ޚަބަރު

ތިނަދޫ ހަގީގީ ސިޓީއަކަށް، މޭޔަރަކު އައްޔަންކުރުމަށް ހުރި ޤާނޫނީ ހުރަސްތައްވެސް ނައްތާލަނީ


  • ތިނަދުއަށް ސިޓީގެ ދަރަޖަ ދިނީ، މިދިޔަ ސަރުކާރު ނިމެން ކުޑަތަންވެފައި ވަނިކޮށް

  • މޭޔަރަކު އައްޔަންކުރެވޭނީ ޤާނޫނަށް އިބްލާހު ގެނެސްގެން

  • ސިޓީއަކަށް ހެދުމަށް މަޝްވަރާތައް ވަނީ ފަށްޓަވާފައި

ގދ.ތިނަދުއަށް ހަޤީގީ ސިޓީއެއްގެ ދަރަޖަ ދިނުމަށް ޤާނޫނީގޮތުން ގެނެވޭނެ ފަރުވާއާއި ގުޅޭގޮތުން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، ބަންޑާރަ ނައިބުގެ އޮފީހާއެކު މަޝްވަރާތައް ފަށްޓާވާފައިވާކަމަށް، ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.

ތިނަދުއަށް ސިޓީއެއްގެ ދަރަޖަ ކުރީ ސަރުކާރުން ދިނީ، ސިޓީއަކަށް ހެދުމަށް ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަނުކޮށް، ރިޔާސީ އިންތިޚާބަށް ކުޑަތަންވެފައިވަނިކޮށެވެ.

ކުރީ ސަރުކާރުގައި ތިނަދުއަށް ސިޓީގެ ދަރަޖަ ދިން ގޮތާއި ގުޅޭގޮތުން، ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރު ވިދާޅުވީ، ޤާނޫނީ ހަމަތަކަށް ބެލުމެއް ނެތި މިދިޔަ ސަރުކާރުގައި ތިނަދުއަށް ސިޓީގެ ދަރަޖަ ދިނީ، މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު، އެ ބަދަލު ގެނަވާނެކަމަށް ވަޢުދުވެވަޑައިގެންފައިވަނިކޮށްކަމަށެވެ. އެ ބަދަލު ގެނެސްފައިވަނީ ހަމައެކަނި ނަމެއްގައިކަމަށާއި، އެޙާލަތުގައި ދެން ޢަމަލުކުރާނެ ގޮތެއް ބަލާފައި ނުވާކަމަށްވެސް ވަޒީރު ވަނީ ވިދާޅުވެފައެވެ.

ނަމަވެސް ތިނަދުއަށް ދީފައިވާ ސިޓީގެ ދަރަޖަ އައު ސަރުކާރުންވެސް ފުރިހަމައަށް ބަލައިގަންނަކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރު ވިދާޅުވީ، ތިނަދޫ ހަޤީޤީ މާނައިގައި ސިޓީއަކަށް ބަދަލުގެނައުމަށް ވަރަށް ގިނަ މަސައްކަތްތައް ކުރަން އެބަހުރިކަމަށެވެ. އެންމެ މުހިންމު އެއް މަސައްކަތަކީ އެރަށުގައި ސިޓީ ކައުންސިލެއް އުފައްދާ، މޭޔަރެއް އައްޔަންކުރެއްވުންކަމަށް ވަޒީރު ވިދާޅުވިއެވެ. ޤާނޫނު ބުނާގޮތުން، މޭޔަރެއް އައްޔަން ކުރެވޭނީ އިންތިޚާބެއް ބާއްވައިގެންނެވެ.

ނަމަވެސް 19ވަނަ ރައްޔިތުންގެ މަޖިލީހުގައި ލާމަރުކަޒީ ޤާނޫނަށް ގެނެސްފައިވާ ބަދަލުގައި ބުނާގޮތުން، އިންތިޚާބެއް ބޭއްވޭނީ، ކައުންސިލަރުންގެ ދަޢުރު ހަމަވުމުންނެވެ. އާދަމް ޝަރީފު ވިދާޅުވީ މި އިސްލާހަކީވެސް، ކުރީގެ ސަރުކާރު އެމްޑީޕީގެ ސުޕަރ މެޖޯރިޓީ އޮތް މަޖިލީހުން ނިންމާފައިވާ ނިންމުކަށްވާއިރު، ކައުންސިލްގެ ދައުރު ދެބައި ނުވަނީސް ތިނަދުއަށް އެ ބަދަލު ގެންނެވީ ޤާނޫނަށް ގެންނެވި އިސްލާހަށް ބެއްލެވުމެއް ނެތިކަމަށެވެ.

