ކުޅިވަރު

މުޒާހަރާ ކުރިޔަސް ބާސެލޯނާ، ޕީއެސްޖީ މެޗު ކުޅޭނެ: ފްރާންސް


ފްރާންސްގައި މުޒާހަރާކޮށް، ތަންތަން ލޫޓުވައި ހެދި ނަމަވެސް ޔޫރަޕިއަން ޗެމްޕިއަންސް ލީގުގައި އެ ގައުމުގެ ޕީއެސްޖީ އާއި ސްޕޭނުގެ ބާސެލޯނާ ޕެރިހުގައި ކުޅޭ މެޗު އޮންނާނެ ކަމަށް ފްރާންސްގެ ސަރުކާރުން ބުނެފިއެވެ.

ފްރާންސްގެ ބޮޑު ވަޒީރު ސެބަސްޓިއަން ލެކޮރޫނިއު ވިދާޅުވީ އެ ގައުމުގެ މަގުތަކުގައި ކުރަމުންދާ މުޒާހަރާތަކާއި ހަމަނުޖެހުންތައް ހުއްޓުވަން ކާފިއު ވެސް އިއުލާނު ކުރަން ޖެހިދާނެ ކަމަށެވެ.

"ކާފިއު ހިންގުމަކީ ވަރަށް އުނދަގޫ ކަމަކަށްވާނެ. އެކަމަކު ހަމަނުޖެހުންތައް ހުއްޓުވަން އަޅަން ޖެހުނު ކޮންމެ ފިޔަވަޅެއް އަހަރުމެން އަޅަން ތައްޔާރު. މި ގޮތުން ކާފިއު ވެސް އިއުލާނު ކުރަން ޖެހިދާނެ،" ބޮޑުވަޒީރު ވިދާޅުވިއެވެ.
ނަމަވެސް މަގުތަކަށް ނުނުކުމެވޭ ގޮތަށް އާއްމުން ގޭގައި ބަންދު ކުރާނީ ކޮން މަގުތަކެއްގައި ކަމެއް ބޮޑު ވަޒީރު ވިދާޅެއްނުވެއެވެ. ފްރާންސްގެ ސަރުކާރާ ދެކޮޅަށް ކުރަމުންދާ މުޒާހަރާތަކާހުރެ ފްރާންސްގެ ލީގުގައި ލިލް އާއި މޮނާކޯ ކުޅެން އޮތް މެޗު ވެސް ވަނީ ކުޅެވޭ ގޮތް ނުވެފައެވެ.

ނަމަވެސް މިރޭ ދަންވަރު ޕީއެސްޖީގެ ދަނޑުގައި ކުޅެން ޖެހޭ މެޗަށް ބާސެލޯނާ މިހާރު ވަނީ ފްރާންސަށް ގޮސްފައެވެ. އަދި ޕީއެސްޖީން ވެސް ވަނީ އެއްވެސް ދައްޗެއް ނެތި މި މެޗު ކުޅެވޭނެ ކަމަށް އުއްމީދު ކުރާ ކަމަށެވެ.

ފްރާންސްގެ ބޮޑުވަޒީރުގެ އިތުރުން އެ ގައުމުގެ އިންޓީރިއާ މިނިސްޓަރު ލޯރެންޓް ނޫނޭޒް ވެސް މެޗު ފަސް ކުރުމުގެ އެއްވެސް ވިސްނުމެއް ނެތް ކަމަށެވެ.

"އަހަރުމެން މި މެޗު ފްރާންސްގައި ބާއްވާނަން. މެޗު ކެންސަލް ކުރުމުގެ އެއްވެސް ވިސްނުމެއްނެތް. މެޗަށް ހުރަސް އެޅޭނެ ކަމެއް އޮތްނަމަ އެކަން ހުއްޓުވަން އަހަރުމެން މިތިބީ ތައްޔާރަށް،" މިނިސްޓަރު ވިދާޅުވި އެވެ.

ފްރާންސްގެ ޕީއެސްޖީ އަކީ ޗެމްޕިއަންސް ލީގުގެ އެންމެ ފަހުގެ ދެ އަހަރުގެ ޗެމްޕިއަނުންނެވެ. އަދި ބާސެލޯނާ އާއި ޕީއެސްޖީގެ މެޗަކީ މި ފަހަރަކަށް އައިސް އެންމެ ގިނަ ބަޔަކު ބަލާ، އަދި ފޯރިގަދަވެގެންދާ މެޗެވެ.