ޚަބަރު

ނައިބޮލި ވޮލީ ޗެލެންޖްގެ ފައިނަލަށް ޓީމްތައް ދަތުރުކޮށްފި


  • ފައިނަލު 2 މެޗު ހުކުރު ދުވަހު

ނައިބޮލި ވޮލީ ޗެލެންޖް 2026 ގެ ފައިނަލުގައި ވާދަކުރާނެ ޓީމްތައް ކަށަވަރު ވެއްޖެއެވެ. މުބާރާތުގެ ދެ ޑިވިޝަންގެ ފައިނަލުންވެސް ޖާގަ ހޯދި ޓީމަކީ ނައިފަރު ޗެލްސީ ސްޕޯރޓްސް ކްލަބެވެ.

މުބާރާތުގެ ފިރިހެން ޑިވިޝަންގެ ފައިނަލުން ނައިފަރު ޗެލްސީ ޖާގަ ހޯދީ ސެމީފައިނަލުގައި ސީދާ ތިން ސެޓުން ޖީޖީ ސްޕޯރޓްސް ބަލިކޮށްގެންނެވެ. މެޗުގެ ސެޓްތައް ނައިފަރު ޗެލްސީން ގެންދިޔައީ 25-19, 25-12 އަދި 25-11 ނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ނައިފަރު ޗެލްސީގެ އިންޑިޔާ ކުޅުންތެރިއަކީ މަހެންދުރަ އެވެ.

ފައިނަލުގައި ޗެލްސީ ވާދަކުރަން ޖެހޭނީ ބަޒޫކާ ސްޕޯރޓްސް ކްލަބާއެވެ. ބަޒޫކާ ފައިނަލަށް ދަތުރުކުރީ ލީގު ބުރުގެ އެއްވަނަ ޓީމްގެ ގޮތުގައެވެ. ލީގު ބުރުގައި ބަޒޫކާ ވަނީ ސީދާ ތިން ސެޓުން ޗެލްސީ ބަލިކޮށްފައެވެ. މުބާރާތުގެ ފައިނަލު މެޗު ކުޅޭނީ ހުކުރު ދުވަހުގެ ރެއެވެ.

އަންހެން ޑިވިޝަންގެ ފައިނަލުން ޖާގަ ހޯދީ ނައިފަރު ޗެލްސީ އާއި ޖީޖީ ސްޕޯރޓްސް އެވެ. ލީގު ބުރުގެ އެއްވަނަ ޓީމްގެ ގޮތުގައި ސެމީ ފައިނަލަށް ދަތުރުކުރީ ނައިފަރު ޗެލްސީ އެވެ. އެޓީމުން ވަނީ ލީގު ބުރުގައި ދެ ފަހަރު ޖީޖީ ސްޕޯރޓްސް ބަލިކޮށްފައެވެ. ޖީޖީ އަކީ މިދިޔަ ތިން އަހަރުގެ އަންހެން ޑިވިޝަންގެ ޗެމްޕިއަން ޓީމެވެ.

ނައިފަރު ކައުންސިލު ނައިބޮލި ވޮލީބޯޅަ ޗެލެންޖްގެ އަންހެން ޑިވިޝަންގެ ފައިނަލު މެޗު ކުޅޭނީ ހުކުރު ދުވަހުގެ ރެއެވެ.