ޚަބަރު

ކުޑަކުދިންނަށް ދޭ ބޭހެއްގެ ކޮލިޓީ މައްސަލަތަކެއް ފާހަގަކުރެވިގެން ބޭނުންކުރުން މަނާކޮށްފި


  • ބޭހުގެ ނަމަކީ ކަލްޕޮލް ޕީޑިއެޓްރިކް ޑްރޮޕްސް

  • މި ބޭސް ބޭނުންކުރަނީ ހުން ކޮންޓްރޯލްކުރުމަށާއި ތަދުކެނޑުމަށް

  • ބޭހުގެ ކުލަ ބަދަލުވުމާއި ގަނޑުވެފައިހުރުންވަނީ ފާހަގަކުރެވިފައި

ރާއްޖޭގެ މާރކެޓުގައި މިވަގުތު ހުރި ކުޑަކުދިންނަށް ދޭ ހުން ބޭހެއްގެ ކޮލިޓީ މައްސަލައެއް ފާހަގަކުރެވިގެން އެ ބޭސް ވިއްކުމާއި ބޭނުންކުރުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ، އެމް.އެފް.ޑީ.އޭއިން މަނާކޮށްފިއެވެ.

ކަލްޕޮލް ޕީޑިއެޓްރިކް ޑްރޮޕްސް ނަމަކަށް ކިޔާ މި ބޭހަކީ ޕެރެސެޓެމޯލް ޕީޑިއެޓްރިކްސް އޯރަލް ސަސްޕެންޝަންއެކެވެ. އިންޑިއާގައި އުފައްދާ ކުޑަކުދިންނަށް ޚާއްސަ މި ބޭސް ބޭނުންކުރަނީ ހުން ކޮންޓްރޯލްކުރުމަށާއި ތަދުކެނޑުމަށަވެެ.

އެމް.އެފް.ޑީ.އޭއިން ވިދާޅުވީ، މި ބޭހުގެ ކުލަ ބަދަލުވުމާއި ގަނޑުވެފައިހުރުން ފާހަގަކުރެވިފައިވާ ކަމަށެވެ. އެހެންކަމުން ބަލަން ޖެހޭ ކަންކަން އިތުރަށް ބަލަމުންދާތީ މި ބޭސް ރާއްޖެ އެތެރެކުރުމާއި ވިއްކުމާއި އަދި ބޭނުން ކުރުން މަނާކޮށްފައިވާކަމަށެވެ.

މިކަމާއި ގުޅޭ އިތުރު މައުލޫމާތު ބޭނުންވާނަމަ އެ އޮތޯރިޓީގެ ހޮޓްލައިން، 7200321 އަށް ގުޅުމަށް ވަނީ އެދިފައެވެ.

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން މިހަފްތާތެރޭގައި ވަނީ އެލާގޯ ބްރޭންޑްގެ ސިޓްރިޒަން ދިޔާ ބޭހުގެ ކެމިކަލްގެ މާއްދާއެއް ހުރުމުން އެ ބޭސްވެސް ވިއްކުމާއި ބޭނުންކުރުންވެސް މަނާކޮށްފައެވެ.

މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުން އުފައްދާ ކެއްސުމާއި ހުމާއި އަދި ރޯގާއަށް ބޭނުންކުރާ ދިޔާ ބޭހުގައި ކެމިކަލް މާއްދާއެއް ކަމަށްވާ ޑައިއީތައިލިން ގްލައިކޯލް އަދި އިތައިލީން ގްލައިކޯލް ހިމެނޭކަމަށް ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން ކުރައްވާފައިވާ އެލާޓްތަކާ ގުޅިގެން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ދަނީ ރާއްޖެއިންވެސް ރެންޑަމްކޮށް މާކެޓުން ސާމްޕަލް ނަގާ ސްކްރީން ކުރުމުގެ މަސައްކަތް ކުރަމުންނެވެ.