ޚަބަރު

ދެމެހެއްޓެނިވި ފައިދާއަށް ދިރާސީ ހެކީގެ މައްޗަށް އެއްކުރެވޭ ޑޭޓާ ބޭނުންކުރުމަކީ ކުރަންޖެހޭ ކަމެއް


  • ދެމެހެއްޓެނިވި ތަރައްޤީއަށް ވާޞިލުވުމަށް ޑޭޓާއަށް ބަރޯސާވެ ނިންމުން ނިންމުން މުހިންމު

  • ރާއްޖޭގައި ކަންކަން ނިންމަނީ ޑޭޓާއަކަށް ރިޢާޔަތްކުރުމެއްނެތި ޒަރޫރަތްތައް ބަލައިގެން

ސިޔާސަތު ކަނޑައެޅުމުގައި މިންތީގެ ހަމަހަމަކަމަށް ވިސްނައި ލިބެންހުރި މަޢުލޫމާތުގެ ފުރިހަމަ ބޭނުން ހިފުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ. އެކަމަނާ މިހެން ވިދާޅުވީ މިއަދު ހެނދުނު ކުރިއަށްދިޔަ "ޖެންޑަރ ޑޭޓާ ޔޫސް އިން ޕޮލިސީ މޭކިންގ ވެލިޑޭޝަން އެންޑް އެޑްވޮކަސީ ވަރކްޝޮޕް"ގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި މަސައްކަތު ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުވަނީ މިސަރުކާރުން މިންތީގެ ހަމަހަމަ ކަމަށް ކުރައްވާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ. އެކަމަނާ ވިދާޅުވީ، މި ސަރުކާރުގެ އަމާޒަކީ ހަމައެކަނި މިންތީގެ ހަމަހަމަ ކަމަށް މަސައްކަތްކުރުން ނޫންކަމަށާއި، ހަމަ އެއާއެކު ސަރުކާރުގެ މަޤްޞަދަކީ ޤައުމީ ތަރައްޤީގެ ހުރިހާ ދާއިރާއެއްގައިވެސް އަންހެނުންގެ ބައިވެރިވުން އިތުރުކުރެއްވުން ކަމަށެވެ. އަދި އިޤްތިޞާދީ ދާއިރާގައި އޮންނަ އަންހެނުންގެ ޙިއްޞާ އިތުރުކުރުމާއި، ސިޔާސީ ދާއިރާއާއި ރައްޔިތުންނަށް އެކިއެކި ޚިދުމަތްތައް ފޯރުކޮށްދިނުމުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަކީ މި ސަރުކާރުން އެންމެ ބޮޑު އަހަންމިއްޔަތުކަމެއް ދެއްވާ އެއް ދާއިރާކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

ސާޖިދާ މުހައްމަދު ވިދާޅުވީ މި މަސައްކަތު ބައްދަލުވުމުގެ ތެރެއިން، ލިބެންހުރި މަޢުލޫމާތުތައް ފުޅާ ދާއިރާއެއްގައި ދިރާސާކޮށް އައު ސިޔާސަތުތައް އެކުލަވާލުމަށް މި ވަގުތަކީ އެންމެ އެކަށީގެންވާ ވަގުތުކަމަށެވެ. މިމޭރުމުން ވާހަކަފުޅު ދައްކަވަމުން، ޤައުމުގެ ތަރައްޤީއަށް ސަރުކާރުން ކުރާ މަސައްކަތްތައް ރައްޔިތުން އެދޭ ގޮތަށް ކުރިއަށް ގެންދެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ޚާއްޞަ ސަމާލުކަމެއް ދެއްވާކަން ފާހަގަކުރެއްވިއެވެ.

ސާޖިދާ މުހައްމަދުގެ ވާހަކަފުޅުގައިވަނީ ސިޔާސަތުތަކާއި ޤަވާއިދުތަކާއި ޤާނޫނުތައް އެކުލަވައިލާއިރު ރައްޔިތުންގެ އުންމީދުތަކާ މެދު ވިސްނުމަށް ކަމާބެހޭ ފަރާތްތަކަށް ގޮވާލައްވާފައެވެ.

