ޚަބަރު

50 ދުވަހުގެ ތެރޭގައި އަމީނީ މަގު ނިންމަނީ، ކުރިން ނިންމި ބަޔަށްވުރެ ފުޅާވާނެ


  • އަޒުމަކީ 45 ދުވަހާއި 50 ދުވަސް ތެރޭ މަސައްކަތް ނިންމުން

  • ކުރިން ނިމުނު 11 ސެގްމަންޓައްވުރެއް މި ދެ ސެގްމަންޓް ފުޅާވާނެ

  • މި މަޝްރޫއަށް 84.4 މިލިއަން ރުފިޔާ ޚަރަދުކުރޭ

މަސައްކަތް މެދުކަނޑާލާފައި އޮތް އަމީނީ މަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ. ޖުމްލަ 13 ސެގްމަންޓް ހިމެނޭ އަމީނީ މަގުގެ މަސައްކަތުގައި މިހާތަނަށް ނުނިމިވަނީ، ފަހު ދެ ސެގްމަންޓްގެ މަސައްކަތެވެ. އެއީ ދިވެހިރާއްޖޭގެ އަޑުން ފެށިގެން، މާފަންނަަށް އަމީނީމަގުގައި ބާކީ އޮތް ސަރަހައްދެވެ. މިއަދު ފަށާފައިވަނީ މެދުކެނޑިފައިއޮތް ދެ ސެގްމެންޓުގެ މަސައްކަތެވެ. މި މަސައްކަތް ފައްޓަވައުދެއްވީ ރޯޑް ޑިވްލޮޕްމަންޓް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ އަލީ ޒުހައިރެވެ.

އަމީނީ މަގުގައި ތާރުއެޅުމުގެ މަސައްކަތް މިދިޔަ ސަރުކާރުން އާރްޑީސީއާ ހަވާލުކޮށްގެން ފަށާފައިވަނީ 12 ސެޕްޓެމްބަރު 2022ގައެވެ. ކުރީ ސަރުކާރުގައި މަސައްކަތް ކުރީ ދަޢުރު ނިމުމުގެ ކުރިން އަމީނީ މަގުގައި ތާރު އަޅާ ތަރައްޤީކުރުމުގެ މަސައްކަތް ނިންމުމަށެވެ. ނަމަވެސް މަސައްކަތް ލަސްވެ، މަގުގެ މަސައްކަތް ނިމޭގޮތް ވަނީ ނުވެފައެވެ.

އަމީނީމަގުގެ ފަހު 2 ސެގްމަންޓްގެ މަސައްކަތް ފެށުމާއި ގުޅިގެން ޕީއެސްއެމްނިއުސްއަށް މައުލޫމާތު ދެއްވަމުން އާރްޑީސީގެ މެނޭޖަރ އޮފް ރޯޑް އިމްޕްލިމަންޓް އިބްރާހީމް ޤާސިމް ވިދާޅުވީ އެކުންފުނީގެ ޢަމާޒަކީ 45އާއި 50 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމުންކަމަށެވެ. ނަމަވެސް އެހެންނަމަވެސް ވިއްސާރަޔާއި ބިމުގެ އަޑީގެ ހާލަތައް ބެލުމަށްފަހު މަސައްކަތައް ލަސްތަކެއް އައުމަކީ އެކަށީގެންވާކަމެއްކަމަށް އޭނާ ވިދާޅުވިއެވެ. ގާސިމް ވިދާޅުވީ މީގެ ކުރިން ހެދިފައިވާ ސެގްމަންޓްތަކުގައިވެސް މި ފަދަ ދަތިތަކާއި ކުތިމަލާން ޖެހުންކަމަށެވެ.

