ޚަބަރު

ރެއިލިން މަރާމާތުކުރުމަށް 500އެއްހާ ފްލެޓުން އެދެފި، އިންސްޕެކްޝަން ވަނީ ފަށާފައި


  • ފުރުސަތަށް ހުޅުވާލީ މިމަހުގެ 3ވަނަ ދުވަހު

  • އިންސްޕެކްޝަންތައް ވަނީ ފަށާފައި

  • މިމަހުގެ 30ގެ ނިޔަލަށް ފުރުސަތު ވަނީ ހުޅުވާލާފައި

ސަލާމަތާ ރައްކާތެރިކަން އިތުރުކުރުމަށް، ފްލެޓްތަކުގެ ރެއިލިން މަރާމާތުކުރުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަންއިން ހުޅުވާލި ފުރުޞަތުގައި 500އެއްހާ ޔުނިޓުން މިހާތަނަށް ރިކުއެސްޓްކޮށްފަވާކަމަށް އެ ކޯޕަރޭޝަންއިން ވިދާޅުވެއްޖެއެވެ.

އެޗްޑީސީގެ ބެލުމުގެ ދަށުގައިވާ އެންމެދު އިމާރާތްތަކުގެ ސަލަމަތާއި ރައްކާތެރިކަން އިތުރަށް ހަރުދަނާކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ޕްރޮގްރާމެއް އެޗްޑީސީން ފަށައި، މި ޕްރޮގްރާމްގެ ދަށުން އެހީތެރިކަން ބޭނުންވާ ޔުނިޓްތަކުން އެދުމަށް ހުޅުވާލީ ސެޕްޓެންބަރު ތިންވަނަ ދުވަހުއެވެ.

އެގޮތުން ސެޕްޓެންބަރު މަހުގެ 30ވަނަ ދުވަހު، 12:00ގެ ކުރިން އެންގުމަށް ވަނީ އެދިފައެވެ.

އެޗްޑީސީއިން ވިދާޅުވީ ރިކުއެސްޓްތަކަށް ބަލާ، ފްލެޓްތަކުގެ އިންސްޕެޝަންގެ މަސައްކަތްތައް މިހާރު ފަށާފަވާކަމަށެވެ. އެގޮތުން ގޭގެއަށް ގޮސް، ހާލަތު ބަލާ، މަޢުލުމާތު އޮޅުންފިލުމުގެ މަސައްކަތްތައް މި އިންސްޕެކްޝަން ވިސިޓްތަކުގެ ތެރެއިން ދަނީ ކުރިއަށްގެންދަމުންނެވެ.

500އެއްހާ ރިކުއެސްޓް މިހާތަނަށް ލިބިފަވާއިރު، ވީހާވެސް އަވަހަށް އެގެތަކަށް ޒިޔާރަތްކޮށް ހާލަތު ބެލުމުގެ މަސައްކަތް ކުރިއަށްގެންދާނެކަމަށް ވިދާޅުވިއެވެ.

އެޗްޑީސީން ބަލަމުންދަނީ ފްލެޓްތަކުގެ ބެލްކަނީގެ ރެއިލިންއާއި ކުޑަދޮރުތަކުގައި ރައްކާތެރިކަމަށް އެޅޭނެ ފިޔަވަޅުތަކަށެވެ. އެގޮތުން ހަލާކުވެފައި ހުރި ތަންތަން މަރާމާތުކުރުމުގެ އިތުރުން، ބެލްކަނި އުސްކުރުމާއި ކުޑަދޮރުގައި ގްރިލް ޖެހުމަށް އެހީތެރިކަން އެޗްޑީސީގެ އިޖުތިމާޢީ ޒިންމާގެ ދަށުން ކުރިއަށްގެންދިއުން ހިމެނެއެވެ.

ނަމަވެސް މިފަދަ ބޮޑެތި ބަދަލުތައް ގެންނާނީ، އެފަދަ ގެތަށް ވަރަށް ރަނގަޅަށް ދެނެގަތުމަށް ފަހުގައެވެ. އެގޮތުން ނުކުޅެދުންތެރިކަމާއި ޚާއްސަ އެހީއަށް ބޭނުންވާ މީހުންނާއި އަދި ކުޑަކުދިންނާއި ނަފްސާނީ ބަލިތަކުގެ މީހުންގެ ގޭގެއަށް އިސްކަންދީގެންނެވެ.

މި މުޅި ޕްރޮގްރާމަކީ ރައްޔިތުންގެ ޙާލަތު ގާތުން ބަލާ، ފްލެޓްތަކުގައި ދިރިއުޅޭ އާއިލާތަކާއި ކުދިންގެ ރައްކާތެރިކަމަށް ކުރުމަށް ނިންމާފައިވާ މަސައްކަތެކެވެ. އަދި މިފަދަ ތަންތަނުގައި ހުންނަ މައްސަލަތުގެ ސަބަބުން ދިމާވާ ނުރައްކާތެރި ޙާދިސާތަކުން ރައްކާތެރިވުމަށް އަޅާ ފިޔަވަޅެކެވެ.

މަރާމާތުކުރުމަށް އެދި އެޗްޑީސީއަށް ލިބޭ ހުށައެޅުންތަކާ ގުޅިގެން، ބަލަންޖެހޭ ކަންކަން ބެލުމަށް ފަހު، އެފަދަ ތަންތަނުގެ ސަލާމަތީ ކަންކަން ރަނގަޅުކުރުމުގެ މަސައްކަތްތައް ކުރިއަށްގެންދާނެކަމަށް އެ ކުންފުނިން ވިދާޅުވެއެވެ.

ސެޕްޓެންބަރު މަހުގެ 30ވަނަ ދުވަހު، 12:00ގެ ކުރިން މި ފުރުޞަތަށް އެދި ރިކުއެސްޓް ކުރެވޭނެއެވެ. މިކަމަށް އެދޭ ގޫގުލް ފޯމުގެ ލިންކް އެޗްޑީސީގެ ސޯޝަލް މީޑިއާ ޕްލެޓްފޯމުތަކުން ލިބޭނެއެވެ.