ވިސްނުންތައް ހަގީގަތަކަށް ހެދުމުގެ ބާރުވެރިޔަކީ އިންޖިނޭރުން ކަމަށް އިންޖިނިއަރިންގެ ދާއިރާއިން ލައިފްޓައިމް އެޗީވްމަންޓް ލިބިވަޑައިގެންނެވި ޢަބްދުއްޝަކޫރު ސޯލިހު ވިދާޅުވެއްޖެއެވެ.
އެވޯޑު ހަފުލާގައި އެވޯޑު ލިބިވަޑައިގެންނެވި ބޭފުޅުންގެ ފަރާތުން ވާހަކަދައްކަވަމުން އިންޖިނިއަރިން ދާއިރާގައި 40 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރައްވާފައިވާ ޢަބްދުއްޝަކޫރު ވަނީ އިންޖިނޭރުންގެ ޚިދުމަތުގެ އަގުވަޒަންކުރުމަށް އިންޖިނޭރުންގެ ދުވަސް ފާހަގަކުރެއްވުމަށް ވަކި ދުވަހެއް ސަރުކާރުން ކަނޑައެޅުއްވީތީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަށް ޝުކުރުއަދާކުރައްވާފައެވެ.
ޢަބްދުއްޝަކޫރު ވިދާޅުވީ އިންޖިނޭރުންގެ މަސައްކަތާއި ހުނަރުން ކަމެއް ކާމިޔާބުކޮށް ނަތީޖާ ހާސިލްކުރެވޭއިރު ވަށައިގެންވާހާ ގޮންޖެހުންތަކާއި ދަތި އުނދަގޫތަކަށް ހައްލު ގެނެސްދެވޭ ކަމަށެވެ. އިންޖިނޭރުންނަކީ މަސައްކަތަށް ފަރުވާތެރި އަދި ކަމަށް ކަމޭހިތާ ބަޔަކަށް ވާންޖެހޭ ކަމަށާއި މުޖުތަމަޢު އެ މީހުންނާމެދު ކުރާ ތަސައްވުރު ހަގީގަތަކަށް ހަދައިދޭނީ އިންޖިނޭރުން ކަމަށްވެސް ވިދާޅުވިއެވެ.
އިންޖިނޭރުން ފަރުވާ ކުޑަކޮށް ކުރާ ކަމެއްގެ ނަތީޖާ ވަރަށް ހިތިކޮށް ދިމާވެދާނެކަން ފާހަގަކުރައްވައި ޢަބްދުއްޝަކޫރު ވިދާޅުވީ ޤައުމުގެ އިންޖިނިއަރިން ދާއިރާއަށް ޚިދުމަތް ކުރުމާއި އެ ދާއިރާއަށް އިންސާނީ ވަސީލަތް ފައްކާކުރުމަކީ މިއަދު ޤައުމަށް އިންތިހާއަށް ބޭނުންވެފައިވާ ކަމެއް ކަމަށެވެ. އެގޮތުން، ތަރައްގީގެ އެއްވެސް މަސައްކަތެއް ކުރެވެނީ އިންޖިނޭރުންގެ މަސައްކަތާއެކު ކަމަށް ވިދާޅުވިއެވެ.
"ހަގީގީ މާނައިގައި އިންޖިނޭރުންނަކީ އެކުގައި މަސައްކަތްކޮށް، އެކުގައި ނަތީޖާ ނެރެން ދަންނަ ބަޔަކަށް ވާންޖެހޭ. ކަމަށް ކަމޭހިތާ ފަރުވާތެރި ބަޔަކަށް ވާންޖެހޭ. ވަރުބަލިވިޔަސް މަސައްކަތް ހުއްޓާލާނީ ނަތީޖާ ނެރެކަން އަޒުމަކަށް ވާންޖެހޭ،" އިންޖިނިއަރިން ދާއިރާއިން ލައިފްޓައިމް އެޗީވްމަންޓް އެވޯޑު ލިބިވަޑައިގެންނެވި ޢަބްދުއްޝަކޫރު ވިދާޅުވިއެވެ.
ޢަބްދުއްޝަކޫރު ވަނީ އަލަށް އިންޖިނިއަރިން ދާއިރާއަށް ނުކުންނަ ޒުވާނުންނަށް އުނގެނުމުގައި ފޫހިކަމެއްނެތި ކަންކަން ދަސްކުރުމަށް ނަސޭހަތްތެރިވެވަޑައިގެންފައެވެ. އަދި މިހާރުވެސް ޤައުމުގެ ތަރައްގީއަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންދާއިރު އެކި ދާއިރާތަކުން ހުނަރުވެރި ފަންނުވެރިން ބޭނުންވާކަން ފާހަގަކުރެއްވިއެވެ.
ޢަބްދުއްޝަކޫރު ވިދާޅުވީ އޭނާއަށް ލިބިވަޑައިގެންނެވި އެވޯޑުގެ ބޮޑުބައި ހިއްސާކުރަނީ އެކުގައި އެކި ދުވަސްވަރު މަސައްކަތް ކުރެއްވި އިންޖިނޭރުން ކަމަށެވެ. ޚާއްސަކޮށް ދާއިރާއިން ކުރިއަށްދިއުމަށް މަގުފަހިކޮށްދެއްވި އަހުމަދު އާދަމަށް ޝުކުރުއަދާކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.