700 މީޓަރާއި ހަމައަށް ކައުންސިލްތަކުގެ އިޙްތިސާސް ބޮޑުކުރަން ރައީސުލްޖުމްހޫރިއްޔާ ނިންމަވައިފިއެވެ. މިގޮތަށް ނިންމަވާފައިވާކަން ހާމަކުރައްވާފައިވަނީ މިއަދު ބޭއްވި ކެބިނެޓް ބައްދަލުވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ މިގޮތަށް ނިންމެވީ މިއީ ލާމަރުކަޒީ އުސޫލުގެ ދަށުން ރަށް ރަށަށް ލިބެންޖެހޭ ފައިދާ މިހާރަށްވުރެ އިތުރުކުރެއްވުމަށް ގެންގުޅުއްވާ ތަސައްވުރުގެ ދަށުންކަމަށެވެ. މިގޮތުން ރަށްރަށުގެ ރާޅު ޖަހާ ހަމައިން ފެށިގެން 700 މީޓަރާއި ހަމައަށް ކައުންސިލްތަކުގެ އިޙްތިޞާސް ބޮޑުކުރެއްވުމަށް ނިންމަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ޤާނޫނީ ގޮތުން މިގޮތަށް މިހާރު އޮތްނަމަވެސް އެގޮތަށް ޢަމަލުނުކުރާކަމަށެވެ. އެގޮތަށް ދޫކޮށްފައިވާ ރަށްތަށް ހުރިނަމަވެސް އެރަށްރަށުންވެސް މަންފާ ނުހޯދިހުރިކަން ރައީސްވަނީ ފާހަގަކުރައްވާފައެވެ. އަދި އިޙްތިޞާސްތެރޭގައި ނުހިމެނޭ އެހެންނަމަވެސް އެސަރަޙައްދުގައި ހުރި ރަށްތަކުން ކައިރި ރަށްރަށުގެ ރައްޔިތުންނަށް ޢާމްދަނީ ހޯދޭނެ ފަދަ ފުރުސަތުތައް އެބަހުރިކަމަށާއި އެކަންކަން ރައްޔިތުންނަށް ފަހިކޮށްދެއްވުމަކީ ވިސްނުމެއްކަމުގައި ރައީސް ވިދާޅުވިއެވެ. އެހެންކަމުން މިކަންކަން ޙާސިލްކުރުމަށް އުސޫލެއް ކަނޑައަޅުއްވާ ވަކި ނިޒާމެއް ޤާއިމުކުރެއްވުމަށް ނިންމަވާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
"ބައެއް ރަށްތަށް އެބަހުރި މިގޮތުން ދޫކޮށްގެން މަޝްރޫޢުތައް ހިންގިއްޖެނަމަ ޢާމްދަނީ ރަށްރަށަށް ވަންނާނެ. މިކަން ކުރެވޭނެ އުސޫލެއް ޤާއިމުކޮށް ވަކި ނިޒާމެއް ޤާއިމުކުރުމަށް މިއަދު ކެބިނެޓުންވަނީ ނިންމަވާފައި." ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މިމަސައްކަތް ކުރައްވާނީ ދެކަމަކަށް އިސްކަންދެއްވައިގެންކަމަށެވެ. އެއީ ސަރުކާރުގެ 20 އަހަރުގެ ތަރައްޤީގެ މާސްޓަރ ޕްލޭންއާއި އެލައިންވާގޮތަށް ހުރި މަޝްރޫޢުތައް ހިންގުމަށް ރަށްރަށުގެ އިޙްތިޞާސްގެ ތެރޭގައި އަދި އޭގެ ބޭރުގައި ހުރި ރަށްތަށްވެސް ދޫކުރުމާއި، މިރަށްތައް ދޫކުރުމުގައި އެއަތޮޅެއްގެ އެހެން ރަށްރަށުގެ ރައްޔިތުންގެ ޚިޔާލު ހޯދައިގެން އެކަން ކުރުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ނިންމަވާފައިވާއިރު ކައުންސިލްތަކުގެ އިޙްސިސާސްގެ ތެރޭގައި ހުރި ރަށްތައް ތަރައްޤީކުރުމުގައި ކައުންސިލްތަކަށް ސަރުކާރުގެ އެހީ ބޭނުންވާކަމަށް ނިމިދިޔަ ކެމްޕޭން ދުވަސްވަރު ގިނަ ކައުންސިލްތަކަކުންވެސްވަނީ ފާހަގަކުރައްވާފައެވެ. އަދި ކައިރީގައި ހުރި ފަޅު ރަށްތައް ފަތުރުވެރިކަމަށް ބޭނުންކުރުމުގެ ހުއްދަ ދެއްވުމަށްވެސް ބައެއް ކައުންސިލްތަކުންވަނީ އޭރުވެސް އެދިފައެވެ.
ލާމަރުކަޒީ އުސޫލުން ކައުންސިލްތައް ބާރުވެރިކޮށް ސަރުކާރާއި ގާތުން މަސައްކަތް ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުވަނީ ޚާއްސަ ސަމާލުކަމެއް ދެއްވާނެކަމަށް ވިދާޅުވެފައެވެ.