ސަރުކާރުގެ މިހާރުގެ އަމާޒަކީ، ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްްރިޖުގެ ޢަމަލީ މަސައްކަތް 2018 ވަނަ އަހަރުގެ ޖުލައި މަހަށް ނިންމަވައި، 2018 ވަނަ އަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހު ބްރިޖް ރަސްމީގޮތުން ހުޅުއްވުންކަމަށް ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ބްރިޖްގެ މަސައްކަތްތައް ކުރިއަށްދާ ގޮތުގެ އެންމެ ފަހުގެ މަޢުލޫމާތު މީޑިއާތަކަށް ޙިއްޞާކުރައްވަމުން ހައުސިންގ މިނިސްޓަރ ޑރ. މުޢިއްޒު ވިދާޅުވީ، ބްރިޖްގެ މަޝްރޫޢަކީ ރާއްޖެއާއި ޗައިނާ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން ކުރިއަށް ގެންދަވާ، ވަރަށްވެސް ތާރީޚީ މަޝްރޫޢެއްކަމަށެވެ. އަދި މި މަޝްރޫޢުގެ މަސައްކަތްތަކަށް ޗައިނާ ސަރުކާރުގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލުމަކާއި އެހީތެރިކަމެއް ލިބެމުންދާކަމަށާއި، ބްރިޖުގެ މަސައްކަތްތައް މިހާރުވެސް ކުރިއަށްދަނީ ތާވަލްކުރެވިފައިވާ މިންވަރަށްވުރެ ބާރަށްކަމަށެވެ.
ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖްގެ ޢަމަލީ މަސައްކަތްތައް ފެށިގެން ކުރިއަށްދާއިރު، މާލެ، ހުޅުލެ އަދި ހުޅުމާލެ ހިމެނޭހެން ބްރިޖުގެ ޢަމަލީ މަސައްކަތަށް ބޭނުންވާ 3 ސައިޓް ޤާއިމުކުރުމުގެ މަސައްކަތް މިހާރުވެސް ދަނީ ކުރަމުންނެވެ. މި 3 ސައިޓްގެ ތެރެއިން މާލޭ ލޮނުޒިޔާރަތްކޮޅުގައި ތައްޔާރުކުރާ ސައިޓް ބޮޑަށް ޚާއްޞަ ކުރެވިގެންދާނީ ބްރިޖުގެ ކޮންޓްރެކްޓަރ ބޭނުންވާ އޮފީސް ޢިމާރާތާއި، ސްޓާފުންގެ އެކޮމަޑޭޝަން ހަމަޖެއްސުމަށް ކަމަށާއި، ބްރިޖް މަސައްކަތަށް ބޭނުންކުރެވޭ މެޓީރިއަލް ޓެސްޓިންގ ލެބޯޓްރީތައް ޤާއިމުކުރުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ދަށުން ހިއްކާފައިވާ ބިމުން، އެކަމަށް ޚާއްޞަކޮށްފައިވާ ސަރަޙައްދުގައި ކަމަށް ހައުސިންގ މިނިސްޓްރީން ވިދާޅުވެއެވެ. އަދި ލެބޯޓްރީ ޢިމާރާތް ނިމި، ޓެސްޓްކުރާ އިކުއިޕްމަންޓްތައް ކެލިބްރޭޓް ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
ބްރިޖުގެ މަސައްކަތަށް ބޭނުންވާ ކޮންކްރީޓް މިކްސް ތައްޔާރުކުރާ ބެޗިން ޕްލާންޓްތައް ބެހެއްޓުމަށް ހަމަޖެހިފައި ވަނީ ހުޅުމާލެ އަދި މާލޭގައި ޤާއިމުކުރެވިފައިވާ ވަގުތީ ސައިޓްތަކުގައެވެ. އެގޮތުން މާލޭ ސައިޓްގައި ބަހައްޓާ ބެޗިން ޕްލާންޓުގެ ބޮޑު ބައެއް މިހާރު ނިމިފައިވާއިރު، ހުޅުމާލޭ ސައިޓްގައި ބެހެއްޓުމަށް ހަމަޖެހިފައިވާ ބެޗިން ޕްލާންޓުގެ ފައުންޑޭޝަން މަސައްކަތް ކުރިއަށްދާކަމަށް ހައުސިންގ މިނިސްޓްރީން ހާމަކުރައްވައެވެ.
