ބިން ހިއްކުމުގެ މަސައްކަތް ކުރާ އެމްޓީސީސީގެ އަމިއްލަ ޑްރެޖަރު "މަހާ ޖައްރާފު" އަންނަ މަހު މަސައްކަތުގައި އަލުން ބޭނުން ކުރަން ފެށޭނެކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރކެޓިން ކޮމްޕެނީ، އެމްޓީސީސީން ބުނެފިއެވެ.
"މަހާ ޖައްރާފު" އަކީ ރާއްޖޭގައި ބިން ހިއްކުމުގެ މަޝްރޫޢުތައް ކުރިއަށްގެންދިޔުމަށްޓަކައި 2017 ވަނަ އަހަރު ބަނދެގެން ގެނެސްފައިވާ އެންމެ ބޮޑު ޑްރެޖަރެވެ. އެހެންނަމަވެސް ބިން ހިއްކުމުގެ ބައެއް މަޝްރޫޢުތައް ހިންގާފައިވަނިކޮށް އެ ޑްރެޖަރަށް ދިމާވި ބައެއް މައްސަލަތަކާ ގުޅިގެން އެ ޑްރެޖަރު ބޭނުން ނުކުރާތާ އަހަރުތަކެއް ވެއްޖެއެވެ. އެ ޑްރެޖަރު ހަލާކުވެފައިވަނީ 2021 ވަނަ އަހަރުގެ ފަހުކޮޅެވެ. އެހެންނަމަވެސް މިހާރު އެ ޑްރެޖަރު އަލުން ބޭނުންކުރުމުގެ މަސައްކަތް އެމްޓީސީސީން އަންނަނީ ކުރަމުންނެވެ. އެ ޑްރެޖަރު މަރާމާތުކޮށްފައިވަނީ އެ އުޅަނދު ބަނެފައިވާ ނެދަލޭންޑްސްގެ ކުންފުނިންނެވެ.
ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ "މަހާ ޖައްރާފް" އަށް ދިމާވި މައްސަލަތައް ހައްލުކުރުމަށްފަހު މިހާރު ރާއްޖެ ގެނެސްފައިވާކަމަށެވެ. އަދި މައްސަލަތައް ހައްލުކޮށްފައިވަނީ ޑްރެޖަރ ބަނދެފައިވާ ކުންފުނިންކަމަށާއި، މިހާރު ކުރިއަށް ދަނީ ޑްރެޖަރ ރާއްޖެ ގެނެސް އޮޕަރޭޝަނަށް ބޭނުންކުރުމުގެ ކުރިން ކުރަން ޖެހޭ ބައެއް މަސައްކަތްކަމަށް އާޒިމް ވިދާޅުވިއެވެ. އަދި އަންނަ މަހުގެ ތެރޭގައި ބިން ހިއްކުމުގެ މަސައްކަތަށް ބޭނުންކުރަން ފަށަން ތައްޔާރުވެފައިވާކަމަށް އާޒިމް ވިދާޅުވިއެވެ.
"ބިން ހިއްކުމުގެ މަސައްކަތަށް "މަހާ ޖައްރާފު" އަލުން ބޭނުންކުރަން ފަށަނެ. ޑްރެޖަރަށް ދިމާވި މައްސަލަތައް ވަނީ ހައްލުކޮށްފައި. މިހާރު ބިން ހިއްކުމުގެ މަސައްކަތަށް ބޭނުން ކުރުމަށް ކުއްޔައް ނަގާފައިވާ ޓްރެޖަރުން ދުވާލަކު ހެކްޓަރެއް ހިއްކަމުން ދަނީ. ކަޓަރ ސެކްޝަންގެ ޑްރެޖަރުން ދުވާލަކު ހެކްޓަރެއް ހިއްކާނެ. ބިން ހިއްކުމުގެ ރަނގަޅު ކެޕޭސިޓީއެއް އެބަހުރި" އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވިއެވެ.
"މަހާ ޖައްރާފް"އަކީ އެއްފަހަރާ 3700 ކިއުބިކް މީޓަރުގެ ވެލިބަރު ކުރެވޭވަރުގެ ޤާބިލުކަން ލިބިފައިވާ އުޅަނދެކެވެ. 36 މިލިއަން ޑޮލަރު ޚަރަދުކޮށްގެން އެމް.ޓީ.ސީ.ސީން "މަހާ ޖައްރާފު" ބަނދެފައިވަނީ، ނެދަލެންޑްސްގެ އައި.އެޗް.ސީއާއި ހަވާލުކޮށްގެން ޗައިނާގެ "ނަންޓޮން ރެއިންބޯ މެރިން ޓެކްނޮލޮޖީ"ގެ ބޯޓު ޔާޑުގައެވެ. މި އުޅަނދަކީ ކަނޑުގެ 50 މީޓަރު އަޑިން ވެލި ނެގުމުގެ ޤާބިލުކަން ލިބިފައިވާ އުޅަނދެކެވެ.
މަހާ ޖައްރާފްގެ އިތުރުން ބޮޑު ޖައްރާފާއާއެކު އެމްޓީސީސީގެ އަމިއްލަ ދެ ޑްރެޖަރު އޮވެއެވެ. މީގެ އިތުރުން ކުއްޔަށް ގެނެސްފައިވާ 3 ޑްރެޖަރާއެކު އެމްޓީސީސީގެ ދަށުގައި ޖުމްލަ 5 ޑްރެޖަރު އެބައޮތެވެ. މިއާއެކު އެމްޓިސީސީން މިހާރުވެސް އަންނަނީ ބިން ހިއްކުމުގެ 15 މަޝްރޫޢުއެއް ކުރިއަށްގެންދަމުންނެވެ.