ޚަބަރު

ސްޓެލްކޯގެ ޗެއަރމަނަކަށް ލަޠީފް، އެސްޓީއޯގެ ޗެއަރމަނަކަށް އާމިރު މަންސޫރު


  • އެޗްޑީސީގެ ޑިރެކްޓަރުންގެ ބޯޑަށް އަލަށް 6 ފަރާތަކު ވަނީ ޢައްޔަންކޮށްފައި

  • އެސްޓީއޯގެ ޗެއަރމަންކަމަށް ބޯޓިން އެސޯސިއޭޝަންގެ ރައީސް ޢާމިރު މަންސޫރު

  • އަދި އެސްޓީއޯ އާއި އާސަންދައިގެ ބޯޑުން ހުސްވެފައިވާ މަޤާމަށް ވެސް، މީހުން ވަނީ އައްޔަންކޮށްފައި

ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުގެ ޑިރެކްޓަރުންގެ ބޯޑަށް، ބަދަލުތަކެއް ގެނެސްފިއެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން (ޕީސީބީ)ން ވިދާޅުވީ "ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވެޓައިޒް ކުރުމާއި، އަދި މޮނިޓަރކޮށް އިވަލުއޭޓް ކުރުމުގެ ޤާނޫނު"ގައިވާ ގޮތުގެ މަތިން ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުގެ ޑިރެކްޓަރުންގެ ބޯޑަށް 5 ޑިސެންބަރުން ފެށިގެން ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ.

އެގޮތުން، ހައުސިން ޑިވަލޮޕްމެންޓް ކޯޕަރޭޝަންގެ ޑިރެކްޓަރުންގެ ބޯޑުން 8 ބޭފުޅަކު ވަކިކޮށް، ޕީސީބީން ވަނީ އެ މަޤާމަށް 6 ބޭފުޅަކު އައްޔަންކޮށްފައެވެ.

ހައުސިން ޑިވަލޮޕްމެންޓް ކޯޕަރޭޝަންގެ ޑިރެކްޓަރުންގެ ބޯޑަށް އަލަށް އައްޔަންކުރި ފަރާތްތައް:

• ޢާރިފް ޢަބްދުއްޞަމަދު/ ދަފްތަރު ނަންބަރު ރސ9241
• މުޙައްމަދު ވިޝާމް/ ވ. ރަސްމީރުފިޔަ
• އުލާ މުޙައްމަދު ރަޝީދު/ ގ. ގަސްކަރަ
• އިބްރާހިމް ޔޫސުފްފުޅު/ އަތިރީގެ، ނ. ވެލިދޫ
• އަޒްހަރު ޢަބްދުﷲ ސަޢީދު/ ސީނާސް، ގދ. މަޑަވެލި
• މުޙައްމަދު ވަޙީދު/ މަބުސްތާނުގެ، ހއ. ފިއްލަދޫ

ޕީސީބީން ވިދާޅުވީ ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ)ގެ ޗެއަރމަންކަމާއި، ޑިރެކްޓަރުންގެ ބޯޑުގައި ހުންނެވި ބްރިގޭޑިއަރ ޖެނެރަލް ރިޓަޔަރަޑް އިބްރާހީމް މުޙައްމަދު ދީދީ އެ މަޤާމުން އިސްތިއުފާދެއްވާފައިވާތީ، އެ މަޤާމަށް ވ. މޫދުފެހި މުޙައްމަދު ލަޠީފް އައްޔަންކުރައްވާފައިވާ ކަމަށެވެ. މުޙައްމަދު ލަޠީފް ވަނީ ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރުކަން 8 މަސް ވަންދެން އަދި ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރުކަން 10 އަހަރު ވަންދެން ކުރައްވާފައެވެ. ލަޠީފް ވަނީ ސްޓެލްކޯގައި 34 އަހަރު ވަންދެން މަސައްކަތް ކުރައްވާފައެވެ.


މީގެ އިތުރުން ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)ގެ ޗެއަރމަންކަމާއި ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުގެ މަޤާމުގައި ހުންނެވި ޙާމިދު ނަޝީދު ވަކިކޮށް، އެ މަޤާމަށް މއ. މަނަސް ޢާމިރު މަންސޫރު ޕީސީބީން ވަނީ އައްޔަންކުރައްވާފައެވެ.

މީގެ އިތުރުން، އެސްޓީއޯ އާއި އާސަންދަ ކޮންޕެނީގެ ޑިރެކްޓަރުންގެ ބޯޑުން ހުސްވެފައިވާ މެންބަރުކަމުގެ މަޤާމަށްވެސް، ޕީސީބީން ވަނީ މެންބަރުން ޢައްޔަންކުރައްވާފައެވެ.