ޚަބަރު

މިއަހަރު ނިމުމުގެ ކުރިން އިތުރު 3 ބޯޓު އޮޕަރޭޝަނަށް؛ ދަތިތަކަށް ބޮޑު ހައްލެއް ލިބޭނެ: މިފްކޯ


  • ޖަޒީރާ 106" ތައިލޭންޑުން ރާއްޖެ އައުމަށްވަނީ ފުރާފައި، މިމަހު 19ގައި ރާއްޖެ އަންނާނެ

  • ދުވާލަކު 60 ޓަނު ބްރައިން ފްރީޒް ކުރެވޭ ބޯޓުތަކެއް

  • މިއަހަރު ނިމުމުގެ ކުރިން ޖަޒީރާ ސީރީޒްގެ 3 ބޯޓު ރާއްޖެ ގެންނާނެ

މިއަހަރު ނިމުމުގެ ކުރިން ޖަޒީރާ ސީރީޒްގެ 3 ބޯޓު މިފްކޯގެ އޮޕަރޭޝަނާއި ގުޅުމުން ދެކުނާއި މެދުރާއްޖެތެރޭގައި މަސްވެރިކަން ރަނގަޅު ދުވަސްވަރު ދިމާވާ ދަތިތަކަށް ބޮޑު ހައްލެއް ލިބިގެންދާނެ ކަމަށް މިފްކޯއިން ބުނެފިއެވެ.

މިފްކޯއިން އަންނަނީ މަސްކިރުވުމުގެ ކެޕޭސިޓީ އިތުރުކުރުމުގެ ގޮތުން އެކުންފުނީގެ ފްލީޓަށް އިތުރު ބޯޓު ގެނައުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން މިފްކޯ ފްލީޓަށް އިތުރު ކުރެވޭ 3 ބޯޓުގެ ތެރެއިން ފުރަތަމަ ބޯޓު "ޖަޒީރާ 106" ތައިލޭންޑުން ރާއްޖެ އައުމަށް މިމަހުގެ 4 ވަނަ ދުވަހު ވަނީ ދަތުރު ފަށާފައެވެ. މިފްކޯއިން ބުނީ އެ ބޯޓު މިމަހުގެ 19ވާ އާދިއްތަ ދުވަހު ރާއްޖެ އައުމަށް ހަމަޖެހިފައިވާކަމަށެވެ. އަދި "ޖަޒީރާ 104" އަދި "ޖަޒީރާ 105" މިއަހަރު ނިމުމުގެ ކުރިން ރާއްޖެ އަންނާނެ ކަމަށް މިފްކޯއިން ބުނެއެވެ.

މިފްކޯގެ ފްލީޓަށް އިތުރު ކުރާ ޖަޒީރާ ސީރީޒްގެ މަސްކިރާ ބޯޓުތަކަކީ ދުވާލަކު 60 ޓަނު ބްރައިން ފްރީޒް ކުރެވޭ އަދި 200 ޓަނު މަސް ރައްކާކުރުމުގެ ޤާބިލްކަން ލިބިފައިވާ ބޯޓުތަކެއް ކަމަށް މިފްކޯއިން ބުނެއެވެ. އަދި އަލަށް ގެންނަ 3 ބޯޓު މިފްކޯގެ އޮޕަރޭޝަނާއި ގުޅުމުން މިފްކޯއަށް ދުވާލަކު އިތުރަށް 180 ޓަނު މަސް ގަތުމުގެ ޤާބިލްކަން ލިބިގެންދާނެކަމަށްވެސް މިފްކޯއިން ބުނެއެވެ.

މަސްވެރިކަމުގެ މޫސުމުގައި އެންމެ ރަނގަޅަށް މަސްބާނާ ސަރަޙައްދަކަށް ދަތުރުކޮށް މަސްވެރިން ބާނާ މަސް ކިރުވުމަށް ދިމާވާ ދަތިތަކަށް ހައްލެއް ހޯދުމުގެ ގޮތުން މިފްކޯއިން މިއަހަރު 4 ބޯޓު ގަނެފައިވެއެވެ. އެގޮތުން މިއަހަރުގެ މާޗްމަހު ރާއްޖެ ގެނައި ޖަޒީރާ 103 މިހާރު ރާއްޖޭގެ ދެކުނުގައި މަސްކިރުމުގެ މަސްކަތް ދަނީ ކުރަމުންނެއެވެ. އެބޯޓަކީ ދުވާލަކު 120 މެޓްރިކް ޓަނު މަސްގަނެ ފިނިކުރުމާއެކު ޖުމްލަ 420 މެޓްރިކް ޓަނުގެ މަސް ރައްކާކުރެވޭ ގޮތަށް ފަރުމާ ކޮށްފައިވާ ބޯޓެކެވެ. އަދި 2021 ވަނަ އަހަރު ގެނައި ބޯޓުވެސް މިފްކޯގެ ފްލީޓާއި ގުޅި މަސްކިރުވުމުގެ މަސައްކަތް ކުރަމުންދެއެވެ.

މިފްކޯއިން ބުނީ މި 5 އަހަރުގެ ތެރޭގައި ކެރިއަރ ބޯޓުތަކާއެކު ޖުމްލަ 6 ބޯޓު މިފްކޯ ފްލީޓަށް އިތުރު ކުރެވިފައިވާކަމަށެވެ. އަދި ކޫއްޑޫގެ މަސްގަތުމުގެ ކެޕޭސިޓީ އިތުރު ކުރުމަށް މިހާރު ފަށާފައިވާ މަސައްކަތުގެ ތެރެއިން ޝިފްޓަކަށް 120 ޓަނުގެ ފްރީޒިން ކެޕޭސިޓީ އިތުރު ކުރުމުގެ މަސައްކަތްވެސް މިފްކޯއިން އަންނަނީ ކުރަމުންނެވެ. އަދި މުޅިން އަލަށް ޤާއިމްކުރާ ތިނަދޫ ފިޝަރީޒް ކޮމްޕްލެކްސްގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށާއި ތިނަދޫ ފިޝަރީޒް ކޮމްޕްލެކްސްއަކީވެސް ޝިފްޓަކަށް 120 ޓަނު ފްރީޒް ކުރެވޭ 1000 ޓަނުގެ ކޯލްޑް ސްޓޯރެއް ޤާއިމްކުރާ ސެންޓަރެކެވެ. މިފްކޯއިން ބުނީ މިހާރު އެ ދެ ސައިޓަށްވެސް ބޭނުންވާ ބިލްޑިން ސްޓްރަކްޗަރ އާއި މައިގަނޑުު ހުރިހާ މެޝިނަރީއެއް ސައިޓަށް ގެންގޮސް އަމަލީ މަސައްކަތް ފަށާފައިވާކަމަށެވެ.