ވިނަރެސްގެ ނުވިކި ހުރި ފްލެޓްތަކަށް ހުޅުވާލިތާ ކުޑަ ވަގުތުކޮޅެއްގެތެރޭގައި ހުރިހާ ފްލެޓެއް ވިކި ހުސްވެއްޖެއެވެ.
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީން ބުނީ، ނުވިކި ހުރި 123 ފްލެޓް ވިއްކުމަށް ހުޅުވާލިކަމަށެވެ. ނަމަވެސް މިއަދު ހެނދުނު 10:00ގައި ފޯމު ހުށައެޅުމަށް ފުރުޞަތު ހުޅުވާލާ، ގަޑިއެއްހާއިރުތެރޭ ހުރިހާ ފްލެޓްތަކަށް ވަނީ ފޯމު ހުށައަޅާފައެވެ.
އެޗްޑީސީގެ ޕޯޓަލްގެ ތެރެއިން ފުރުޞަތު ހުޅުވާލީ، ވިނަރެސްގެ ނުވިކި ހުރި ސްލޮޓްތައް އެނގޭނެގޮތަށް، އެފްލެޓް ނަންބަރެއް ޚިޔާރުކޮށް ފޯމު ހުށައެޅޭގޮތަށެވެ.
ނުވިކި ހުރި ފްލެޓްތަކުގެ އަދަދަށް ފޯމު ހުށައެޅުމުގެ ސަބަބުން އެފުރުޞަތު މިހާރު ވަނީ ބަންދުކޮށްފައެވެ. އެޗްޑީސީން ބުނީ މިހާރު ކުރަމުންދަނީ ހުށައެޅި ފޯމުތައް ރިވިއުކުރުމުގެ މަސައްކަތް ކަމަށެވެ. ފޯމު ހުށައެޅި މީހުންގެ ޝަރުތު ހަމަވާކަން ދެނެގަނެވޭނީ ރިވިއުކުރުމުގެ މަރުހަލާއަށްފަހުއެވެ.
ވިނަރެސްގައި އަލުން ފުރުޞަތު ހުޅުވާލާފައިވަނީ ފްލެޓް ލިބުނު މީހުންގެ ތެރެއިން ފްލެޓަށް ފައިސާ ދެއްކުމަށް މާލީ ގާބިލިއްޔަތުކަން ފުރިހަމަނުވާ ފަރާތްތަކާއި، ޔުނިޓް އިޚްތިޔާރުކުރުމަށް ދައުވަތު ދިނުމަށްފަހު ޔުނިޓް އިޚްތިޔާރުކުރުމަށް ހާޒިރުވެފައިނުވާ ފަރާތްތަކުގެ ފޯމް ބާތިލްކޮށްލުމުން ނުވިކިހުރި ޔުނިޓްތަކަށްކަމަށެވެ. އެފަރާތްތަކަށް މި މަރުހަލާތައް ފުރިހަމަކުރުމަށް ދިން ހުރިހާ މުއްދަތެއް، ނިމުނު އޮކްޓޯބަރުމަހުގެ ނިޔަލަށް ވަނީ ހަމަވެފައެވެ.
ވިނަރެސް މަޝްރޫޢުގައި ހިމެނެނީ 1344 ހައުސިން ޔުނިޓެވެ. މީއީ މުޅިންވެސް 3 ކޮޓަރީގެ އެޕަރޓްމަންޓްތަކެވެ. ފްލެޓް ލިބުނު މީހުންގެ ދާއިމީ ލިސްޓް އެޗްޑީސީ އާއްމުކުރީ މިއަހަރުގެ ފެބްރުއަރީ މަހުއެވެ. ފައިސާ ދެއްކުމުގެ ގޮތްތައް ހަމަޖައްސާ ގިނަ ފަރާތްތަކުން އެގްރިމެންޓް ހަދާ، މިހާރު ވަނީ އެފަރާތްތަކާ ތަޅުދަނޑި ހަވާލުކުރަން ފަށާފައެވެ. އަދި ވިނަރެސްގެ ބައެއް ފްލެޓްތަކުގައި މިހާރު މީހުން ދިރިއުޅެއެވެ.
ވިނަރެސް ފްލެޓްތަކުގެ އަގު އުޅެނީ 2.52 މިލިއަން ރުފިޔާއާއި 2.59 މިލިއަން ރުފިޔާއާ ދެމެދުގައެވެ. މިފްލެޓްތަކަށް ދެ ގޮތަކަށް ފައިސާ ދެއްކޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ. އެއީ އެއްފަހަރާ ފައިސާ ދައްކައިގެން ފްލެޓް ގަތުން ނުވަތަ 20-25 އަހަރަށް ބަހާލައިގެން މަހުން މަހަށް ފައިސާ ދައްކާ ނިންމާގޮތަށެވެ.
މިދިޔަ އޮކްޓޯބަރު މަހުގެ 22ވަނަ ދުވަހު ސަރުކާރުން ވަނީ، ވިނަރެސް ފްލެޓަށް ފައިސާ ދެއްކުމުގެ އިންޓްރެސްޓް ރޭޓް %9އިން %6އަށް ކުޑަކޮށްފައެވެ. އިންޓްރެސްޓް ރޭޓް ކުޑަކޮށްފައިވަނީ ދިގު މުއްދަތަކަށް ބަހާލައިގެން ކުލިދައްކާ ފަރާތްތަކަށެވެ.