ޚަބަރު

ސްޓެލްކޯއިން ޚާއްސަ ކުޑަކުދިންގެ ހަވީރެއް ބާއްވައިފި


ކޮންމެ އަހަރެއްގެވެސް މާރޗް އަދި އޭޕްރީލް މަހަކީ ރާއްޖޭގައި ހޫނު މިން އަހަރުގެ އެހެން ދުވަސްވަރަށްވުރެ މަތިވާ ދުވަސްވަރެކެވެ.

ހޫނުން ސަލާމަތްވުމަށާއި އަދި ފިނި ބުއިންތައް ބޭނުންކުރުމާއި މި ނޫންވެސް މިފަދަ ސަބަބުތަކަށްޓަކައި، މި ދުވަސްވަރަކީ ކަރަންޓްގެ ބޭނުން އިތުރުވެގެންދާ ދުވަސްވަރެކެވެ. މިކަންކަމާ ގުޅިގެން ކަންޓް ބިލް ބޮޑުވުމަކީވެސް ފާހަގަކުރެވޭ ކަމެކެވެ. މިކަމަށް ރައްޔިތުން ސަމާލުކުރުމަށާއި ކަރަންޓް ޚަރަދުކުޑަކުރުމަށް ބާރުއެޅުމުގެ ގޮތުން ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކުން ހޭލުންތެރިކަމަށް މަސައްކަތްކުރައްވައެވެ. އަދި ކަރަންޓްގެ ޚިދުމަތްދޭ ސަރުކާރުގެ ކުންފުނިތަކުންވެސް މިކަމަށް މަސައްކަތް ކުރެއެވެ. ސްޓެލްކޯއިން މިކަމަށްޓަކައި މިވަނީ މާލޭގައި ކުޑަކުދިންގެ ބަގީޗާގައި ކުޑަކުދިންގެ ހަވީރެއް ފާހަގަކޮށްފައެވެ. މި ފަދަ ހަވީރެއް ކުޑަކުދިންނަށް ޚާއްޞަކުރުމުގެ ބޭނުމަކީ ކަރަންޓްގެ ޚަރަދުކުރަން ޢަމަލުކުރާނެ ގޮތުގެ ސާދާ މަޢުލޫމާތު ކުޑަކުދިން މެދުވެރކޮށް، ޢާއިލާތަކުގެ އެހެން މެންބަރުންނަށް ކަރަންޓް ޚަރަދުކުޑަކުރަން ހިއްވަރުދީ ބާރުއެޅުމެވެ.

ކުޑަކުދިންގެ ބަގީޗާގައި ބޭއްވި ކުޑަކުދިންގެ ހަވީރު ރަސްމީގޮތުން ހުޅުއްވައިދެއްވީ ޕަބްލިކް ސަރވިސް މީޑިއާގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޚަލީލާއި ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުއްޝަކޫރު ޞާލިޙެވެ. މިހަވީރުގައި ކަރަންޓްގެ ޚަރަދުކުޑަކުރާނެ ގޮތުގެ ތަފާތު މަޢުލޫމާތު ކުޑަކުދިން ޝައުޤުވެރިވާނެ އަދި ފަސޭހައިން ދޭހަވާނެ ގޮތަށް ދެވޭފަދަ ސްޓޯލްތައް ބަހައްޓައިގެން ދީފައިވެއެވެ.

ކަރަންޓާ ގުޅުންހުރި ތަފާތު ސްޓޯލްތަކުން ވަނީ ކަރަންޓް އުފެދޭ ގޮތާއި އެނަރޖީ ސޭވްކުރެވޭ ގޮތާއި ކަރަންޓް ބޭނުންކުރަން އެންމެ ރަނގަޅު ގޮތްތައް ދައްކައިދީފައެވެ. މީގެއިތުރަށް ކުޑަކުދިންނާގުޅޭ ތަފާތު އެކިއެކި ޙަރަކާތްތައްވެސް މި ސްޓޯލްތަކުން ވަނީ ކުރިއަށް ގެންގޮސްފައެވެ.

ކުޑަކުދިންގެ ޚާއްޞަކޮށްގެން ކުރިއަށްދިޔަ މި ހަވީރުގައި ބައިވެރިވި ކުދިން ބުނީ ކަރަންޓް ބޭނުންކުރާނެ ގޮތް އެނގިއްޖެކަމަށާއި، އަދި ޚަރަދުކުޑަކުރާނެ ގޮތްވެސް އެންގުނުކަމުގައެވެ. މި ކުޑަކުދިންގެ ހަވީރުގައި ޙަރަކާތްތެރިވި އޮފިޝަލުން ތިއްބެވީ ޕީއެސްއެމުން ލޯންޖްކޮށް މުހިންމު ބައެއް ކުންފުނިތަކާއި މުއައްސަސާތަކުން އެކްޑޯޒްކޮށްފައިވާ ރެސްޕެކްޓް ކެމްޕެއިންގެ ލޯގޯޖެހި ޓީޝާރޓް ލައިގެންނެވެ. ސްޓެލްކޯއަކީ ރެސްޕެކްޓް ކެމްޕެއިންގެ ޙަރަކާތްތަކަށް އިސްކަންދޭ ކުންފުންޏެކެވެ.