ޚަބަރު

އިޔާދަކުރަނިވި ހަކަތައިގެ ސިނާޢަތަށް ދިވެހި ކުންފުނިތައް ނުކުންނަންޖެހޭ


  • ރާއްޖޭގެ ޤައުމީ އުފެއްދުންތެރިކަމުގެ ބޮޑު އިންސައްތައެއް ހޭދަކުރަނީ ތެޔޮ ގަތުމަށް

  • އިޔާދަކުރަނިވި ހަކަތައިގެ ދާއިރާ ތަރައްޤީކޮށް ނަފާ ހޯދުމަށް ދިވެހި ކުންފުނިތައް ނުކުންނަންޖެހޭ

  • މިހާތަނަށް ހިންގާފައިވާ ހުރިހާ މަޝްރޫޢަކީވެސް ބޭރުގެ ކުންފުނިތަކާއި ގުޅިގެން ހިންގި މަޝްރޫޢުތައް

އިޔާދަކުރަނިވި ހަކަތައިގެ ދާއިރާ ކުރިއަރުވާ އޭގެ ނަފާ އެންމެ އެދެވޭ ގޮތުގައި ރާއްޖޭގެ އިޤްތިޞާދަށް ގެނައުމަށް ދިވެހި ކުންފުނިތަކުގެ ހިއްސާ އެދާއިރާގައި އިތުރުކުރުމަށް ކުރިއަށް އޮތް އަހަރަށް ލަފާކުރާ ދައުލަތުގެ ބެޖެޓުގައި މުހިންމު ކަންތައްތަކެއް ހިމަނާފައިވެއެވެ.

2024 ވަނަ އަހަރަށް ލަފާކުރާ ބަޖެޓުގައި މިނިސްޓްރީ އޮފް ފިނޭންސްއިން ވަނީ ރާއްޖޭގެ އިޤްތިޞާދީ ޙާލަތު އޮތްގޮތާއި ރަނގަޅުކުރުމަށް ކުރެވޭނެ ކަންކަމުގެ މައްޗަށް އަލިއަޅުވާލާފައެވެ.

މިގޮތުން ކުރިއަރަމުން އަންނަ ރާއްޖޭގެ ހަކަތައިގެ ސިނާޢަތުގެ ސަބަބުން އިޤްތިޞާދަށް ހެޔޮ ބަދަލުތަކެއް ގެނެވިދާނެކަމަށް ބަޖެޓުގައިވަނީ ފާހަގަކޮށްފައެވެ. ކޮންމެ އަހަރަކަށް ކަނޑައަޅާ ބަޖެޓުން ބޮޑު އިންސައްތައެއް ހޭދަކުރަނީ ރާއްޖޭގެ ހަކަތަ އުފެއްދުމަށް ބޭނުންވާ ތެޔޮ ގަތުމަށެވެ.

2022: ތެޔޮ ގަތުމަށް ޖީޑީޕީގެ 13.5 އިންސައްތަ އަދި ފިއުލް ސަބްސީޑީއަށް 2.3 ބިލިއަން ރުފިޔާ

ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމަށް އަހަރެއްގެ މައްޗަށް ބިލިއަނަކަށްވުރެ ގިނަ ރުފިޔާ ޚަރަދުކުރާއިރު 2017 ވަނަ އަހަރުން ފެށިގެން މިއަހަރުގެ ޖުލައި މަހުގެ ނިޔަލަށް ދައުލަތުގެ ބަޖެޓުން ކަރަންޓު އުފެއްދުމަށް 5.1 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވާކަމަށް ބެޖެޓުގައިވަނީ ފާހަގަކޮށްފައެވެ.

މިދިޔަ 2022 ވަނަ އަހަރު ތެޔޮ ގަތުމަށް ކުރި ހޭދަ އެއަހަރުގެ ޖީޑިޕީ ނުވަތަ ޤައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން 13.5 އިންސައްތައަށް އަރާފައިވާކަން ބަޖެޓުގައިވަނީ ފާހަގަކޮށްފައެވެ. އަދި ރަޝިޔާ ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން ފިއުލް ސަބްސީޑީގެ ގޮތުގައި 2.3 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވަކަންވެސް ބަޖެޓުގައި ފާހަގަކޮށްފައިވެއެވެ.