މިއަދު ކުރިއަށްދިޔަ މަސައްކަތު ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ، މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެމް.ބީ.އެސް.) އާއި މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް އަދި ޕާރޓްނަރޝިޕް އިން ސްޓެޓިސްޓިކްސް ފޮރ ޑިވެލޮޕްމަންޓް އިން ދަ ޓުވެންޓީ ފަރސްޓް ސެންޗަރީ (ޕީ.އޭ.އާރް.އައި.އެސް.21) އާ ގުޅިގެން ކޮށްފައިވާ ދިރާސާގެ އަލީގައި، ރާއްޖޭގެ ސިޔާސަތުތައް ކަނޑައެޅުމުގެ މަރުހަލާގައި މިންތީގެ ހަމަހަމަ މަޢުލޫމާތު ހިމެނުމުގެ މުހިންމުކަމުގެ މައްޗަށެވެ.

ރާއްޖޭގައި ސިޔާސަތުތައް ކަނޑައެޅުމުގައި ޖެންޑަރ ޑޭޓާ ބޭނުންކުރެވޭ މިންވަރު ދެނެގަތުމުގެ ގޮތުން ކަމާއި ގުޅުންހުރި ފަރާތްތަކުންވަނީ ދިރާސާއެއް ކޮށްފައެވެ. މިދިރާސާގެ އަލީގައި އެއްކުރެވިފައިވާ މަޢުލޫމާތު ނުވަތަ ނަތީޖާ ސަރުކާރުގެ އެކި އިދާރާތަކާއި ހިއްސާކުރުމުގެ ގޮތުންވަނީ ކަމާއި ގުޅުންހުރި އިދާރަތަކާއެކު ވޯކްޝޮޕެއް ކުރިއަށްގެންގޮސްފައެވެ. މިދިރާސާ ކުރިއަށް ގެންގޮސްފައިވަނީ ސަރުކާރުގެ އެކި އިދާރާތަކާއި ގުޅިގެން ސްޓޭކްހޯލްޑަރ ވޯކްޝޮޕް އަދި ސިޔާސަތު އެކުލަވާލުމުގައި ހަރަކާތްތެރިވި އެކި ފަރާތްތަކާއި އިންޓަރވިއު ކުރެވިގެންނެވެ.

މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން ވިދާޅުވީ މިދިރާސާއިން އެންމެ ބޮޑަށް ފާހަގަވެގެންދިޔައީ ރާއްޖޭގައި ސިޔާސަތުތައް ކަނޑައެޅުމުގައި ޖެންޑަރ ޑޭޓާއަށް ރިޢާޔަތް ނުކުރާކަންކަމަށެވެ. އަދި އެފަދަ މާހައުލެއް ނުވަތަ ވައްޓަފާޅިއެއްވެސް ޤާއިމުވެފައި ނެތްކަމެވެ. އެގޮތަށް ޢަމަލުކުރެވުމުގެ މައިގަނޑު ސަބަބުތަކުގެ ތެރޭގައި މުއައްސަސާތަކުގެ މެދުގައި ޑޭޓާ ހިއްސާ ކުރާނެ ނިޒާމެއް ޤާއިމުވެފައި ނެތުމާއި، ޤައުމީ ތަރައްޤީގެ ދުރު ރާސްތާ ޕްލޭނެއް ޤާއިމުކުރެވިފައި ނެތުން ހިމެނޭ ކަމަށް ސްޓެޓްސް ބިއުރޯއިން ވިދާޅުވެއެވެ. އަދި މިކަން ޙައްލުކުރުމުގައި މީޑިޔާއާއި ލޯކަލް ކައުންސިލްތަކަށް ވަރަށް ބޮޑު ދައުރެއް އަދާކުރެވޭނެކަމަށް އެބިއުރޯއިން ފާހަގަކުރައްވައެވެ.

ރާއްޖޭގައި ސިޔާސަތުތައް ކަނޑައެޅުމުގައި ޑޭޓާ ބޭނުންކުރުން އިތުރުކުމަށް ކުރެވިދާނެ ކަންކަމަށްވެސް މިދިރާސާގައި އަލިއަޅުވާލެވުނެވެ. މީގެ ތެރޭގައި ދިރާސީ ހެކީގެ މައްޗަށް ކަންކަން ނިންމުމުގެ ނިޒާމެއް ޤާއިމުކުރުމަށް ބޭނުންވާ އިންސާނީ ވަސީލަތް އިތުރުކުރަންޖެހޭ ކަމަށް ސްޓެޓްސް ބިއުރޯއިން ވިދާޅުވެއެވެ. ހަމައެއާއެކު ދިރާސާކުރުމުގެ ޘަޤާފަތެއް ޤާއިމުކުރުމަކީވެސް މިކަމަށް ގެނެވޭނެ ހައްލެއްކަމަށް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން ވިދާޅުވެއެވެ.