ހައުސިންގ މިނިސްޓަރ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވީ، ބްރިޖުގެ ޢަމަލީ މަސައްކަތަށް ބޭނުންވާ 3 ސައިޓް ޤާއިމުކުރުމުގެ މަސައްކަތް މިމަހުގެ ނިޔަލަށް މުޅިން ނިންމާލެވޭނެކަމަށެވެ. މިނިސްޓަރ ވިދާޅުވީ މެއިން ބްރިޖުގެ މަސައްކަތް ކުރުމަށް ހަދާ ވަގުތީ 5 ޕްލެޓްފޯމަށް ބޭނުންވާ 20 ޕައިލްގެ ތެރެއިން 3 ޕައިލް މިހާރު ޖަހާ ނިމިފައިވާކަމަށެވެ. ޕައިލްތައް ހަރުކުރުމުގައި ކޮންމެވެސް ވަރެއްގެ ގޮންޖެހުންތަކެއް ފުރަތަމަ ކޮޅު ކުރިމަތިވިނަމަވެސް، މިހާރު އެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށްދާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. މިނިސްޓަރ މުޢިއްޒު ވިދާޅުވީ، މޭ މަސް ނިމެންވާއިރަށް ވަގުތީ ޕްލެޓްފޯމްތައް ޤާއިމުކުރުމަށް ބޭނުންވާ ޕައިލްތައް ހަރުކޮށް ނިންމާލެވޭނެކަމަށާއި، މި މަސައްކަތް ނިމުމާއެކު، ބްރިޖްގެ ސުޕަރ ސްޓްރަކްޗަރ އިމާރާތްކުރުމަށް ބޭނުންވާ ތަނބުތައް ޖެހުމުގެ މަސައްކަތް ފެށިގެންދާނެކަމަށެވެ.
ބްރިޖްގެ ފެންވަރާމެދު އިދިކޮޅު ފަރާތްތަކުން އުފައްދަމުންދާ ސުވާލުތަކަށް ރައްދު ދެއްވަމުން ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ބްރިޖްގެ ކޮންސަލްޓެންޓެއްގެ ގޮތުގައި ޗައިނާ ސަރުކާރުން ކަނޑައަޅާފައިވާ ކުންފުންޏަކީ ދުނިޔޭގެ ފެންވަރުގައިވެސް މިފަދަ މަސައްކަތްތައް ކުރިއަށް ގެންދިއުމުގެ ތަޖުރިބާހުރި، ޤާބިލު ކުންފުންޏެއް ކަމަށެވެ. އަދި ބްރިޖުގެ މަސައްކަތްތަކާއި ގުޅޭގޮތުން އެއްކުރައްވަންޖެހޭ މަޢުލޫމާތުތައް އެއްކުރެއްވުމުގެ މަސައްކަތް އެކުންފުނީގެ ފަރާތުން ޤަވާއިދުން ކުރަމުން ގެންދާކަމަށާއި، އެމަޢުލޫމާތުތައް ދިވެހި ސަރުކާރުގެ އިތުރުން ޗައިނާ ސަރުކާރާވެސް އެކުންފުނިން ޙިއްޞާކުރަމުންދާކަމަށެވެ. އެހެންކަމުން ބްރިޖުގެ ފެންވަރާމެދު ސުވާލު އުފެއްދުމުގެ އެއްވެސް ޖާގައެއް ނެތްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މާލެއާއި ހުޅުމާލެއާއި ދެމެދު އެޅުމަށް ހަމަޖެހިފައިވާ ބްރިޖުގެ މަސައްކަތަށް ބޭނުންވާ ގިނަ އަދަދެއްގެ ވެހިކަލްތަކާއި އިކުއިޕްމަންޓްސް މިހާރު ރާއްޖެ ގެނެސްފައިވާއިރު، މި މަސައްކަތް ކުރުމަށް ބޭނުންވާ މަސައްކަތު މީހުންނާއި، އިންޖިނިއަރުން އަދި މެނޭޖްމަންޓް ލެވެލްގެ ބޭފުޅުން ހިމެނޭހެން 440 މީހުން ރާއްޖެ ގެނެވިފައިވާކަމަށް ހައުސިންގ މިނިސްޓްރީން ހާމަކުރައްވައެވެ. ބްރިޖުގެ މަސައްކަތް އެއްކޮށް ނިންމާލުމަށް ކަނޑައަޅާފައިވާ ތާރީޚަކީ 2018 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށެވެ. ނަމަވެސް ސަރުކާރުގެ މިހާރުގެ އަމާޒަކީ 2018 ވަނަ އަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް ބްރިޖުގެ އަމަލީ މަސައްކަތް އެއްކޮށް ނިންމާ، އެތަން އާއްމުކޮށް ހުޅުވާލުމެވެ.