މި މައްސަލައިގައި އެއްގޮތަކީ ދައުރު ހަމަވަންދެން މަޑުކުރުންކަމަށް ޢާދަމް ޝަރީފް ފާގަކުރެއްވިއެވެ. ނަމަވެސް ކައުންސިލްތަކުގެ އިންތިޚާބެއް ދެން އެންމެ އަވަހަށް އޮންނާނީ 2026ވަނަ އަހަރަށްވުމާއެކު، އެކަމަށްވެސް ވަރަށް ދިގު މުއްދަތެއް އެބައޮތްކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ ދެވަނަ ގޮތަކީ ޤާނޫނަށް އިސްލާހުގެނެސް އެކަމަށް ފަރުވާއެއް ގެނައުންކަމަށެވެ.

"އެއްގޮތަކީ ކައުންސިލަރުން އިސްތިއުފާ ދިނުން. އެކަމަކު އޭރުން ކައުންސިލަރުންގެ ޙައްޤަށް އެބަ އުނިކަން އާދޭ. ދެވަނަ ގޮތަކީ، ސަރުކާރުން ބަދަލެއް ދޭގޮތަށް ކައުންސިލަރުން މަޤާމުން ވަކިވުން. ތިންވަނަ ގޮތަކީ ކައުންސިލަރުންގެ ދަޢުރު ހަމަވުމަށް އަހަރެއް ނޫނީ 6 މަސް އޮއްވާ، ރަށެއް ސިޓީއަކަށް ބަދަލުކޮށްފިނަމަ، މޭޔަރެއް އައްޔަން ކުރަން އިންތިޚާބެއް ބާއްވާ ހޮވަންޖެހޭގޮތަށް ޤާނޫނަށް އިސްލާހު ގެނައުން." އާދަމް ޝަރީފް ޢުމަރު ވިދާޅުވިއެވެ.

ޢާދަމް ޝަރީފް ޢުމަރު ވިދާޅުވީ ތިނަދުއަށް ޙަޤީޤީ ސިޓީއެއްގެ ދަރަޖަ ދިނުމަށް، ސަރުކާރުތެރެއިންވެސް މަސައްކަތްތައް ފަށްޓާވާފައިވާކަމަށެވެ. އެގޮތުން ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ބެހޭ ވުޒާރާއިން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، ބަންޑާ ނައިބުގެ އޮފީހާއެކުވެސް މަޝްވަރާތައް މިހާރު ކުރިއަށް ގެންދަވާކަމަށާއި، މި މައްސަލައިގައި ތިނަދޫގެ ރައްޔިތުންގެ ޚިޔާލު ހުރިގޮތްވެސް ބައްލަވާނެކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.

"ރައީސް އޮފީހާއި އޭޖީއާއެކު މަޝްވަރާކުރަމުން މިދަނީ މިކަމަށް ހޯދޭނެ ޤާނުނީ ފަރުވާއާއި ގުޅޭގޮތުން. މި ސަރުކާރުން ޤަބޫލުކުރަނީ މިއަދު ތިނަދޫ އަކީ ސިޓީއެއްގެ ގޮތުގައި. މިފަދަ ކުއްލި ނިންމުމެއް ނިންމިއިރު، މިއީ ވަގުތީ ނިންމުމަކަށްވުރެ ބޮޑަށް، ވަރަށް ބޮޑަށް މަޝްވަރާކުރެވި ނިންމަންޖެހޭވަރު ނިންމުމެއް." އާދަމް ޝަރީފް ޢުމަރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ، ތިނަދޫ ސިޓީއަކަށް ހެދުމުގައި ޤާނޫނީ ބައެއް ސުވާލުތައް ހުރީ މިދިޔައީ، ކުރީ ސަރުކާރުގައި ޤާނޫނީ ލަފާ ހޯދާފައިވެސް ނުވާތީކަމަށެވެ. 2013ވަނަ އަހަރު އޭރުގެ ސަރުކާރުންވެސް، ތިނަދޫގެ ތަރައްޤީއަށް ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރެއްވިކަން ވަޒީރު ފާހަގަކުރެއްވިއެވެ. ނަމަވެސް މިދިޔަ ދައުރުގައި އެ މަސައްކަތްތައް އޮތީ ވަރަށް ބޮޑަށް ހުއްޓިފައިކަމަށާއި، އަލުން މަސައްކަތްތައް ފަށައިގަންނަވާނެކަމަށްވެސް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރު ވިދާޅުވިއެވެ.