ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި އޮޑި ސްޕޯޓްސް ކުލަބާއި ކްލަބް އީގަލްސް ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.
ދެޓީމުގެ ފަރާތުން ވެސް އާދައިގެ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން، އެޓޭކުތަކެއް ކުރީ އޮޑިންނެވެ. އެޓީމުން ވަނީ މުޅި މެޗުގައި 11 ހަމަލާއެއް އުފައްދާފައެވެ. އޭގެތެރެއިން ހަތަރު ހަމަލާއެއް ވަނީ ގޯލާ އަމާޒުވާގޮތަށް ފޮނުވާލާފައެވެ.
މި މެޗުގައި އީގަލްސްއަށް، އޮޑީގެ ގޯލާ އަމާޒުވާގޮތަށް ނުވަތަ އޮން ޓާގެޓަށް އެންމެ ހަމަލާއެއް ވެސް ފޮނުވާލެވިފައެއް ނުވެއެވެ. އެހެންނަމަވެސް އޮފް ޓާގެޓަށް އެއް ހަމަލާ ފޮނުވާލާފައިވެއެވެ.
މި މެޗުގައި ލަނޑުޖަހާނެ ގިނަ ފުރުސަތުތަކެއް އޮޑިއަށް ލިބުނުއިރު، އޮން ޓާގެޓަށް ފޮނުވާލި ނުރައްކާތެރި ހުރިހާ ހަމަލާއަކަށް ވެސް، އީގަލްސްގެ ބިދޭސީ ކީޕަރު ސާޤިބް ހަނީފް ވަނީ ހުށިޔާރުކަމާއެކު ހުރަސް އަޅާފައެވެ.
މެޗު ފަށައިގެން ފުރަތަމަ ފަސް މިނެޓުގެ ތެރޭގައިވެސް އޮޑިއަށް ލަނޑުޖަހާނެ ދެ ފުރުސަތެއް ލިބިފައިވެއެވެ. އެގޮތުން މުޒްދާން ޙަސަން ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭރިއާ ތެރޭގައި ހުސްކޮށް ހުރެ އިބްރާޙީމް ވަހީދު ފޮނުވާލި ހަމަލާ ދިޔައީ ގޯލާ އަމާޒުނުވެއެވެ.
އެފަހުން އީގަލްސްގެ ޑިފެންސްލައިނުން ހެދި ގޯހެއްގައި ތަނަވަސްވި ފުރުސަތަކުން އަހުޒަމް ރަޝީދަށް ވެސް އީގަލްސްގެ ގޯލު ހުޅުވާލަން ލިބުނުއިރު އަހުޒަމް ފޮނުވާލި ބޯޅަ ވެސް ގޯލާ އަމާޒުވާގޮތެއް ނުވިއެވެ.
ދެޓީމުންކުރެ ޓީމަކަށް ލަނޑެއް ކާމިޔާބުނުކުރެވި ހަމަހަމަ ނަތީޖާއަކުން ނިމުނު މި މެޗާއެކު، ތާވަލުގެ އެއްވަނައިގައި އޮތް ވިކްޓްރީއާ ޕޮއިންޓުގެ ގޮތުން ހަމަހަމަކުރަން މިފަހަރު ލިބުނު ފުރުސަތު އީގަލްސްއަށް މިވަނީ ގެއްލިފައެވެ. އަދި އޮޑިއަށް ވެސް، ތާވަލުގެ ތިންވަނައަށް އެރެން އޮތް ފުރުސަތު މި ހަފްތާގައި މިވަނީ ގެއްލިފައެވެ.
އޮޑިން މިހާތަނަށް ލީގުގައި ފަސް މެޗު ކުޅެފައިވާއިރު ލިބެނީ އަށް ޕޮއިންޓެވެ. އީގަލްސްއަށް ފަސް މެޗުން 11 ޕޮއިންޓު ލިބިފައިވެއެވެ.