ދައުލަތުން ހަކަތަ އުދެއްފުމަށް ކުރާ ހޭދަކުޑަކުރުމަށް އިޔާދަކުރަނިވި ހަކަތައިގެ ދާއިރާ ފުޅާކުރުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ. މިގޮތުން ޕަބްލިކް ޕްރައިވެޓް ޕާޓްނަރޝިޕްގެ ދަށުން މިހާރުވެސް ރާއްޖެއިން ބޭރުގެ ކުންފުނިތަކުން އިޔާދަކުރަނިވި ހަކަތައިގެ އެކި މަޝްރޫޢުތައް ރާއްޖޭގައި އަންނަނީ ހިންގަމުންނެވެ.

މިދާއިރާ އިތުރަށް ކުރިއަރުވާ ރާއްޖޭގެ އިޤްތިޞާދަށް ހެޔޮބަދަލެއް ގެނައުމަށް މިދާއިރާގައި ޙަރަކާތްތެރިވާ ދިވެހި ކުންފުނިތަކުގެ ހިއްސާ އިތުރުކުރުމަކީ މުހިއްމުކަމެއްގެ ގޮތުގައި ބަޖެޓުގައި ވަނީ ފާހަގަކޮށްފައެވެ.

އަންނަ އަހަރުގެ ބަޖެޓުގައި ދުނިޔޭގެ އިޤްތިޞާދަށް ބޮޑެތި ބަދަލުތަކެއް އަންނަމުންދާ މިދަނޑިވަޅުގައި "ފޮރިންގ ކަރަންސީ ރިސްކް" ކުޑަކުރުމަށް، މިދާއިރާއިން މީހުން ބިނާކޮށް މިދާއިރާގައި ޙަރަކާތްތެރިވާ ދިވެހި ކުންފުނިތައް އިތުރުކުރުމަށް ވަނީ ބާރުއަޅާފައެވެ. ރާއްޖޭގައި މިހާތަނަށް ހިންގާފައިވާ އިޔާދަކުރަނިވި ދާއިރާގެ އެކި މަޝްރޫޢުތަކަކީ ބޭރުގެ ކުންފުނިތަކާއި ގުޅިގެން ހިންގަމުންދާ މަޝްރޫޢުތަކެވެ.

ރާއްޖެއިން ކަނޑައަޅާފައިވާގޮތަށް ޖުމްލަ ކަރަންޓު އުފައްދާ މިންވަރުގެ 15 އިންސައްތައަކީ އިޔާދަކުރަނިވި ހަކަތަކަމުގައި ހެދިއްޖެނަމަ އަހަރެއްގެ މައްޗަށް ތެލުގެ ޚަރަދު 234.1 މިލިއަން ރުފިޔާއަށް ކުޑަކޮށް ކަރަންޓު އުފައްދާ ކުންފުނިތަކުގެ ޚަރަދު އަހަރަކު 197.1 މިލިއަން ރުފިޔާ ސަލާމަތްކުރެވޭނެކަމަށް ބަޖެޓުގައި ވަނީ ލަފާކޮށްފައެވެ. އަދި ތެލަށް ކުރާ ހޭދަ ބޮޑުތަނުން ކުޑަކުރެވި ނެޓް ސޭވިންގގެ ގޮތުގައި އަހަރަކު 20.9 މިލިއަން ޑޮލަރު ނުވަތަ 320 މިލިއަން ރުފިޔާ އިޤްތިޞާދުން ބޭރުވިޔަ ނުދީ ހިފެހެއްޓޭނެކަމަށް ބަޖެޓުގައި އަންދާޒާކޮށްފައިވެއެވެ.

ސަރުކާރުން ފިއުލް ސަބްސީޑީއަށް ކުރާ ހޭދައާއި ދައުލަތުގެ ރަސްމީ ރިޒާވުން ތެޔޮ އިމްޕޯޓްކުރުމަށް ކުރާ ހޭދަ ކުޑަކޮށް ކަރަންޓު އަގޮހެޔޮކުރުމުގެ އިތުރުން ހަކަތައިގެ ޔަޤީންކަން ކަށަވަރުކުރުމަށް އިޔާދަކުރަނިވި ހަކަތައިގެ ސިނާޢަތަށް އިންވެސްޓްކުރަންޖެހޭކަމަށް އަންނައަހަރުގެ ބަޖެޓުގައި ވަނީ ފާހަގަކޮށްފައެވެ.