކަތްތަކެއް ކުރަންޖެހިފައިވާކަމަށް ޤަބޫލުކުރެވޭތީއާއި، އެކަން ރައްޔިތުންނަށް ކޮށްދިނުމަށް އިސްނެގުމުގެ ގޮތުންކަމަށެވެ.
އާޒިމާ ވިދާޅުވީ ލާމަރުކަޒީގޮތުން ރާއްޖެއަށް ބަދަލުތަކެއް އައިނަމަވެސް ރައްޔިތުންގެ ބޭނުންތަކަށް ބަދަލު ނާންނަކަމަށެވެ. ޚާއްޞަކޮށް މާލެ ސަރަަހައްދަށް އަންނަމުންދާ ބަދަލުތަކާއެކު ހިންގުމުގެ އޮނިގަނޑު އިތުރަށް ވަރުގަދަކޮށް ހިންގުން ހަރުދަނާކުރުމުގެ ބޭނުންތެރިކަން ދުވަހެއް ދުވަހަކަށް އިތުވަމުންދާކަމަށް ޢާޒިމާ ވިދާޅުވިއެވެ.
ކުރީ ސަރުކާރުގައި ރައީސް އޮފީހުގެ ލީގަލް އެފެއަރޒް މިނިސްޓަރުކަންވެސް ކުރައްވާފައިވާ އާޒިމާ ވިދާޅުވީ މާލޭގައި ހުރި ބޮޑެތި މައްސަލަތައް ރޭވުންތެރިކަމައެކު މަސައްކަތްކުރައްވާނެކަމަށާއި، އިންތިޚާބީ ރައީސް އެކުލަވާލައްވާފައިވާ ސްޓްރެޓެޖިކް ޕްލޭން ތަންފީޒްކުރައްވާނެކަމުގެ ޔަޤީންކަން ދެއްވާކަމަށެވެ.
މާލޭ މޭޔަރުކަމުގެ އިންތިޚާބު ބާއްވަންޖެހުނީ، މޭޔަރުކަމުގައި ހުންނެވި ޑރ. މުޙައްމަދު މުޢިއްޒު ރިޔާސީ އިންތިޚާބު ކާމިޔާބުކުރެއްވުމާއި ގުޅިގެން، މޭޔަރުކަމުގެ ގޮނޑި ހުސްވާތީއެވެ. މާލޭގެ މޭޔަރުކަމަށް ޢާޒިމާގެ އިތުރުން، މިހާރުގެ ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރ އަޙްމަދު މަހްލޫފާއި، ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް ޙުސައިން ވަޙީދުވެސް ވާދަކުރައްވާނެކަން ވަނީ އިއުލާންކުރައްވާފައެވެ.