ޚަބަރު

ޓްރެވަލް އެވޯޑްސްގެ އިންޑިއަން އޯޝަން ކެޓަގަރީން ރާއްޖެއަށް ގިނަ އެވޯޑްތަކެއް


  • އިންޑިއަން އޯޝަންގެ ލީޑިން ޑެސްޓިނޭޝަން އެވޯޑު މިއަހަރުވެސް ރާއްޖެއަށް

  • ރާއްޖެވަނީ ވޯލްޑް ލީޑިން ޑެސްޓިނޭޝަން އެވޯޑަށް ނޮމިނޭޓްވެފައި

  • ފާއިތުވީ 3 އަހަރު ރާއްޖެއިން ވަނީ މި އެވޯޑު ހޯދާފައި

ބައިނަލްއަޤްވާމީ ފަތުރުވެރިކަމުގެ ސިނާއަތުގައި ދެވޭ އެންމެ ޝަރަފުވެރި އެވޯޑް ކަމަށްވާ ވޯލްޑް ޓްރެވަލް އެވޯޑްސްގެ އިންޑިއަން އޯޝަން ކެޓަގަރީން ދިވެހިރާއްޖެއަށް މިފަހަރުވެސް ޝަރަފުވެރި އެވޯޑްތަކެއް ލިބިއްޖެއެވެ.

މިއަހަރުގެ ވޯލްޑް ޓްރެވަލް އެވޯޑްސްގެ އިންޑިއަން އޯޝަން ކެޓަގަރީގެ އެވޯޑުތައް ހާސިލްކޮށްފައިވާ ފަރާތްތައް އިއުލާންކޮށްފައިވަނީ ދުބާއީގެ މަޝްހޫރު އެޓްލާންޓިސް ދަ ރޯޔަލްގައި ބޭއްވި ވޯލްޑް ޓްރެވަލް އެވޯޑްސް އެފްރިކާ އެންޑް އިންޑިއަން އޯޝަން ގާލާ ހަފްލާގައެވެ.

1993 ވަނަ އަހަރު ދޭން ފެށި، ވޯލްޑް ޓްރެވަލް އެވޯޑަކީ ދުނިޔޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުގެ އަގު ވަޒަންކުރުމުގައި ފާހަގަކޮށްލެވޭ މުހިންމު އެވޯޑެކެވެ.

ވޯލްޑް ޓްރެވަލް އެވޯޑްސްގެ އިންޑިއަން އޯޝަން ކެޓަގަރީން ރާއްޖެއަށް ލިބިފައިވާ އެވޯޑުތައް:

* އިންޑިއަން އޯޝަންގެ ލީޑިން ޑެސްޓިނޭޝަން އެވޯޑު
* އިންޑިއަން އޯޝަންގެ ލީޑިންގް ބީޗް ޑެސްޓިނޭޝަން އެވޯޑު
* އިންޑިއަން އޯޝަންގެ ލީޑިންގް ޑައިވް ޑެސްޓިނޭޝަން އެވޯޑު

އަދި އިންޑިއަން އޯޝަންގެ ލީޑިން ޓޫރިސްޓް ބޯޑު 2023ގެ އެވޯޑު، މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން، އެމްއެމްޕީއާރުސީން ވަނީ ކާމިޔާބުކޮށްފައެވެ. މީގެއިތުރުން އެކި ކެޓަގަރީތަކުން ރާއްޖޭގެ ރިސޯޓުތަކުން ވަނީ އެވޯޑްތައް ހޯދާފައެވެ. އެގޮތުން އިންޑިއަން އޯޝަން ލީޑިންގ ބުޓީކް ހޮޓެލް، ލީޑިންގ ރިސޯޓު، ލީޑިންގ ހަނީމޫން ރިސޯޓު، ލީޑިންގ ނިއު ރިސޯޓުފަދަ އެވޯޑުތައް ރާއްޖޭގެ ރިސޯޓުތަކަށް ވަނީ ލިބިފައެވެ.

މީގެ އިތުރުން އިންޑިއަން އޯޝަން ލީޑިންގ ސީޕްލޭން އޮޕަރޭޓަރގެ އެވޯޑްވަނީ ޓްރާންސް މޯލްޑިވިއަން އެއަރވޭސްއަށް ލިބިފައެވެ.

ފަތުރުވެރިކަމުގެ ދާއިރާއިން މުޅި ދުނިޔޭގެ އެންމެ ޝަރަފްވެރި އެވޯޑްގެ ގޮތުގައި ބެލެވޭ ވޯލްޑް ޓްރެވަލް އެވޯޑްގެ، "ވޯލްޑް ލީޑިންގ ޑެސްޓިނޭޝަން" އެވޯޑު ފާއިތުވީ 3 އަހަރު ރާއްޖެއިން ވަނީ ހޯދާފައެވެ. މިއަހަރުގެ ވޯޑްލް ލީޑިންގ ޑެސްޓިނޭޝަންގެ އެވޯޑަށްވެސް ރާއްޖެވަނީ ނޮމިނޭޓްވެފައެވެ. މިއެވޯޑު ހަފްލާ ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 1 ވަނަ ދުވަހު ދުބާއީގައެވެ.