ޚަބަރު

ރައީސް، މެލޭޝިޔާގައި ދިރިއުޅޭ ދިވެހިންނާއި ބައްދަލުކުރައްވައިފި


ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި އެމަނިކުފާނުގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމް މެލޭޝިޔާގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މިހާރު މެލޭޝިޔާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ބޭއްވި މިބައްދަލުކުރެއްވުން އޮތީ މެލޭޝިޔާގެ ގްރޭންޑް ހަޔާތް ހޮޓެލްގައެވެ. މިބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި މެލޭޝިޔާގައި ގިނަ ޢަދަދެއްގެ ދިވެހިން ދިރިއުޅެމުންދާތީ ރާއްޖޭގެ ކަލްޗަރަލް ސެންޓަރެއް ޤާއިމްކުރުމާބެހޭ ގޮތުން މެލޭޝިޔާގެ ބޮޑުވަޒީރާ މަޝްވަރާ ކުރައްވާނެކަމަށް ވިދާޅުވިއެވެ. އަދި ޑިޕެންޑެންޓް ވިސާގެ ކަންތައްތަކަށް ފަސޭހަގޮތްތަކެއް ހަމަޖެއްސެވުމާ ގުޅޭގޮތުން މަޝްވަރާކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ.

އަދި ޤައުމުން ބޭރުގައި ތިބޭއިރު އަޚްލާޤީ މިންގަނޑު ރަނގަޅަށް ބެހެއްޓުމާބެހޭގޮތުން ރައީސްގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ. ދިވެހި ސަރުކާރުން އަޅުއްވަމުން ގެންދަވާ އިސްލާޙީ ފިޔަވަޅު ތަކުގެ ސަބަބުން މުޖްތަމަޢުގައި ޒުވާނުން ހަމަމަގަށް އެޅެމުންދާކަން ރައީސް ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ޔާމީން ވަނީ މެލޭޝިޔާގައި ކިޔަވާ ދިވެހި ދަރިވަރުންނާ ބައްދަލުކުރައްވާ، އެކުދިންނަށް ދިމާވާ ދަތިތަކާ ބެހޭގޮތުން މަޢްލޫމާތު އޮޅުންފިލުއްވާފައެވެ. ދިވެހި ކިޔަވާ ކުދިންވެސްވަނީ އެކުދިންނަށް ދިމާވާ ބައެއް ކަހަލަ ދަތިތައް ރައީސް ޔާމީންއާ ހިއްސާ ކުރައްވާފައެވެ.

img:http://s4.psmnews.mv/images/660x400/14591754130978.jpg|މެލޭޝިޔާގައި ދިރިއުޅޭ ބައެއް ދިވެހިން / ފޮޓޯ: ޕީއެސްއެމް

ރައީސުލް ޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ދެކަނބަލުން މެލޭޝިޔާއަށް ވަޑައިގަތީ މިއަދު މެންދުރު ފަހުގެ ވަގުތެއްގައެވެ. ރާއީސް ޔާމީނާއި އަނބިކަނބަލުން ފާތިމަތު އިބްރާހީމަށް މެލޭޝިޔާގެ ކުއަލަލަންޕޫރު އިންޓަނޭޝަނަލް އެއަރޕޯޓުން މަރުހަބާ ވިދާޅުވީ، މެލޭޝިޔާގެ އެޑިއުކޭޝަން މިނިސްޓަރާއި ސަރުކާރުގެ އިސްބައެއް ވެރިންގެ އިތުރުން ރާއްޖެއިން މެލޭޝިޔާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މުޙައްމަދު ފަހުމީ ޙަސަންއެވެ.

ރައީސް ޔާމީން މެލޭޝިޔާއަށް ވަޑައިގަތުމުން އެމަނިކުފާނުގެ ޝަރަފްގައި ވަނީ ގާޑް އޮފް އޮނާއެއް އަރުވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި މާދަމާ މެލޭޝިޔާގެ ބޮޑުވަޒިރު ނަޖީބު ރައްޒާގާއި ބައްދަލުކުރެއްވާނެއެވެ.  މިބައްދަލުކުރެއްވުމުގައި ދެގައުމުގެ ދެމެދުގައި ދޭދޭ ގުޅުން ބަދަހިކުރުމާއި ބެހޭގޮތުން މަޝްވަރާކުރެއްވުމަށްވަނީ ހަމަޖެހިފައެވެ. އަދި މިމަޝްވަރާތަކަށްފަހު ދެބޭފުޅުން ގުޅިފައިވާ ބަޔާނެއް ދެއްވާނެއެވެ. މިދަތުރުފުޅުގެ ތެރެއިން ރައީސުލްޖުމުހޫރިއްޔާގެ އަނބިކަންބަލުން މެލޭޝިޔާގެ ޚާއްސަ ބައެއް މުހިންމު ތަންތަނަށް ޒިޔާރަތްކުރެއްވުމަށްވެސް ހަމަޖެހިފައިވެއެވެ.