ސްޕޭސް އެކްސްގެ ސްޓާލިންކްއިން ފޯރުކޮށްދޭ ސެޓެލައިޓް އިންޓަނެޓްގެ ޙިދުމަތް ރާއްޖޭގައި ދޭން ފަށައިފިއެވެ. މިއާއެކު ސްޓާލިންކުގެ ސެޓެލައިޓް އިންޓަނެޓްގެ ޚިދުމަތް ލިބޭ ޤައުމުތަކުގެ ޗާޓުގައި ރާއްޖެވަނީ ހިމަނާފައެވެ. ދެކުނު އޭޝިއާގެ ޤައުމުތަކުގެ ތެރެއިން ސްޓާލިންކްގެ ޚިދުމަތް އެންމެ ފުރަތަމަ ލިބެން ފެށި ޤައުމަކަށް ރާއްޖެ މިވަނީ ވެފައެވެ.
ސްޓާލިންކް ވެބްސައިޓުގައިވާގޮތުން 4 ސަރވިސް ޕްލޭނެއް އިޚްތިޔާރުކުރުމުގެ ފުރުޞަތު ކަސްޓަމަރުންނަށް އޮވެއެވެ. އެގޮތުން ގޭބީސީތަކުގައި ބޭނުންކުރަން ޙާއްސަ ޕެކޭޖުގައި 200 އެމްބީޕީއެސްއާ ހަމައަށް ސްޕީޑް ލިބޭއިރު، މި ޙިދުމަތުގެ އަގަކީ މަހަކު ގާތްގަނޑަކަށް 1000 ރުފިޔާކަމަށެވެ. އަދި މި ޚިދުމަތް ހޯދަން ކަސްޓަމަރުން ނެޓްވޯކާ ގުޅެން، ސެޓެލައިޓް ޑިޝް ކިޓެއް އިންސްޓޯލް ކުރަން ޖެހެއެވެ. އެ ޑިޝް ކިޓުގެ އަގަކީ 10000 ރުފިޔާއެވެ.
މީގެއިތުރުން ވިޔަފާރިތަކަށް ޙާއްސަ ޕެކޭޖްތަކާއި، އުޅަނދުފަހަރުތަކަށާއި، އެކި ތަންތަނަށް އަބަދު ދަތުރުކުރާ ފަރާތްތަކަށްވެސް ޙާއްސަ ޕެކޭޖުތައް ހުރެއެވެ.
މި ޙިދުމަތް ރާއްޖޭގައި ފެށުމާއި ގުޅިގެން މިިނިސްޓަރ އޮފް އެންވަޔަރަމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އާމިނަތު ޝައުނާ ވަނީ ސްޓާލިންކަކީ ރާއްޖެ ފަދަ ޖަޒީރާ ޤައުމަކަށް ވަރަށް ބޭނުންތެރި ޙިދުމަތެއްކަން ފާހަގަކުރައްވާފައެވެ. އަދި ސްޓުލައިޓު ޓެކްސްނޮލޮޖީގެ އެހީގައި ރާއްޖެއަށް ގިނަ ކުރިއެރުން އަންނާނެކަމަށް އުއްމީދު ކުރައްވާކަމަށް މިނިސްޓަރ ޝައުނާ ވަނީ ވިދާޅުވެފައެވެ.
I wish to thank everyone involved in getting us here — @Starlink provides a unique solution for our island nation. We hope to benefit more from satellite technology, especially for our climate adaptation needs. https://t.co/YoMpPTB4w8
— Shauna Aminath ?❓ (@anuahsa) November 10, 2023
މިއީ ރާއްޖޭގައި އިންޓަނެޓްގެ ޚިދުމަތް ދިނުމަށް ލައިސަންސް ދޫކުރި 4 ވަނަ ކުންފުންޏެވެ. ސްޓާލިންކަކީ ޓެސްލާއާއި ޓްވިޓާގެ ވެރިޔާ އަދި ދުނިޔޭގެ އެންމެ ބޮޑު އެއް މަހުޖަނު، އިލޮން މަސްކްގެ ސްޕޭސްއެކްސް ކުންފުނީގެ ޚިދުމަތެކެވެ.
ސްޓާލިންކު ޚިދުމަތަކީ ކުޑަ އެންޓަނާއެއް ބޭނުންކޮށްގެން މަހު ފީއެއް ދައްކައިގެން އިންޓަނެޓް ލިބޭ ޚިދުމަތެކެވެ. ސްޓާލިންކް އިންޓަނެޓްގެ ޚިދުމަތާއެކު ރާއްޖޭގެ ހުރިހާ ސަރަޙައްދުތަކަށާއި، ކަނޑު ދަތުރުކުރާ އުޅަނދުފަހަރަށްވެސް ހައިސްޕީޑް އިންޓަރނެޓް ޚިދުމަތް ލިބުމުގެ މަގު މިވަނީ ފަހިވެގެންގޮސްފައެވެ.
ސްޓާލިންކްގެ އިންޓަނެޓް ޚިދުމަތް ރާއްޖެއަށް ދޭން ފަށާފައިވާއިރު، މި ޚިދުމަތް މިހާރުވެސް ދުނިޔޭގެ 60 އަށް ވުރެ ގިނަ ޤައުމުގައި ދަނީ ދެމުންނެވެ.