ކުޅިވަރު

ގައްބެއާއި އާތިފްގެ އަގު އޮލިމްޕިކް ކޮމިޓީން ވަޒަންކުރައްވައިފި


އަބްދުލްޣަފޫރު އަލީ ގައްބެއާއި، އަހުމަދު އާތިފަށް މޯލްޑިވްސް އޮލިމްޕިކް ކޮމެޓީން ހަނދާނީ ފިލައެއް ދީފިއެވެ. ކަޓަމަރާނެއްގައި ރާއްޖެ ވަށައި ބުރު ޖެހި އަބްދުލްޣަފޫރު އަލީ (ގައްބެ) އާއި ސައުވީސް ގަޑިއިރު ވަންދެން މާލެވަށާ ދުވި އަހުމަދު އާތިފްއަށް ހަނދާނީ ފިލާ ދިނީ އިއްޔެ ހޮޓެލް ޖެންގައި ބޭއްވި މޯލްޑިވްސް އޮލިމްޕިކް ކޮމެޓީގެ އަހަރީ އާންމު ޖަލްސާގައެވެ. ކަޓަމަރާނެއްގައި ރާއްޖެ ވަށައި ގައްބެ ދަތުރު ފުރިހަމަކުރީ ތިރީސް ހަތް ދުވަހުންނެވެ.

ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުން ފާހަގަކުރުމުގެ އާތިފް ވަނީ ސައުވީސް ގަޑިއިރު ވަންދެން ދުވެފައެވެ. މިދެފަރާތަށް އޮލިމްޕިކް ކޮމިޓީން ހަނދާނީ ފިލައެއް ދިނީ ކުޅިވަރުގެ ތެރެއިން ދެއްކި އާދަޔާ ޚިލާފް ހިތްވަރު ފާހަގަކުރުމުގެ ގޮތުންނެވެ.

img:http://s4.psmnews.mv/images/660x400/14591861538415.jpg|އާތިފްއަށް މިއަދު ދީފައިވާ ހަދާނީ ފިލާ ދިނުމުގެ ރަސްމިއްޔާތުގަ (ފޮޓޯ:ހަވީރު)

އޮލިމްޕިކް ކޮމިޓީން ވަނީ މިދިޔަ އަހަރު ރާއްޖޭން ބައިވެރިވި ބައިނަލްއަޤްވާމީ ކުޅިވަރު މުބާރާތްތަކުގައި ޗެފް ޑި މިޝަންއާއި މެޑިކަލް އޮފިސަރުންގެ ގޮތުގައި ހަރަކާތްތެރިވި ފަރާތްތަކުގެ ޚިދުމަތުގެ އަގުވެސް ވަޒަންކުރައްވާފައެވެ.

އެގޮތުން ހަނދާނީ ފިލާދީފައިވަނީ ފަރާތްތަކަކީ ސަމޯއާގައި ކުރިއަށްދިޔަ ކޮމަން ވެލްތު ޔޫތު ގޭމްސްގެ ޗެފް ޑި މިޝަން ޔަޒްނީ ނަޝީދާއި ރީޔޫނިއަންގައި އޮތް އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގެ ހެޑް އޮފް ޑެލިގޭޓްސް އިބްރާހިމް ނޫރައްދީނަށެވެ. 

img:http://s2.psmnews.mv/images/660x400/14591862851258.jpg|ސަމޯއާގައި ކުރިއަށްދިޔަ ކޮމަން ވެލްތު ޔޫތު ގޭމްސްގެ ޗެފް ޑި މިޝަން ޔަޒްނީ ނަޝީދު (ފޮޓޯ:ޕީއެސްއެމް-ވަހީދު)

ޗެފް ޑި މިޝަނުންގެ ގޮތުގައި ހަރަކާތްތެރިވި އިހުސާން އަބްދުލް ޣަނީ (ސާންތި) އާއި، ޑެޕިއުޓީ ޗެފް ޑިމިޝަން ހުސެއިން ޒިނާން އަދި އައިމިނަތު ހަލީމް(ދިލް)ގެ އަގުވެސް އޮލިމްޕިކް ކޮމިޓީން ވަނީ ވަޒަންކުރައްވާފައެވެ. 

img:http://s3.psmnews.mv/images/660x400/14591864052501.jpg|ައައިއޯއައިޖީގެ ޗެފް ޑި މިޝަނުން އިހުސާން އަބްދުލް ގަނީ-ސާންތި (ފޮޓޯ:ޕީއެސްއެމް-ވަޙީދު) މީގެ އިތުރުން އޮލިމްޕިކް ކޮމިޓީން ވަނީ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ކަވަރުކޮށްދިން ނޫސްވެރިންނަށް ވެސް ހަނދާނީ ފިލާ ދީފަ އެވެ.