"އަޅުގަނޑުމެން މަސައްކަތް މި ކުރަނީ 45 ދުވަހާއި 50 ދުވަހާއި ދެމެދު މަސައްކަތް ނިންމުމުގެ އަޒުމުގައި. ދެން މީގައި ވިއްސާރަޔާއި ދެން ބިމުއަޑީގެ ހާލަތަު އަޅުގަނޑުމެން ކުރިންވެސް ނޭނގޭތީ ކޮންމެ ސެގްމަންޓެއްގައިވެސް ގޮންޖެހުންތަކެއް އެބަ ދިމާވޭ. ކޮނުނީމަ މި އިނގެނީ އަޑިއޮތް ގޮތް. އަޅުގަނޑުމެން އަދި ޝެޑިއުލްއެއްކޮށްގެން 45 ދުވަހާއި 50 ދުވަސް ޖެހިއެއްކަމަކު ކޮނެލީމައި މި އިނގެނީ އަޑީގެ ހާލަތު. އެހެންވީމަ އެހާލަތައް ބަލާފައި އަޅުގަނޑުމެއްނަށް އެކްޗުއަލް ޑޭޓެއް ދޭން އިނގޭނީ" ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ މިހާރު މަސައްކަތްކުރިއަށްގެންދާ ދެ ސެގްމަންޓުގެ ސްކޯޕަށް ބަދަލުތަކެއް އައިސްފައިވާކަމަށެވެ. އެގޮތުން މިހާރު މަސައްކަތްކުރާ އަމީނީ މަގުގެ ދެ ސެގުމެންޓުގައި ހިމެނޭ ސަރަހައްދު ތަރައްޤީކުރަނީ ކުރިން ނިމިފައިވާ 11 ސެގްމަންޓަށްވުރެ ފުޅާވާނެކަމަށެވެ. އަދި މި ސެގްމަންޓްގައި 4 ލޭން ހިމެނޭއިރު މި 4 ލޭން ގެ މަސައްކަތް ނިމޭއިރު އާންމުންނަށް ވަރަށް ބޮޑަށް ފަސޭހަވެގެން ދާނެކަމަށް ޤާސިމް ވިދާޅުވިއެވެ.

އަމީނީ މަގަކީ މާލޭގެ ކާރޫ ބާރު ބޮޑުމަގަކަށް ވުމާއެކު އަމީނީމަގުގެ ޓްރެފިކް ފްލޯއަށް މި ވަނީ ބޮޑު ބަދަލުތަކެއް ގެނެސްފައެވެ.

ކުރީ ސަރުކާރުގައި އަމީނީ މަގު ނިންމަން ދީފައިވާ ތާރީޚަކީ މިއަހަރުގެ ފެބްރުއަރީ މަހެވެ. ނަމަވެސް އެ މަސައްކަތް ނުނިމި ލަސްވުމުން އޭރުގެ ސަރުކާރުން ވަނީ ސެޕްޓެމްބަރު މަހުގެ 27 އަށް އެ މަސައްކަތް ނިންމާނެ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް 11 ވަނަ ސެގްމެންޓްގެ މަސައްކަތް ސެޕްޓެމްބަރު މަހު ކުރީކޮޅު ނިންމާލުމަށް ފަހު އެ މަސައްކަތް ވަނީ މެދުކެނޑާލީ އިންތިޚާބާ ދިމާކޮށެވެ.

އަމީނީ މަގުގެ މަސައްކަތަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެންމެ އިސްކަމެއް ދެއްވައިގެން ކުރިއަށް ގެންދާ "ހަފްތާ 14"ގައި ހިމެނޭ މަސައްކަތެއްވެސްމެއެވެ.

ސަރުކާރުން 84.4 މިލިއަން ރުފިޔާ ޚަރަދުކުރައްވައިގެން ކުރިއަށްގެންދާ އަމީނީ މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން 1.79 ކިލޯމީޓަރުގެ ސަރަހައްދެއް ތާރު އަޅައިގެން ޒަމާނީ ފެންވަރަށް ތަރައްޤީކުރާނެއެވެ.