ޚަބަރު

ރާއްޖޭގައި މައިކްރޯ ފައިނޭންސް ބޭންކެއް ޤާއިމުކުރުމަށް އައިއެސް.ޑީ.ބީއާ މަޝްވަރާކުރައްވައިފި


  • ބައްދަލުކުރެއްވުން އޮތީ ކޮޕް-28 ހަވާސާގެތެރެއިން

  • ޒަކާތު ހައުސް ބިނާކުރުމާއި، ވަޤުފް ޕްރޮގްރާމެއް ހިންގުމަށްވެސް މަޝްވަރާކުރެއްވި

  • (އައިއެސް.ޑީ.ބީ)އަކީ ރާއްޖޭގައި މަޝްރޫޢުތައް ހިންގުމަށް ފައިނޭން ފޯރުކޮށްދޭ ބޭންކްއެއް

ކުދި ވިޔަފާރިތަކަށް އެހީތެރިވުމަށް ރާއްޖޭގައި މައިކްރޯ ފައިނޭންސް ބޭންކެއް ޤާއިމުކުރުމާއި ގުޅޭގޮތުން، ރައީސުލްޖުމްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުއާއި އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައިއެސް.ޑީ.ބީ)ގެ ރައީސް ޑޮކްޓަރ މުޙައްމަދު އަލް ޖާސިރު މަޝްވަރާކުރައްވައިފިއެވެ.

މި މަޝްވަރާތައް ކުރިއަށްގެންދެވީ، ޔޫއޭއީގައި ކުރިއަށްދާ ކޮޕް-28 ސަމިޓްގެ ތެރެއިން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އަރިހަށް (އައިއެސް.ޑީ.ބީ)ގެ ރައީސް ޑޮކްޓަރ މުޙައްމަދު އަލް ޖާސިރު ކުރެއްވި އިޙްތިރާމުގެ ޒިޔާރަތުގައެވެ.

‎މި ބައްދަލުކުރެއްވުމުގައި، އިސްލާމިކް ފައިނޭންސްގެ ދާއިރާ ކުރިއެރުވުމާއި، ޒަކާތު ހައުސް ބިނާކުރުމާއި، ވަޤުފް ޕްރޮގްރާމެއް ހިންގުމާއި، މައިކްރޯފައިނޭންސް ބޭންކެއް ޤާއިމު ކުރުމާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.

‎ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޢިއްޒާއި އައިއެސް.ޑީ.ބީގެ ރައީސްގެ މިބައްދަލު ކުރެއްވުމުގައި، ދިވެހިރާއްޖެއާއި އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކާ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ގުޅޭ ގޮތުންވެސް ދެ ބޭފުޅުން ޚިޔާލު ބަދަލުކުރެއްވިއެވެ.

އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައިއެސް.ޑީ.ބީ)އަކީ ރާއްޖޭގައި ކުރިއަށްގެންދާ އެކި މަޝްރޫޢުތަކަށް އެހީތެރިކަން ފޯރުކޮށްދެމުންއަންނަ ބޭންކެކެވެ.