ސިޔާސީ އެއްވެސް ފަރާތަކަށް ސިޔާސީ މަންފާއެއް ލިބޭނެ އެއްވެސް ފުރުޞަތެއް މިފަހަރު ސަރުކާރުން ހުޅުވާލި ބޯހިޔާވަހިކަމުގެ މަޝްރޫޢުގައި ނޯންނާނެކަމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ހާމަކުރައްވައިފިއެވެ.
ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރާ ފްލެޓްތަކާއި ގުޅޭގޮތުން ހުރި ކަންބޮޑުވުންތަކާއި ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހައުސިންގ މިނިސްޓްރީން ވިދާޅުވީ، މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫޢުގެ ކަންކަން ބަލަހައްޓަމުންދިޔައީ ސިޔާސީ ފަރާތްތަކުން ނޫންކަމަށާއި، އެކަން ކުރައްވަމުންގެންދެވީ ހައުސިންގ މިނިސްޓްރީގެ ސިވިލް ސަރވިސް މުވައްޒަފުންކަމަށެވެ.
ދިވެހިރާއްޖޭގެ އަޑުގެ ސެނެކޯ މާލަމުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޕްލޭނިންގ މިނިސްޓްރީގެ ސީނިއަރ އެގްޒެކެޓިވް ޑިރެކްޓަރ މުޙައްމަދު އާރިފް ވިދާޅުވީ، ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ މަސައްކަތް ކުރިއަށްގެންދެވީ ސީދާ ރައްޔިތުންގެ ބައިވެރިވުމާއެކުގައިކަމަށެވެ.
އެގޮތުން މާލެ ސިޓީ ކައުންސިލާއި މިނިސްޓްރީއާއި މާލެ ސަރަޙައްދުގައި ޢިމާރާތްކުރުމުގެ ދާއިރާގައި ޙަރަކާތްތެރިވާ ބޭފުޅުން ގުޅިގެން އެކުލަވާލި އުޞޫލަށް ޢާއްމުންގެ ޚިޔާލު ހޯދުމަށް ހުޅުވާލިކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި މާކްސް ދިނުމާއި ޕޮއިންޓް ގުނުމުގައި ބަލާނެ ހުރިހާކަމަކަށް ހުޅުވާލި ފުރުޞަތުގައި ލިބުނު ކަންކަމަށް ރިޢާޔަތްކޮށްފައިވާކަމަށް އާރިފް ވިދާޅުވިއެވެ. މީގެކުރީގެ މަޝްރޫޢުތަކާއި ޚިލާފަށް މިފަހަރު ސިޔާސީ އެއްވެސް މީހަކަށް އެފުރުޞަތު ފަހިވެގެން ނުދާނެކަމަށް އާރިފް ވިދާޅުވިއެވެ.
"އެހެން ފަހަރުތަކުގައި ކަންހިނގާ ގޮތަކަށް ނޫން މިބުރުދިޔައީ. އެއްވެސް ސިޔާސީ ބޭފުޅެއް ނެތް މިކަން މެނޭޖްކުރައްވާކަށް. ފޯމް އިވެލުއޭޓްކުރުމާއި މާކްސް ދިނުމުގައި ޙަރަކާތްތެރިވީ މިނިސްޓްރީގެ ސިވިލް ސަރވިސް މުވައްޒަފުން." އާރިފް ވިދާޅުވިއެވެ.
އާރިފް ވިދާޅުވީ ފްލެޓާއި ގުޅިގެން ޝަކުވާއަށް ހުޅުވާލުމުން ގިނަ ބަޔަކު މާލޭގައި ދިރިއުޅުނު މުއްދަތު އިތުރުކަން ފާހަގަކޮށް އެކަމަށް ރިޢާޔަތްކޮށް މާކްސް އިތުރުނުވާކަން ހުށައަޅަމުންދާކަމަށެވެ. އަދި އެއީ މާކްސް އިތުރުވާނެކަމެއްގެ ގޮތުގައި މާކްސް ދިނުމުގެ މިންގަނޑުގައި މާބޮޑު އިސްކަމެއް ދިންކަމެއް ނޫންކަން އޭނާ ފާހަގަކުރެއްވިއެވެ.
އެގޮތުން މާލޭގެ ރަޖިސްޓްރީގައި ނުވަތަ ދިރިއުޅޭތާ 15 އަހަރުވެފައިވާ ކޮންމެ މީހަކަށްމެ އެބައިން މާކްސް ލިބޭނެކަމަށް އާރިފް ވިދާޅުވިއެވެ.
"މާލޭގައި ދިރިއުޅުނު މުއްދަތު 40 އަހަރުވުމަކީ އޭނާގެ މާކްސް ގިނަވާ ސަބަބެއް ނޫން. ހުށައަޅާފައިވާ ގިނަ ޝަކުވާތަކުގައި ހިމެނެނީ މާލޭގައި ދިރިއުޅުނު މުއްދަތާއި ގުޅޭގޮތުން ލިބިފައިވާ ޝަކުވާ." އާރިފް ވިދާޅުވިއެވެ.
އާރިފް ވިދާޅުވީ 3 ކޮޓަރީގެ އެޕާޓްމަންޓްގެ ކެޓަގަރީއިން 2000 ޝަކުވާ އަދި 2 ކޮޓަރީގެ އެޕާޓްމަންޓްގެ ކެޓަގަރީއިން 900 ޝަކުވާ މިހާތަނަށް ލިބިފައިވާކަމަށެވެ. އަދި މީގެ ތެރޭގައި ލިސްޓަށް ބަދަލެއް އަތުވެދާނެ ފަދަ ކަމެއް އަދި ފާހަގަވެފައިނުވާކަމަށް އޭނާ ވިދާޅުވިއެވެ.
މި މަޝްރޫޢުގެ ތެރެއިން އެއްވެސް "ކަޓް އޯފް"އެއް ނެތްކަމަށް އާރިފް ވިދާޅުވިއެވެ. އާރިފް ވިދާޅުވީ، ފްލެޓް ލިބޭ ފަރާތްތައް ކަނޑައެޅީ ކަސްޓަމްސްގެ މުވައްޒަފުންނަށް ޚާއްސަކުރި ފްލެޓްތައްވެސް ހިމެނޭހެން އެންމެ މަތިން މާކްސް ލިބުނު ފަރާތްތަކުގެ ތަރުތީބުންކަމަށެވެ.
ނުޙައްގުން ފްލެޓް ލިބިފައިވާ ފަރާތެއްނަމަ އެކަން ބަލާ ފްލެޓް ފޯމް ބާތިލްކުރާނެކަމުގެ ޔަގީންކަން ދެއްވާކަމަށް އާރިފް ވިދާޅުވިއެވެ. އަދި ސިޔާސީ ފަރާތްތަކުންވެސް މިމަޝްރޫޢު ކުރިއަށްގެންދިޔަ ގޮތާއި މެދު ތަޢުރީފު ކުރާނެ ދުވަހެއް އައިސްދާނެކަމަށް ޤަބޫލުކުރައްވާކަމަށް އޭނާ ވިދާޅުވިއެވެ.
ބޯހިޔާވަހިކަމުގެ މި މަޝްރޫޢު ކުރިއަށްގެންދިޔަ ގޮތާއި ގުޅޭގޮތުން ކަންބޮޑުވާ އެއްވެސްކަމެއް ނެތްކަމަށް މި ނޫސްވެރިންގެ ބައްދަލުވުމުގައި ހައުސިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީން ވިދާޅުވިއެވެ. އަދި މިކަމާގުޅިގެން އޭސީސީއިން ބަލަމުންދާ މައްސަލައަށްވެސް ފުރިހަމައަށް ސަރުކާރުން އެއްބާރުލުންދެއްވާކަން އޭނާ ފާހަގަކުރެއްވިއެވެ.
ހައުސިންގ މިނިސްޓްރީން ދޫކޮށްފައިވާ 4000 ފްލެޓަށް މާކްސްދިން ގޮތާއި ގުޅޭގޮތުން ގިނަ ބަޔަކުވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. މިނިސްޓްރީއިން ވަނީ ފްލެޓާއި ގުޅޭ ޝަކުވާ ހުށައެޅުމުގެ ފުރުޞަތު މިހަފްތާގެ ބުރާސްފަތި ދުވަހުގެ ނިޔަލަށް ހުޅުވާލާފައެވެ. މި މަޝްރޫޢުގައި ކޮރަޕްޝަންގެ މައްސަލަތަކެއް ހިމެނޭކަމަށް ކުރެވޭ ތުހުމަތާއެކު އޭ.ސީ.ސީއިން އަންނަނީ މި މައްސަލަ ތަޙުޤީޤުވެސް ކުރަމުންނެވެ.